ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ދިފާއުގައި އޭނާގެ މަންމައާއި ބައްޕަ އަދި އަންހެނުން، ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފިއެވެ.
ޝަމްއާންގެ މަންމައާއި ބައްޕަ އަދި އަންހެނުން ޝަމްއާންގެ ދިފާއުގައި ހެކިބަސްދިނީ، ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައެއެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ.
އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
މި ދައުވާތަކުގެ ޝަރިއަތް މިހާރު ކުރިއަށްދާއިރު، މިއަދު އޮތް އަޑު އެހުމުގައި އޮތީ ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އޭނާގެ ފަރާތުން އޭނާގެ ދިފާއުގައި 10 މީހެއް ހެކިންގެ ގޮތުގައި ހުށަހަޅިއިރު، އޭގެ ތެރޭގައި އަނބިމީހާ އައި މައިންބަފައިން ހިމެނެއެވެ. ޝަމްއާންގެ އަންހެނުންނާއި މަންމަ އަދި ބައްޕަ، ދިފާއީ ހެއްކެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ހުށަހެޅީ ޝަމްއާން ނަގާފައިވާ ސްޓޫޑެންޓް ލޯނަށް ފައިސާ ދައްކާފައިވާ ކަމާއި އެ ފައިސާއަކީ އޭނާއަށް އޭނާގެ ބައްޕަ ދިން ފައިސާކަން ސާބިތުކުރުމަށެވެ.
ޝަމްއާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިދޭސީއެއް އަތުން ބައި މިލިއަން ރުފިޔާ ފޭރިގަނެ، އޭގެތެރެއިން ބައެއް ޝަމްއާން އަތުގައި ބަހައްޓައި އަދި އަނެއްބައިން، ޝަމްއާންގެ ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކުން ހިމެނެއެވެ. އެ ވާހަކަތައް ދައުވާގައި ހިމަނާފައިވެއެވެ.
ޝަރިއަތުގައި ޝަމްއާންގެ ބައްޕަ އިބްރާހިމް ވަހީދު ހެކިބަސް ދެމުން ބުނީ، ޝަމްއާންގެ ލޯނު ނުދައްކާ އޮތުމުން އެކަމާ ކަންބޮޑުވާތީ، އެ ލޯނު ދައްކަން އޭނާ އަށް ތިން ލައްކަ ރުފިޔާ ދީފައިވާނެ ކަމަށެވެ. އެ ފައިސާ ދިނީ ނަގުދު ފައިސާގެ ގޮތުގައި ކޮތަޅަކަށް ލާފައި ކަމާއި އޭނާއަކީ އާންމުކޮށް ނަގުދު ފައިސާ ގޭގައި ބަހައްޓާ މީހެއް ކަމަށް ވެސް ބުންޏެވެ.
ޝަމްއާންގެ މަންމަ ބުނި ގޮތުގައި ޝަމްއާންގެ ލޯނު ދައްކަން ފިރިމީހާ އަދި ޝަމްއާންގެ ބައްޕަ އިބްރާހިމް ވަހީދު ފައިސާ ދިން ތަނުގައި އޭނާ ވެސް ހުއްޓެވެ. އެ ފައިސާ ދިނީ ޝަމްއާންގެ އަންހެނުންގެވެސް ހާޒިރުގަ އެވެ.
ޝަމްއާންގެ އަންހެނުން ހެކިބަސް ދެމުން ބުނީ، އެ ދުވަސްވަރު ޝަމްއާންގެ ކާރު ވިއްކާލައިގެން ވެސް އޭނާ އަށް ފައިސާ ލިބުނެވެ. އެއީ އެޑްވާންސް ޕޭމެންޓްގެ ގޮތުގައި 10،000 ޑޮލަރާއި 250،000 ރުފިޔާ ކަމަށް އޭނާ ބުންޏެވެ.
ޝަމްއާންގެ ކޭސް ކޯޓުގައި ކުރިއަށްދާއިރު، އެ ކޭސްގައި ޝަމްއާންއާއެކު ކަހަލަ ގޮތަކަށް ހައްޔަރު ކުރި ބައެއް މީހުންވަނީ އިއުތިރާފުގެ އެއްބަސްވުން ދައުލަތާއެކު ހަދައި ލުއި އަދަބު ހޯދާފައެވެ.