ވަކީލު ރާއްޖޭގައި ނެތުމުން ޝައްމާނަށް ހުކުމްކުރުން ފަސްކޮށްފި

މުހައްމަދު ޝަމްއާން ވަހީދު: އޭނާއަށް ހުކުމްކުރުން ވަނީ ފަސްކޮށްފައި -- ފޮޓޯ/ އިމިގްރޭޝަން

އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލްގެ މުހައްމަދު ޝައްމާން ވަހީދުގެ ފަރާތުން އެދުމާ ގުޅިގެން އޭނާއަށް ހުކުމްކުރަން މިއަދަށް ތާވަލުކުރި އަޑުއެހުން ފަސްކޮށްފިއެވެ.

ޝައްމާނަށް ކުރަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އެކަމަކު، އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފައެވެ.

އެ މައްސަލައިގައި މިއަދު 13:00 އަށް އަޑުއެހުމެއް ތާވަލުކުރިއެވެ.

އެކަމަކު، ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޝައްމާންގެ ދިފާއީ ވަކީލު ރާއްޖޭން ބޭރުގައި ހުންނެވުމުން އެ އަޑުއެހުން ކެންސަލްކޮށްދޭން އޭނާގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، މިއަދަށް ތާވަލުކުރި އަޑުއެހުން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.

މީޑިއާ އޮފިޝަލް 'ސަން'އަށް ޔަގީންކޮށްދެއްވި ގޮތުގައި މިއަދަށް ތާވަލުކުރީ އެ މައްސަލައިގެ ހުކުމްކުރުމެވެ. އެކަމަކު، މި މައްސަލައިގެ ހުކުމްކުރުން ދެން އޮންނާނެ ދުވަހެއް ކޯޓުން ނުބުނެއެވެ.

https://sun.mv/218378

މި މައްސަލައިގައި ވާނުވާ ބަންދުގައި ހުރުމަށް ފަހު، މިދިޔަ ޑިސެންބަރު 25 އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ބައެއް ސިޔާސީ ކަންކަމުގައި ވެސް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެ ގޮތުން، ގައުމީ ޔުނިވާސިޓީގެ ދަނާލުގައި އަންހެން ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން އަމަލުކުރި ގޮތުން ވެސް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަންސްގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ޝައްމާން ހައްޔަރުކުރީ ބިދޭސީންގެ އަތުން ފައިސާ ނަގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. އޭނާއާ އެކު އިތުރު ބަޔަކު ވެސް ހައްޔަރުކުރިއެވެ. ފުލުހުން ތުހުމަތުކުރަނީ އެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ބަންދުން ދޫކޮށްލީ ކަމަށެވެ.

ޝައްމާނަށް ކުރާ ދައުވާތަކާ ގުޅިގެން އޭނާގެ ދިފާއުގައި މަންމައާއި ބައްޕަ އަދި އަންހެނުން ވެސް ހެކިބަސް ދީފައިވެއެވެ.

https://sun.mv/215849

ޝައްމާންގެ އަންހެނުންނާއި މަންމަ އަދި ބައްޕަ، ދިފާއީ ހެއްކެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ހުށަހެޅީ ޝައްމާން ނަގާފައިވާ ސްޓޫޑެންޓް ލޯނަށް ފައިސާ ދައްކާފައިވާ ކަމާއި، އެ ފައިސާއަކީ އޭނާއަށް އޭނާގެ ބައްޕަ ދިން ފައިސާކަން ސާބިތުކުރުމަށެވެ.

ޝައްމާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިދޭސީއެއް އަތުން ބައި މިލިއަން ރުފިޔާ ފޭރިގަނެ، އޭގެ ތެރެއިން ބައެއް ޝަމްއާން އަތުގައި ބަހައްޓައި އަދި އަނެއްބައިން، ޝައްމާންގެ ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކުން ހިމެނެއެވެ. އެ ވާހަކަތައް ދައުވާގައި ހިމަނާފައިވެއެވެ.

ޝައްމާންގެ މައްސަލަ ވެސް ހުކުމާ ހަމައަށް ގޮސްފައިވާއިރު، މި މައްސަލައިގައި ޝައްމާނާ އެކު ކަހަލަ ގޮތަކަށް ހައްޔަރުކުރި ބައެއް މީހުން ވަނީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުން ހަދައި، ލުއި އަދަބު ހޯދާފައެވެ.

ޝައްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމާއި، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މިއަދު މެންދުރުފަހު އެކަކަށް ތާވަލުކުރި މި މައްސަލައިގެ ހުކުމްކުރުމުގެ މަޖިލިސް ކެންސަލްކުރީ، ޝައްމާންގެ ވަކީލު ރާއްޖެއިން ބޭރުގައި ހުންނެވުމާ ގުޅިގެން އޭނާގެ ފަރާތުން އެދިގެންނެވެ. ބިދޭސީންގެ އަތުން ފައިސާ ނަގައި ފޭރުނުކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި ޝައްމާން ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. އަދި އޭނާގެ ދިފާއުގައި އާއިލާއިން ވަނީ ހެކިބަސް ދީފައެވެ. މި މައްސަލައިގައި ދެން އޮންނާނެ އަޑުއެހުމެއް ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

  • ޝައްމާންގެ ދިފާއީ ވަކީލު ރާއްޖޭގައި ނެތުމުން، މިއަދަށް ތާވަލުކުރި ހުކުމްކުރުމުގެ އަޑުއެހުން ވަނީ ފަސްކޮށްފައެވެ.
  • އޭނާގެ މައްޗަށް ކުރަނީ ފޭރުމާއި، މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، މަނީ ލޯންޑަރިންގެ ދައުވާއެވެ.
  • ބިދޭސީއެއްގެ އަތުން ބައި މިލިއަން ރުފިޔާ ފޭރިގަނެ، ސްޓޫޑެންޓް ލޯނަށް ފައިސާ ދެއްކިކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.
  • ޝައްމާން ދައުވާއަށް އިންކާރުކުރާއިރު، އޭނާއާއެކު ހައްޔަރުކުރި ބައެއް މީހުން ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހަދާފައެވެ.
  • މިހާރު ބަންދުން ދޫކޮށްލާފައިވާ ޝައްމާން ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
comment ކޮމެންޓް