ބައިގެންދިއުމުން ނިފާސްކަމުގެ ލޭ ކަމަށް ބަލާނީ ކޮންއިރަކު؟

ނިފާސްކަމުގެ ލޭ ދެނެގަތުމަކީ އަޅުކަންތައް އަދާކުރުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެއް -- ފޮޓޯ / ލެޓަރސޭރާ.ކޮމް

ބައިގެންދިއުމަކީ ދެމަފިރީންނަށް ޚާއްސަކޮށް މައިމީހާއަށް ފުން ހިތާމައެއް ގެނުވާނެ ކަމެކެވެ. މި ހިތްދަތި ޙާލަތު ކުރިމަތިވާހިނދު އަންހެނުންގެ ހިތުގައި އުފެދޭ އެއް ސުވާލަކީ ބައިގެންދިއުމަށްފަހު އަންނަ ލެޔާ މެދު ޢަމަލުކުރާނެ ގޮތެވެ. އެހެނީ އެއީ ނިފާސްކަމުގެ ލޭތޯ ނުވަތަ އިސްތިޙާޟާގެ (ބައްޔަކާ ގުޅިގެން އަންނަ) ލޭތޯ ކަނޑައެޅުމަކީ ނަމާދާއި ރޯދަ ފަދަ އަޅުކަންތައް އަދާކުރުމަށް ޓަކައި ކޮންމެހެން އެނގެންޖެހޭނެ ފިޤުހީ މައްސަލައެކެވެ.

ފިޤުހީ ރައުޔުތައް

(ހ) ޝާފިޢީ މަޛުހަބުގައިވާގޮތުން، ބަނޑުން ބޭރުވީ އިންސާނެއްގެ އުފެދުން ފެށިފައިވާ އެއްޗެއްކަމަށް، މާހިރުން (ޑޮކްޓަރުން ނުވަތަ ފޫޅުމައިން) ބުނާނަމަ ނިފާސްކަން ސާބިތުވާނެއެވެ. އެއީ ގަރުބަގަތްތާ މަދުވެގެން ސާޅީސް އެއްދުވަހުން ފެށިގެން ބޭރުވާ ޢަލަޤާ (ލޭކޮޅު) ކަމަށް އެބޭފުޅުން ވިދާޅުވެއެވެ (އައްނަވަވީ، 1991، 1/174). މިއީ ޙަންބަލީންގެ ވެސް އެއްޤައުލެވެ (އަލްމަރްދާވީ، 2003، 1/395).

(ށ) ޙަންބަލީ މަޛުހަބުގައި ބަލައިގެންފައިވާ (މުޢުތަމަދު) ރައުޔަކީ ގަރުބަގަތުމަށްފަހު އިންސާނެއްގެ ސިފަ (އަތްފައި ފަދަ ބައިތައް) ފާޅުވާން އަށްޑިހަ އެއް ދުވަސް (ތިން މަސްދުވަސް) ނަގާނެކަމަށް ބުނުމެވެ (އަލްމަރްދާވީ، 1956، 1/387). ޝާފިޢީ މަޛުހަބުގެ އެއްޤައުލަކީ ވެސް މިއެވެ (އަލްމާވަރްދީ، 1994، 1/437).

(ނ) ގަރުބަގަންނަ ހިސާބުން ފެށިގެން އިންސާނެއްގެ ސިފަ ފާޅުވާނެ އެންމެ ކުރު މުއްދަތު ޙަނަފީ މަޛުހަބުގައި ކަނޑައަޅުއްވާފައިވަނީ ސަތޭކަ ވިހި ދުވަސް (ހަތަރު މަސްދުވަސް) ކަމުގައެވެ (އިބްނު ނުޖައިމް، 2002، 1/141).

