ހައްޖަކީ ދުނިޔަވީ ހަޔާތުގެ ކުޑަ ދަތުރެއް, އާޚިރަތުގެ ދާއިމީ އުފާ ހޯދަން މަސައްކަތް ކުރަން ޖެހޭ: ޚުތުބާ

ދިވެހި ޙައްޖުވެރިން: -- ފޮޓޯ/ ޙައްޖު މިޝަން

ހައްޖަކީ އިންސާނާގެ ދުނިޔަވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއްކަން ދަނެ، އާޚިރަތުގެ ދާއިމީ އުފާވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ގައި ނަސޭހަތްތެރިވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި، ހައްޖުގެ މަތިވެރި އަޅުކަމުން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައިފިއެވެ. އެގޮތުން ދުނިޔޭގެ ވަގުތީ އުފާތަކަށް ހެއްލި ނުދިއުމަށް އިންޒާރުކޮށް، ތަގުވާވެރިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ޚުތުބާގައި ބުނެފައިވާ ގޮތުގައި، ހައްޖުވެރިޔާ އިހުރާމް ބަންނަ ހިނދުން ފެށިގެން ހައްޖުގެ މަނާސިކުތައް ނިމެންދެން ކުރިއަށްދާ ގޮތަކީ، އިންސާނާ އޭނާގެ ހަޔާތުގައި ދުނިޔަވީ ދުވަސްތައް ވޭތިކުރަމުންދާ ގޮތުގެ މިސާލެކެވެ.

"ހައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ ޝައީރާތަކުން ކަށަވަރުވެ އެނގޭ އެއް ހަގީގަތަކީ ހައްޖަކީ އިންސާނާގެ ދުންޔަވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއްކަން," ގައި ބުންޏެވެ.



މީގެ އިތުރުން، އިހުރާމް ބަނުމާއެކު ކުރިން ހުއްދަ ކަންތައްތަކެއް ހަރާމްވެގެން ދިއުމަކީ، މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމަށާއި ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމަށް ލިބޭ ވަރަށް ފުރިހަމަ އަމަލީ ތަމްރީނެއްކަން ވަނީ ފާހަގަކޮށްފައެވެ. ހައްޖުވެރިޔާ މައްކާގައި ޠަވާފުކުރުމަށްފަހު، މިނާއާއި އަރަފާތް އަދި މުޒްދަލިފާއަށް ކުރާ ދަތުރުތަކާއި، އެއް ނުސުކުން އަނެއް ނުސުކަށް ބަދަލުވުމަކީ ދިރިއުޅުމުގައި އެއް ކިޔަމަންތެރިކަމުން އަނެއް ކިޔަމަންތެރިކަމަށް ބަދަލުވުން ހަނދާންކޮށްދޭ ކަމެއް ކަމަށްވެސް ގައި ބުންޏެވެ.

ހައްޖަކީ ޖާނާއި މުދާ ހޭދަކޮށްގެން ކުރާ ބުރަ އަޅުކަމެއްކަން ފާހަގަކުރަމުން، އެ އަޅުކަމުގެ ތެރޭގައި ކެތްތެރިވެ، ރުޅިވެރިކަމާއި އަރާރުންވުމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. ކީރިތި ރަސޫލާގެ ހަދީސްފުޅަކާ ހަވާލާދީ ޚުތުބާގައި ބުނެފައިވަނީ، ހައްޖުވުމުގެ ތެރޭގައި ޖިމާއުވުމެއް އަދި އުރެދުމެއް ނެތި ހައްޖުވެއްޖެ މީހާ، މައިމީހާގެ ބަނޑުން އޭނާ އުފަންވީ ދުވަހެކޭ އެއްފަދައިން ފާފަތަކުން ޠާހިރުވެގެން އެނބުރި އަންނާނެ ކަމަށެވެ. އަދި ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ ފަރާތްތަކުންވެސް، ހައްޖުވެރިން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ، ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ގުރުއާން ކިޔެވުމާއި ޒިކުރުކުރުމުގައި ހީވާގިކަމާއެކު ވާޖިބުތައް އަދާކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މަބްރޫރު ހައްޖެއްގެ ޖަޒާއަކީ ސުވަރުގެކަން ހަނދާންކޮށްދެމުން، ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު ފާފަތަކަށް އަރައިނުގަތުމަށް އަޒުމު ކަނޑައެޅުމުގެ މުހިންމުކަން ވަނީ އަންގަވާފައެވެ.

ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަންނަ އަޟްހާ އީދުގެ އުފާވެރި މުނާސަބަތަށް އިޝާރާތްކޮށް، މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރުމަށް ޚުތުބާގައި ވަނީ ބާރުއަޅާފައެވެ. އީދު ފާހަގަކުރާއިރު މުސްލިމް އަޚުންނާއި އުޚުތުންގެ މެދުގައި އެކުވެރިކަމާއި ލޯބީގެ ޝުއޫރުތައް ފާޅުކުރުމަށް ގޮވާލަމުން ޚުތުބާގައި ބުނެފައިވަނީ ރުޅިވެރިކަމާއި ނަފުރަތާއި ހަސަދަވެރިކަން ދޫކޮށް އެއްބަނޑު އެއްބަފާ އަހުންތަކެއްކަމުގައި ވުމަށެވެ. އަދި އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުސޫލުތަކާއި ޝަރުއީ ހަމަތަކަށް ރިއާޔަތްކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ޚުތުބާ ނިންމާލަމުން މައިގަނޑު ގޮތެއްގައި ބާރުއަޅާފައިވަނީ ހައްޖަށްފަހު އިންސާނާގެ ދިރިއުޅުމަށް ގެންނަންޖެހޭ ހެޔޮ ބަދަލުތަކުގެ މައްޗަށެވެ. އެގޮތުން، ދިރިއުޅުމަށް މަސައްކަތްކުރުމާއެކު، ރަހިމުގެ ގުޅުން ދެމެހެއްޓުމަށާއި، މުޖުތަމައުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ކުރިއެރުވުމަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް ވަނީ ގޮވާލާފައެވެ. މިއާއެކު، ހައްޖުގެ އަޅުކަމުން ލިބުނު ތަމްރީނުގެ އަލީގައި، ކުރިއަށް އޮތް ތަނުގައިވެސް ހެޔޮ އަމަލުކުރުންމަތީ ދެމިތިބުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. އީދު ދުވަހަކީ ޖެހިގެން އަންނަ ބުދަ ދުވަހެވެ.

މިއަދުގެ ހުކުރު ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހައްޖުގެ މަތިވެރި އަޅުކަމުން ލިބިދޭ އިބުރަތްތަކުގެ މައްޗަށެވެ. އެގޮތުން ހައްޖަކީ އިންސާނާގެ ދުނިޔަވީ ހަޔާތުގެ ކުޑަ ދަތުރެއްކަން ހަނދާންކޮށްދީ، ދުނިޔޭގެ ވަގުތީ އުފާތަކަށް ނުހެއްލި އާހިރަތުގެ ދާއިމީ ކާމިޔާބީއަށް މަސައްކަތްކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އިހުރާމް ބަނުމާއި ހައްޖުގެ އެކިއެކި މަނާސިކުތައް އަދާކުރުމަކީ މާތް الله ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމާއި، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމަށް ލިބޭ ވަރަށް ފުރިހަމަ އަމަލީ ތަމްރީނެއްކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ހައްޖަށްފަހު ފާފަތަކާ ދުރުހެލިވެ ހެޔޮ އަމަލުކުރުންމަތީ ދެމިތިބުމަށް ޚުތުބާގައި ބާރުއަޅާފައިވެއެވެ. އަދި ކުރިއަށް އޮތް އަޟްހާ އީދުގައި މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ރުޅިވެރިކަމާއި ހަސަދަވެރިކަން ދޫކޮށްލުމަށްވެސް އާންމުންނަށް ވަނީ ގޮވާލާފައެވެ.

  • ހައްޖުގެ މަނާސިކުތައް އަދާކުރާ ގޮތަކީ އިންސާނާ ދުނިޔޭގައި ހޭދަކުރާ ދުވަސްތަކުގެ އަމަލީ މިސާލެއްކަން ބަޔާންކުރުން.
  • ހައްޖުގެ އަޅުކަމުގައި ކެތްތެރިވުމަށާއި، ރުޅިވެރިކަމާއި އަރާރުންވުމުން ދުރުހެލިވުމަށް އިންޒާރުކުރުން.
  • ފާފައެއް ނުކޮށް ހައްޖު ފުރިހަމަކުރާ މީހާ، އޭނާ އުފަންވި ދުވަހެކޭ އެއްފަދައިން ފާފަތަކުން ޠާހިރުވާނެކަން ކީރިތި ރަސޫލާ ﷺ ގެ ހަދީސްފުޅުން ހަނދާންކޮށްދިނުން.
  • ހައްޖަށް ނުދެވޭ ފަރާތްތަކުންވެސް ގުރުއާން ކިޔެވުމާއި ޒިކުރުކުރުން ފަދަ ހެޔޮ އަމަލުތަކުގައި ދެމިތިބުމަށް ގޮވާލުން.
  • އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުސޫލުތައް ހިފަހައްޓައި، މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ބާރުއެޅުން.
comment ކޮމެންޓް