ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ނިންމައި، ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 10 ދުވަހަށް ޖަލަށްލި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ދޫކޮށްލައިފިއެވެ.
ލީވާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މޭ 12، 2026 ގައެވެ. އެހެންކަމުން އޭނާގެ 10 ދުވަހުގެ ޖަލު ހުކުމުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ. ލީވާން ދޫކޮށްލާފައިވާއިރު، އޭނާއާއެކު ބަންދުކުރި އެ ނޫހުގެ އަނެއް ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަދިވެސް ހުރީ ޖަލު ބަންދުގައެވެ.
ވަކި ކަމަކާ ގުޅޭ އެއްވެސް ވާހަކައެއް ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް، ކްރިމިނަލް ކޯޓުން ވަނީ މޭ 10، 2026 ގައި އާންމު އަމުރެއް ނެރެފައެވެ.
އެ އަމުރު ނެރުނުކަމުގެ ޚަބަރު ލިޔުމާ ގުޅިގެން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި ލީވާން 10 ދުވަހަށް ޖަލަށްލުމުގެ އިތުރުން 10،000 ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށް ކޯޓުން ނިންމިއެވެ.
ލީވާންގެ އިތުރުން، ހަމަ އެ މައްސަލައިގައި ޖަލަށްލި މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށާއި 25،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޝަހުޒާންގެ މައްޗަށް މި ހުކުމް އައީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ހިލާފަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ކަނޑައަޅައެވެ.
ޝަހުޒާންގެ 15 ދުވަހުގެ ޖަލު ހުކުމުގެ މުއްދަތު އަދި ހަމަނުވާތީ، އޭނާ އަދިވެސް ހުރީ ބަންދުގައެވެ.
ނޫސްވެރިން ޖަލަށްލި މައްސަލައިގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. މީގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށައި، ޖަލުގައި ތިބި ނޫސްވެރިންނާ ބައްދަލުކޮށް ހާލަތު ބަލާފައެވެ.