ފިޤުހުވެރީންގެ ރައުޔުތަކުން އެނގޭގޮތުގައި، ބައިގެންދިއުމަށްފަހު އަންނަ ލެޔަކީ ނިފާސްކަމުގެ ލޭކަމުގައި ކަނޑައެޅެނީ ހަމައެކަނި ބަނޑަށްވީ މުއްދަތަށް ބަލައިގެންނެއް ނޫނެވެ. މިއާޚިލާފަށް، މިކަމުގައި މައިގަނޑު ގޮތެއްގައި ބެލެވޭ އަސާސަކީ ބައިގެންދިޔަ މާއްދާ އުފެދެމުންދިޔަ މަރުޙަލާއަށާއި، ޝަރުޢީގޮތުން އެއީ އިންސާނެއްގެ އުފެދުމުގެ މަރުޙަލާއަށް ވާޞިލުވެފައިވާ އެއްޗެއްކަމުގައި ބެލެވިދާނެތޯ ނުވަތަ ނޫންތޯއަށެވެ. މިކަން ސާބިތުވާ މަރުޙަލާއަށް (ދަރިފުޅު) ފޯރާ މުއްދަތާމެދު، އަދި އެކަން ސާބިތުކުރާނެ ހެކިތަކާމެދު ފިޤުހުވެރިންގެ މެދުގައި ޚިޔާލުތަފާތުވުންތައް އެބަހުއްޓެވެ.

ބައެއް ރައުޔުތަކުގައި، ބައިގެންދިޔަ ޓިޝޫއަކީ އިންސާނެއްގެ އުފެދުމުގެ ފެށުންކަން އިތުބާރުހުރި މާހިރުންގެ ބަހުން ކަށަވަރުވާނަމަ، ކުރީގެ މަރުޙަލާއެއްގައި ވެސް އެއީ ނިފާސްކަމުގެ ލޭކަމުގައި ސާބިތުކުރެވިދާނެކަމަށް ބަލައެވެ. ނަމަވެސް އެހެން ރައުޔުތަކުގައި ޝަރުތުކުރަނީ އަތްފައި ނުވަތަ ހަށިގަނޑުގެ އެހެނިހެން ބައިތައް އުފެދުން ފަދަ އިންސާނެއްގެ ސިފަ (ތަޚައްލުޤް) ބޭރުފުށުން ފާޅުވެ އެނގެން ހުރުމެވެ.

ސުންނަތާއި ޒަމާނީ ސައިންސު

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. ((إذا مَرَّ بالنُّطفةِ ثِنتانِ وأربَعونَ لَيلةً، بَعَثَ اللهُ إليها مَلَكًا، فصَوَّرَها وخَلَقَ سَمعَها وبَصَرَها وجِلدَها ولَحمَها وعِظامَها)) (ޞަޙީޙު މުސްލިމް، 2645). މާނައީ: "ނުޠުފާއަށް ސާޅީސްދެރޭ (ހަ ހަފުތާ) ވެއްޖެހިނދު، މާތްﷲ އެއަށް މަލާއިކަތަކު ފޮނުއްވައެވެ. ފަހެ، އެ މަލާއިކަތާ (އެކަލާނގެ އަމުރުފުޅަށް) އެ ދަރިފުޅުގެ ސޫރަ ކުރައްވައި އޭނާގެ އިވުމުގެ ހިއްސާއި ފެނުމުގެ ހިއްސާއި ހަމާއި މަހާއި އަދި ކަށިތައް އުފައްދަވައެވެ (އެބަހީ: އުފެއްދެވުމުގެ އަމުރުފުޅު ހިންގަވައެވެ)".

