ޖިނާއީ ބޮޑެތި ތުހުމަތުތަކަކާއެކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ޝައްމާން ހުރީ ޝަރީއަތް ނިމެންދެން ނުވަތަ 'ވާނުވާ' ބަންދުގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ޝައްމާނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ ޝަރުތުތަކަކާ އެކު ޝައްމާން ދޫކޮށްލަން ކްރިމިނަލް ކޯޓުގައި މިއަދު އެދިފައިވާ ކަމަށެވެ.
އެހެންވެ، އެ ކޯޓުން ވަނީ ދައުލަތުން އެދުނު ގޮތަށް ޝައްމާން މިނިވަންކޮށްފައެވެ.
އެކަމަކު، އޭނާ ދޫކޮށްލީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުގައެވެ. އެއީ، ޝަރީއަތް އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދާތީއެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗް މަހުގެ 21ވަނަ ދުވަހުގެ ރޭގައެވެ. އޭރުން ފެށިގެން ބަންދުގައި ހުރި ޝައްމާން މީގެ ކުރިން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްދޭން ވެސް އެދިފައެވެ. އަދި، ބަންދުގެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ވެސް ގެންދިޔައެވެ. އެކަމަކު، އެ މަރުހަލާތަކުގައި އޭނާއަށް ކާމިޔާބީއެއް ނުލިބެއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ. ޝަމްއާންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯޑްރިންގެ ކުށުގެ ދައުވާއެވެ.
ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝަމްއާންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. މަނީ ލޯޑްރިންގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެއެވެ.
އެކަމަކު، ޝައްމާންގެ އާއިލާއިން މީގެ ކުރިން ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ.
މީގެ އިތުރުން ހޯމް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގާފައި ކަމަށް އެ އާއިލާއިން ތުހުމަތުކުރިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އޭރު ބުނީ ޝަމްއާން އެ މައްސަލައިގައި ފްރޭމް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.