5 މަރެއް ހިމެނޭ ޑައިވިން ހާދިސާ: ކުޑޫގެ 24 ސުވާލެއް ޓޫރިޒަމް މިނިސްޓަރަށް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: ކުޑޫގެ 24 ސުވާލެއް ޓޫރިޒަމް މިނިސްޓަރަށް --- ފޮޓޯ/ މަޖިލިސް

ވ. އަތޮޅު އަލިމަތާ ހޮހަޅައަށް ފީނަން އުޅުމުގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ޓޫރިޒަމް އެންޑް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީނަށް، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) 24 ސުވާލެއް ހުށަހަޅުއްވައިފިއެވެ.

މިނިސްޓަރު އަމީނަށް އެޑްރެސްކޮށް މެމްބަރު ކުޑޫ ފޮނުވާފައިވާ ސިޓީގައި ވަނީ ޑައިވް އެކްސިޑެންޓާ ގުޅުވައި ޖުމްލަ 24 ސުވާލެއް ކުރައްވައިފައެވެ.

އެގޮތުން ކުޑޫ ވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ހިނގާފައިވާ ޑައިވް އެކްސިޑެންޓުތަކާއި، ޖުމްލަ އަދަދުގެ އިތުރުން ސީރިއަސް އަނިޔާ ލިބުނު މީހުންގެ ރަސްމީ ހިސާބުތަކާއި އެ ހިސާބުތައް އެ މިނިސްޓްރީއިން ބަލަމުންދޭތޯ ސުވާލުކުރައްވާފައެވެ.

އަދި ޑައިވިން ހާދިސާތަކާއި މަރުވާ މީހުންގެ އަދަދާއި ކުއްލި ހާލަތުގައި މީހުން އުފުލާފައިވާ ގޮތުގެ ގައުމީ ޑޭޓާ ބޭސްއެއް މިނިސްޓްރީއިން ބަލަމުންގެންދޭތޯ ވަނީ މިނިސްޓަރު އަމީނާ ސުވާލުކުރައްވާފައެވެ. އަދި ރެކޯޑުތަކުން އެ މައުލޫމާތު އެއްކުރެވިދާނެތޯ ވެސް ވަނީ އައްސަވާފައެވެ.

ކުޑޫ ވަނީ އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގައި 'މުރަކަ ދިރާސާކުރުމުގެ' ހުއްދަ ދޫކޮށްފައިވަނީ ކޮން އިދާރާއަކުންތޯ ވެސް އައްސަވާފައެވެ. އެ ފަތުރުވެރިންނަށް 50 މީޓަރާ ހަމައަށް ޑައިވްކުރުމަށް ހުއްދަ ދީފައިވާނަމަ އެކަމުގައި ރައްކާތެރިކަމުގައި ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކޮބައިތޯ ވެސް ކުޑޫ ސުވާލުކުރައްވައިފައިވެއެވެ.

އަދި ހުއްދަ ދިނުމުގެ ކުރިން ޑައިވަރުންގެ ޓެކްނިކަލް ސެޓްފިކެޓްތަކާއި ތަޖުރިބާގެ ފެންވަރާއި ބޭނުންކުރާ ސާމާނުގެ ފެންވަރު ރަސްމީކޮށް ރިވިއުކޮށްފައިވޭތޯ ވެސް ވަނީ އައްސަވާފައެވެ.

ވ. އަތޮޅުގެ ކަނޑުގެ ވަރަށް ފުނުގައި އޮތް ހޮހަޅައަކަށް ފީނަން އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން ދެ މީހެއްގެ ނަން, އެ މީހުން ރާއްޖެ އައި ސަބަބު ކަމަށްވާ ރިސާޗަރުންގެ ލިސްޓްގައި ނެތް ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.

https://sun.mv/222257

މި ހާދިސާއާ ގުޅިގެން ރާއްޖޭން ހިންގާ ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ، ދަތުރު އިންތިޒާމުކުރި ފަރާތްތަކުން ރަނގަޅު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، ބޭނުންވާ ފުރިހަމަ ޕްލޭންތައް ހަދާފައިވޭތޯ ބެލުމުގެ މައްޗަށް ކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަނީ ވިދާޅުވެފައެވެ.

ވ. އަތޮޅު އަލިމަތާ ހޮހަޅައަށް ފީނަން އުޅުމުގެ ތެރޭގައި އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާއާ ގުޅިގެން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ވަނީ ޓޫރިޒަމް އެންޑް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީނަށް 24 ސުވާލެއް ހުށަހަޅުއްވާފައެވެ. މި ސުވާލުތަކުގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ހިނގާ ޑައިވިން ހާދިސާތަކުގެ ރަސްމީ ތަފާސްހިސާބުތަކާއި، ގައުމީ ޑޭޓާބޭސްއެއް ގާއިމުކުރެވިފައިވޭތޯ ބެލުމާއި، އަދި މި ހާދިސާގައި ޝާމިލުވާ ފަރާތްތަކަށް ހުއްދަ ދޫކުރެވުނު ގޮތް ސާފުކުރުމެވެ. މި ހާދިސާގެ ތަހުގީގު ސަރުކާރުން ކުރިއަށްގެންދާއިރު، މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ނަން ރިސާޗަރުންގެ ލިސްޓުގައި ނެތްކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލަމުންދަނީ ދަތުރު އިންތިޒާމުކުރި ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކޮށްފައިވޭތޯއެވެ.

  • ފާއިތުވި 10 އަހަރުގެ ޑައިވިން ހާދިސާތަކުގެ ތަފާސްހިސާބުތަކާއި ޑޭޓާބޭސްއާ ގުޅޭގޮތުން މިނިސްޓަރާ ވަނީ ސުވާލުކުރައްވާފައެވެ.
  • މުރަކަ ދިރާސާކުރުމުގެ ހުއްދަ ދޫކުރި އިދާރާއަކާއި، 50 މީޓަރަށް ފީނުމަށް ކަނޑައަޅާފައިވާ ސަލާމަތީ މިންގަނޑުތައް ސާފުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
  • ހުއްދަ ދޫކުރުމުގެ ކުރިން ޑައިވަރުންގެ ތަޖުރިބާއާއި ސެޓްފިކެޓްތައް ބަލާފައިވޭތޯ މެމްބަރު ވަނީ ސުވާލުކުރައްވާފައެވެ.
  • މަރުވި މީހުންގެ ތެރެއިން ދެ މީހަކީ ރާއްޖެއަށް އައި ރިސާޗަރުންގެ ރަސްމީ ލިސްޓުގައި ހިމެނޭ ބައެއް ނޫންކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
  • ސަރުކާރުގެ ތަހުގީގު ބިނާކޮށްފައިވަނީ ދަތުރު އިންތިޒާމުކުރި ފަރާތުން ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ދެނެގަތުމުގެ މައްޗަށެވެ.
comment ކޮމެންޓް