ރިޒުޤު ތަނަވަސްވާނެ ބައެއް ސަބަބު

ރިޒުޤަކީ މާތް ﷲ ކަނޑައަޅުއްވައި މިންކުރަށްވައިފައި އޮތް އެއްޗެކެވެ. އެ ރިޒުޤު ތަނަވަސް މަގުން ލިބުމާއި އެ ކަން ފަސޭހަވުން ވެސް އެއީ ﷲ ކަނޑައަޅުއްވާ އެއްޗެކެވެ.

ކޮންމެ މަޚުލޫޤަކަށް ވެސް އޭގެ ރިޒުޤު ދުނިޔޭގައި ހަމަޔަށް ލިބޭނެ ގޮތަށް ކަނޑައަޅުއްވައިފައި އޮވެއެވެ. މި ކާއިނާތު ޚަލްޤުކުރެއްވުމުގެ މާ ކުރިން، ﷲ تعالى ވަނީ މަޚުލޫޤުންގެ ރިޒުޤު ލައުޙުލްމަޙްފޫޡުގައި ލިޔުއްވައިފައެވެ. އެ މިންވަރާއި އޭގެ ޠަބީޢަތް އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. އެހެންކަމުން މަޚުލޫޤުންނަށް އޮތީ ރިޒުޤު ހޯދަން މަސައްކަތްކުރުމެވެ.

ރިޒުޤު ހޯދަން ކުރާ މަސައްކަތުގައި، އެ ކަމުގެ ސަބަބުތައް ދެނެގަނެ، އެ ސަބަބުތަކުގައި ހިފަން ވާނެއެވެ. ރިޒުޤު ތަނަވަސް ވުމުގެ ސަބަބުތަށް ބައިވަރެވެ. އޭގެތެރެއިން ބައެއް ކަންކަން މި ލިޔުމުގައި ހިނމަނައިލާނަމެވެ.

ﷲއަށް ވަކީލުކުރުމަކީ އޭގެ އެއް ސަބަބެވެ. އިންސާނުން ނޫން އެހެން މަޚުލޫޤުންނަކީ މީގެ އެންމެ ފުރިހަމަ ނަމޫނާއެވެ. އެ ތަކެތި އެ ތިބެނީ ﷲގެ ހަޟްރަތުން ދެއްވާ ރިޒްޤު ލިބިގަތުމަށް އެއިލާހަށް ވަކީލުކޮށްގެންނެވެ. އެފަދަ މިސާލެއް ޖައްސަވައި، ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «لَوْ تَوَكَّلْتُمْ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ تَغْدُو خِمَاصًا وَتَرُوحُ بِطَانًا» (رواه أحمد وابن ماجه) މާނައީ: "ތިޔަބައިމީހުން ﷲ سبحانه وتعالىއަށް ވަކީލުކުރުން ޙައްޤު ގޮތުގައި ވަކީލުކޮށްފިއްޔާ، ދޫނިސޫފާސޫތްޕަށް ރިޒުޤުދެއްވާ ފަދައިން ތިޔަބައިމީހުންނަށް ވެސް ރިޒުޤު ދެއްވީހެވެ. އެ ސޮރުމެން ހެނދުނު ހާލިން ނުކުމެގެން ދަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑު ފުރައިގެންނެވެ."

ﷲއަށް ވަކީލުކުރުމަށްފަހު އެ އިލާހަށް އަޅުކަންކުރުން ގިނަކުރަންވާނެވެ. އެއީ ވެސް ރިޒުޤު ތަނަވަސްވުމުގެ ސަބަބެކެވެ. ޚާއްޞަކޮށް ނަމާދުކުރުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ﴾ (سورة طه: ١٣٢) މާނައީ: "އަދި ކަލޭގެފާނުގެ އަހުލުވެރީންނަށް ނަމާދުކުރުމަށް އަމުރުކުރައްވާށެވެ! އަދި އެ ކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒުޤު ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަން އިލާހު އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުޤު ދެއްވަނީ، ތިމަން އިލާހެވެ. ރަނގަޅު ނިމުން ވަނީ، ތަޤުވާވެރީންނަށެވެ."

ރަނގަޅު ނިމުން އޮތީ ތަޤުވާވެރިންނަށޭ އެންގެވުމުން އެނގޭ އެއް ކަމަކީ ޤިޔާމަތްދުވަހުގެ ނިމުން ތަޤުވާވަރިންނަށް ހެޔޮ ވެގެންވާނޭ ކަމެވެ. ނޫނީ އެއީ އޭނާ ހެޔޮ ގޮތުގައި މަރުވުން ކަމުގައި ވެސް ވެދާނެއެވެ. އަދި ހަމަ އެހެންމެ ތަޤުވާވެރިވާ މީހުންނަށް ރިޒުޤު ތަނަވަސްވުން ވެސް އެއީ ރަނގަޅު ގޮތް ވުމެވެ. އެއީ ރިޒުޤު ތަނަވަސްވުމުގެ ސަބަބެއް ވެސް މެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ(٣)﴾ (سورة الطلاق:) މާނައީ: "(2)އަދި ﷲއަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ!) އެ އިލާހު އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. (3)އަދި ހީވެސްނުކުރާ ފަދަ ގޮތްގޮތުން އެ އިލާހު އޭނާއަށް ރިޒުޤު ދެއްވާނެތެވެ."