ޒަމާނީ އެމްބްރިއޮލޮޖީގެ ޢިލްމުން ދައްކާގޮތުގައި، އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކުގެ ބައްޓަން ސާފުކޮށް އެނގެން ފަށަނީ ގަރުބަގަތުމުގެ ކުރީކޮޅުގެ މަރުޙަލާގައި ތަދުރީޖީކޮށް (ލަސްލަހުން އެކި މަރުޙަލާތަކަށް ބެހިގެން) ނެވެ. ގަރުބަގަންނަތާ ގާތްގަނޑަކަށް ފަސްވަނަ ހަފުތާއާ ހަމައަށްދާއިރު، ސިކުނޑިއާއި ލޮލާއި ކަންފަތުގެ އިތުރުން އަތާއި ފައިގެ ބުޑުތައް އުފެދެން ފަށައެވެ. ހަވަނަ ހަފުތާގެ ތެރޭގައި، (އެބަހީ: ގަރުބަގަންނަތާ 37 ދުވަހާއި 44 ދުވަހާ ދެމެދު) އަތާއި ފައިގެ ބައްޓަން ވަކިވަކިން ވަރަށް ސާފުކޮށް އެނގެން ފަށައެވެ. މީގެއިތުރުން، ކަށި އުފެދުމުގެ ޢަމަލިއްޔާ (التَّعَظُّم) ފެށެނީ ގަރުބަގަންނަތާ ގާތްގަނޑަކަށް 44 ދުވަހާއި 48 ދުވަހާ ދެމެދުގައެވެ (ހިލް، "ކާނެގީ ސްޓޭޖް ޓޭބަލް").

ޚުލާޞާ

އިސްވެ ދިޔަ ފިޤުހީ ރައުޔުތަކާއި ޒަމާނީ މެޑިކަލް މަޢުލޫމާތުތަކަށް ރިޢާޔަތްކުރާއިރު، ބައިގެންދިއުމާއި ނިފާސްކަމުގެ ޙުކުމްތައް ތަންފީޛުކުރުމުގައި ޒަމާނީ މެޑިކަލް ހެކިތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ އެހީއެކެވެ. އިހުގެ ފިޤުހުވެރިން އެބޭފުޅުންގެ ނިންމެވުންތައް ބިނާކުރެއްވީ ދަރިފުޅު އުފެދެމުންދާ މަރުޙަލާތައް އެޒަމާނެއްގައި ބޭރުފުށުން ފެންނަން ހުންނަ ނިޝާންތަކުގެ މައްޗަށެވެ.

ނަމަވެސް، އިތުބާރުހުރި މެޑިކަލް ސްކޭންތަކާއި ތަޙްލީލުތަކުގެ އެހީގައި ގަރުބައިގެ ޙާލަތާއި އުފެދެމުންދިޔަ މަރުޙަލާ މިހާރު މާ ސާފުކޮށް ދެނެގަނެވެއެވެ. އެހެންކަމުން، ބައިގެންދިޔަ ގަރުބައަކީ ފިޤުހީ ރައުޔުތަކުގައިވާފަދަ، އިންސާނެއްގެ އުފެދުމުގެ މަރުޙަލާއަކަށް ވާޞިލުވެފައިވާ އެއްޗެއްކަން އިތުބާރުހުރި މެޑިކަލް ހެކިތަކުން ސާބިތުވާނަމަ، އޭގެ ފަހުން އަންނަ ލޭ އެއީ ނިފާސްކަމުގެ ލޭކަމުގައި ކަނޑައެޅިދާނެއެވެ.

މިއީ ސާޅީހާއި އަށްޑިހަ ނުވަތަ ސަތޭކަވިހި ދުވަހުގެ ވަކި މުއްދަތަކަށް އެކަނި ބެލުމަށްވުރެ، އިސްވެ ބަޔާންކުރެވުނު ފިޤުހީ ރައުޔުތަކުގެ ޙިކުމަތާއި ޢިލްމީ ޙުއްޖަތްތަކާ މާ ބޮޑަށް ގުޅޭ ގޮތެކެވެ. އެހެންނަމަވެސް، އިތުރަށް ތަފްޞީލީ މެޑިކަލް ހެކި ލިބެން ނެތް ޙާލަތްތަކުގައި، އެ މުއްދަތުތަކަކީ އުފެދެމުންދާ މަރުޙަލާތައް ދެނެގަތުމަށް ބޭނުންތެރި ނިޝާންތަކެއްގެ ގޮތުގައި ދެމިއޮންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް