ޤައުމީ އެއާލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް މިއަދު ފެށި ސީދާ ދަތުރުތަކާއެކު، އެ ޤައުމުން ރާއްޖެއަށް އަހަރެއްގެ ތެރޭގައި 11،000 ފަތުރުވެރިން ގެނެވޭނެ ކަމަށް އެ އެއާލައިނުން އަންދާޒާކޮށްފިއެވެ.
އޮސްޓްރޭލިއާއަށް ފެށި މި ދަތުރުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ފައިނޭންޝަލް ކޮންޓްރޯލާ އަޙްމަދު ރަމީޒު ވިދާޅުވީ، އޮސްޓްރޭލިއާ ދަތުރުތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ނޮވެމްބަރު މަހާ ހަމައަށް ފްލައިޓްތަކުގެ 50 އިންސައްތަ މިހާރުވެސް ފުލްވެފައިވާ ކަމަށާއި، ފުރަތަމަ ތިން ފްލައިޓް އޮތީ 100 އިންސައްތަ ފުލްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ފްލައިޓް އަންނަނީ 264 ޕެސެންޖަރުންނާއިއެކު ފުލްކޮށް. ފުރަތަމަ ތިން ފްލައިޓުން މި އަންނަނީ 700 އެއްހައި މީހުން. އެހެންވީމަ ވަރަށް ބޮޑު ކާމިޔާބީއެއް. ހަޤީގަތުގައި އަޅުގަނޑުމެންނަށް މެއިންޓެއިން ކުރެވިއްޖެނަމަ މުޅި އަހަރަށް ބަލާއިރު 11،000 ވަރަކަށް ޓޫރިސްޓް އެރައިވަލްސް އަންނާނެ ކަމަށް،" ރަމީޒު ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިކަމުގެ ސަބަބުން ރިސޯޓްތަކުގެ އޮކިއުޕަންސީއަށް ވެސް ހެޔޮ ބަދަލެއް އަންނާނެއެވެ.
މި ދަތުރުތަކުގެ ސަބަބުން ދައުލަތަށް ލިބޭ ޓެކްސް އާމްދަނީއަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މޯލްޑިވިއަނުން ލަފާކުރެއެވެ. އެގޮތުން އަހަރެއްގެ މައްޗަށް ޓެކްސް އާމްދަނީގެ ގޮތުގައި އިތުރު 10 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މޯލްޑިވިއަނުން މި ރޫޓު އިޚްތިޔާރުކުރީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު، މެލްބަންއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ސަރަޙައްދު ކަމަށްވާތީއެވެ.
މޯލްޑިވިއަނުން މެލްބަންއިން ރާއްޖެއަށް ހަފުތާއަކު އެއް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ ކޮންމެ އާދިއްތަ ދުވަހަކުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް ފްލައިޓް އަންނާނީ އަންގާރަ ދުވަހުއެވެ. މިއީ އޭ330 މަރުކާގެ ބޯޓެއްގައި ކުރާ 11 ގަޑިއިރުގެ ދިގު ދަތުރެކެވެ.
މި އައު ރޫޓާއެކު މި އަހަރު އޮސްޓްރޭލިއާ މާކެޓުން 40،000 ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.
މޯލްޑިވިއަނުން އަމާޒު ހިފާފައިވަނީ މިފަދަ ކުރިއަރަމުން އަންނަ މާކެޓްތަކަށް ސީދާ ދަތުރުތައް ބާއްވައިގެން ޤައުމީ އެއާލައިންގެ މާކެޓް ޝެއާ އިތުރުކުރުމަށެވެ.