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ވެސް ރިޒުޤު ތަނަވަސް ވުމުގެ ސަބަބެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» (متفق عليه) މާނައީ: "ރިޒުޤު ތަނަވަސްވުމަށް އެދޭ މީހާ އަދި އަޖަލު ފަސްވުމަށް އެދޭ މީހާ ދަންނައެވެ. ފަހެ ރަޙިމުގެ ގުޅުން ޤާއިމުކުރާ ހުށިކަމެވެ." ރަޙިމުގެގުޅުން ބަދަހިކުރުމަކީ މިއަދު މާ އުނދަގޫ ކަމެއް ނޫނެވެ. މި ޒަމާނުގެ ޓެކްނޮލޮޖީގެ ވަޞީލަތްތަކަކީ އެ ކަމަށް ފަސޭހަ މަގު ހުޅުވެން އޮތް ވަޞީލަތްތަކެކެވެ.

މާތް ﷲއަށް އިސްތިޣުފާރުކުރުން ގިނަކުރުމަކީ ވެސް ރިޒުޤު ތަނަވަސްވާ ކަމެކެވެ. އެ ކަން ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވެދެއްވިއެވެ. މާތް ﷲ އެ ވާހަކަ ޤުރުއާނުގައި އަންގަވައިފައެވެ. ‎﴿فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا )١٠(‏ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ‎)١١(‏ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ‎(١٢)﴾ (سورة نوح) މާނައީ: "(10)ފަހެ، ތިމަންކަލޭގެފާނު (އެބަހީ ނޫޙުގެފާނު) ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެ އިލާހީ، ގިނަގިނައިން ފާފަފުއްސަވާ އިލާހު ކަމުގައި ވެއެވެ. (11)(އޭރުން) އެއިލާހު ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (12)އަދި މުދާތަކާއި، ދަރީންގެ ގޮތުން، އެ އިލާހު ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް ޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް ޓަކައި ކޯރުތައް ވެސް ލައްވާނެތެވެ."

ރިޒުޤު ތަނަވަސްވޭތޯ މަސައްކަތްކުރަމާ ހިނގާށެވެ. އަޅުގަނޑުމެންނަށް ވެވުނުވަރަކުން ﷲއަށް ވަކީލުކޮށްގެން އަޅުކަންކޮށް، އެއިލާހު ދެއްވާ ރިޒުޤަށް އުންމީދުކުރާ ހާލު، ޙަލާލުގޮތުގައި މަސައްކަތްކުރަމާ ހިނގާށެވެ!

ރިޒުޤަކީ މާތް الله ކޮންމެ މަޚުލޫޤަކަށް ވެސް މިންވަރުކުރައްވައިފައިވާ އެއްޗަކަށް ވީ ހިނދު، އެ ހޯދުމަށް ޙަލާލު ގޮތުގައި މަސައްކަތްކުރުމަކީ އިންސާނާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ރިޒުޤު ތަނަވަސްވުމުގެ ސިއްރަކީ ހަމައެކަނި ދުނިޔަވީ މަސައްކަތްތަކެއް ނޫނެވެ. އޭގެ ބަދަލުގައި، ރޫޙާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރެވޭ ހެޔޮ އަމަލުތަކަކީ ވެސް ރިޒުޤުގެ ދޮރުތައް ހުޅުވިގެންދާނެ ކަންކަމެވެ. އެހެންކަމުން ދީނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ސަބަބުތައް ދެނެގަނެ، އެ ކަންކަމަށް ޢަމަލީ ސިފަ ގެނައުން މުހިންމެވެ.

  • މާތް الله އަށް ފުރިހަމަ ގޮތުގައި ވަކީލުކުރުމާއެކު ޙަލާލު ގޮތުގައި ރިޒުޤު ހޯދަން މަސައްކަތްކުރުން.
  • ނަމާދު ފަދަ އަޅުކަންތަކަށް ރައްކާތެރިވެ، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ތަޤުވާވެރިކަން އިސްކުރުން.
  • ގާތްތިމާގެ މީހުންނާއެކު އޮންނަ ރަޙިމުގެ ގުޅުން ދެމެހެއްޓުން.
  • ފާފަތައް ފުއްސެވުން އެދި ގިނަގިނައިން އިސްތިޣުފާރު ކުރުން.
  • ރިޒުޤަކީ ލައުޙުލްމަޙްފޫޡުގައި ކުރިޔާލައި ލިޔުއްވިފައިވާ އެއްޗެއްކަން ޤަބޫލުކުރުން.
  • ދޫނިސޫފާސޫތްޕެކޭ އެއްފަދައިން، ވަކީލުކުރުމުގެ ޙަޤީޤީ މާނަ ދެނެގަނެ އޭގެ މަތީގައި ދެމިތިބުން.
  • އީމާންތެރިކަމާއި އަމަލުތައް ސީދާކުރުމަކީ އުއްމީދުނުކުރާ ފަދަ މަގުމަގުން ތަނަވަސްކަން ގެނެސްދޭނެ ކަމެއްކަން ޔަޤީންކުރުން.
comment ކޮމެންޓް