ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ޓެރިފް މެދުކަނޑާލައިފި

މަސް ދޯނިތަކެއް: އިނގިރޭސިވިލާތުން ވަނީ ދިވެހި މަހުން ޓެރިފް ނުނަގަން ނިންމާފައި ---- ފޮޓޯ/ މަސްވެރި އިހަވަންދޫ

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް އިނގިރޭސި ސަރުކާރުން މިއަދު މެދުކަނޑާލައިފިއެވެ.

މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިގުތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. މި މަޝްވަރާތައް ކުރިއަށްދާތާ އަހަރުތަކެއް ވެއްޖެއެވެ. އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރަން ދައްކަމުން އައި 20 އިންސައްތައިގެ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑޭނެއެވެ.

މި ކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ އިގުތިސާދަށާއި މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށެވެ. އަދި، މި ނިންމުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިނގިރޭސި ސަރުކާރުން ނިންމެވި މި މުހިންމު ނިންމެވުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ފަރާތުން މިކަން ހާމަކުރައްވާފައިވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ނިކް ލޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެއިން އެތެރެކުރާ މަހުގެ ބާވަތްތަކުން ޓެރިފް ކަނޑާލުމަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް އިނގިރޭސިވިލާތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް އިނގިރޭސިވިލާތު ރަސްގެފާނު ޗާލްސްއާއި ސަރުކާރުގެ އިސްބޭފުޅުންގެ އަރިހުން ވެސް އެދިލެއްވި އެންމެ މުހިއްމު އެއް ކަމަކީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުގެ ޓެރިފް ކަޑާލުން ކަމަށް ސަރުކާރުން ބުންޏެވެ.

މީގެ ކުރިން ރާއްޖެއިން އިނގިރޭސިވިލާތަށާއި ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް އެކްސްޕޯޓުކުރާ މަހުން 20 އިންސައްތައިގެ ޑިއުޓީއެއް ނަގައެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަސް ވިއްކުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ޚާއްސަކޮށް، އަވައްޓެރި އެހެން ގައުމުތަކަށް ލިބިފައިވާ ޖީއެސްޕީ ޕްލަސްގެ ދަށުން ޑިއުޓީ ފްރީކޮށް މަސް އެކްސްޕޯޓުކުރެވޭއިރު، ރާއްޖެއަށް އެ ފުރުސަތު ގެއްލިފައި އޮތުމަކީ މަސްވެރިކަމުގެ ސިނާއަތަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ.

ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް އެކްސްޕޯޓް ކުރެއެވެ. ރާއްޖެއަކީ އިނގިރޭސިވިލާތަށް އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް އެތެރެކުރާ ގައުމުތަކުގެ ތެރެއިން ނުވަވަނަ ގައުމެވެ.

މިދިޔަ އަހަރުތަކުގެ ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ހަތަރު ބައިކުޅަ އެއްބައި ހިއްސާކުރަނީ އިނގިރޭސި މާކެޓެވެ. އަދި، ރާއްޖެއިން ބޭރު ޕްރޮސެސްކޮށްފައިވާ ނުވަތަ އަގު ބޮޑު މަހުގެ އުފެއްދުންތަކުގެ ދެ ބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް އިނގިރޭސި ބާޒާރު ހިއްސާކުރެވެ.

މަހުގެ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން، ފާއިތުވި އަހަރުތަކުގައި އެކި ފެންވަރުގައި އިނގިރޭސި ސަރުކާރާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

https://sun.mv/171984

މިދިޔަ ސަރުކާރުން ވެސް ވަނީ އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުން ޓެރިފް ކަނޑާލާނެކަމުގެ އުންމީދު ބޮޑުކަމަށް ބުނެފައެވެ. އެކަމަކު، އެ ވެރިކަން ނިމުނުއިރު ވެސް އެ މަޝްވަރާތައް މުޅިން ކާމިޔާބެއް ނުވެއެވެ.

ޓެރިފް އުވާލުމާ އެކު ރާއްޖޭގެ މަސް އެކްސްޕޯޓުކުރާ ކުންފުނިތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި ފަސޭހަކަމާއެކު ވާދަކުރުމުގެ ފުރުސަތު ހުޅުވޭނެއެވެ. މީގެ ސަބަބުން މަހަށް ލިބޭ އަގު ބޮޑުވެ، އޭގެ ސީދާ މަންފާ ދިވެހި މަސްވެރިންނަށް ލިބޭނެ ކަމަށް އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރުން މީގެ ކުރިން ލަފާކުރައްވާފައިވެއެވެ.

ކޮމަންވެލްތަށް ނިސްބަތްވާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން، އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގާ ހަމައެކަނި ގައުމަކީ ރާއްޖެއެވެ. ރާއްޖެއާ އެއް ހާލަތެއްގައި ހިމެނޭ އެހެން ކުދި ޖަޒީރާ ގައުމުތަކުން އެކިއެކި އިންތިޒާމުތައް މެދުވެރިކޮށް ޓެކްސް ވަނީ މައާފުކޮށްފައެވެ.

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ އުފެއްދުންތަކުން ނަގަމުން އައި 20 އިންސައްތައިގެ ޑިއުޓީ އިނގިރޭސި ސަރުކާރުން މުޅިން ކަނޑާލައިފިއެވެ. މިއީ އެތައް އަހަރެއްގެ ދިގު މަޝްވަރާތަކަށްފަހު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި މުޅި އިގުތިސާދަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މި ނިންމެވުމަށް މަރުހަބާ ވިދާޅުވެ، މިއީ ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. ހަމައެއާއެކު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ވަނީ މިއީ ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް އެ ގައުމުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ. މި ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަސް ވާދަވެރި އަގެއްގައި ވިއްކުމުގެ ފުރުސަތު ފަހިވެ، މަސްވެރިންނަށް މީގެ ސީދާ މަންފާ ލިބިގެންދާނެއެވެ.

  • އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ ދިވެހި މަހުން ނަގަމުން އައި 20 އިންސައްތައިގެ ޓެރިފް މިއަދުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ.
  • މިއީ ދިވެހިރާއްޖޭގެ އިގުތިސާދަށާއި މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
  • އިނގިރޭސިވިލާތުގެ މާކެޓަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ހަތަރު ބައިކުޅަ އެއްބައި އަދި އަގުބޮޑު މަހުގެ އުފެއްދުންތަކުގެ ދެ ބައިކުޅަ އެއްބައި ހިއްސާކުރާ މާކެޓެކެވެ.
  • ޑިއުޓީ ކަނޑާލުމާއެކު ދިވެހި މަސްވެރިންނަށް ލިބޭ އާމްދަނީ އާއި މަހުގެ އަގު ބޮޑުވުމުގެ ފުރުސަތު ވަނީ ފުޅާވެފައެވެ.
  • ކޮމަންވެލްތުގެ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މިހާތަނަށް ޓެރިފް ދައްކަން ޖެހިފައި އޮތް ހަމައެކަނި ގައުމަކީ ރާއްޖެއެވެ.
  • އިނގިރޭސި ބާޒާރުގައި ދިވެހި މަސް އެކްސްޕޯޓުކުރާ ކުންފުނިތަކަށް ޖީއެސްޕީ ޕްލަސް ލިބިފައިވާ ގައުމުތަކާ ފަސޭހަކަމާއެކު ވާދަކުރެވޭނެ މަގު ތަނަވަސްވުން.
  • ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމާއެކު، އިތުރު ފުރުސަތުތައް ހުޅުވިގެން ދިއުން.
  • މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމަކަށް މި ނިންމުން ވެގެން ދިއުން.
comment ކޮމެންޓް