އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި، ކޮންމެ އަތޮޅަކަށް އެލްޖީއޭގެ "އަތޮޅު އޮފީހެއް"

އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން: އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އަތޮޅު އޮފީސް ހެދުމަށް ރައީސް އޮފީހުން ވަނީ އަންގާފައި -- ފޮޓޯ/ އެލްޖީއޭ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަށް ގެނެވުނު ބަދަލާއެކު، އަތޮޅު ކައުންސިލްތައް ވަނީ އުވާލެވިފައެވެ. މި ބަދަލާއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީހެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގަވާފައެވެ. މިގޮތުން އުފައްދާ އޮފީސްތަކަށް ކިޔާނެ ރަސްމީ ނަމެއްވެސް ވަނީ ކަނޑައަޅުއްވާފައެވެ. މި ބަދަލަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން ތަންފީޒުކުރެވެމުންދާ ކަމެކެވެ. ކުރިން އަތޮޅު ކައުންސިލްތަކަށް ދެމުން އައި ބްލޮކް ގްރާންޓް ފައިސާ ދެން ބަހާނީ ރަށު ކައުންސިލްތަކުގެ މެދުގައެވެ.

  • އުވާލެވުނު ކައުންސިލްތަކުގެ ބަދަލުގައި އުފައްދާ އިދާރާތަކަށް ދީފައިވާ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް" އެވެ.
  • މި ބަދަލުގެ ސަބަބުން، ކުރިން އަތޮޅު ކައުންސިލްތަކުގައި ތިބި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެކަން ކަށަވަރުކޮށްދެއްވާފައިވެއެވެ.
  • މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރައާއި އިނާޔަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ވަނީ އަންގަވާފައެވެ.
  • އަތޮޅު ކައުންސިލްތަކަށް ކަނޑައަޅާފައި އޮންނަ ބްލޮކް ގްރާންޓް ފައިސާ ދެން ސީދާ ބެހިގެންދާނީ ކައުންސިލްތަކުގެ މެދުގައެވެ.
  • އަތޮޅު ކައުންސިލްތައް އުވާލައި އެލްޖީއޭގެ އޮފީސްތަކަށް ބަދަލުކުރުން.
  • ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލަރުންގެ އަދަދު މަދުކުރުން.
  • ވަޒީފާގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމެހެއްޓުން.

އަތޮޅު ކައުންސިލްތައް އުވާލުމަށް ފަހު، އޭގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އޮފީހެއް ހަދަން ނިންމައިފިއެވެ.

މިއަދު ރައީސް އޮފީހުން ވަނީ، އުވާލި އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އޮފީހެއް ހެދުމަށް އެ އޮތޯރިޓީއަށް އަންގާފައެވެ.

ރައީސް އޮފީހުން އެލްޖީއޭއަށް ފޮނުވި ސިޓީގައި ބުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ޚިދުމަތްތައް ދިނުމަށް ގާއިމްކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އެގޮތުން ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް" ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. މިސާލެއްގެ ގޮތުގައި ލިޔެފައިވަނީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" މިފަދައިންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު، އަތޮޅު ކައުންސިލްތައް އުވޭ ހިސާބުން ދެން ރައްޔިތުންނަށް ޚިދުމަތްދޭން އެ ތަންތަނުގައި ގާއިމުކުރާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އޮފީސްތައް ކަމަށާއި، ބްލޮކް ގްރާންޓްގެ ގޮތުގައި އިތުރުވާ ފައިސާ ބަހާނީ ކައުންސިލްތަކުގެ މެދުގައި ކަމަށް ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ ވިދާޅުވެފައެވެ.

https://sun.mv/219616

ރައީސް އޮފީހުން އެލްޖީއޭއަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ އަތޮޅު ކައުންސިލްތަކުގެ އުމުރު މިއަދަށް ހަމަވެ، އެ ކައުންސިލްތައް މިހާރު އުވިފައި ވާއިރު، އެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ލާމާރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ހަމަޖެއްސުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސުމުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް، ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކަންކަން ހަމަޖެއްސުމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ވެސް ސިޓީގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެންޕޭންގައި ވެސް، ޚަރަދު ކުޑަކުރުމުގެ ގޮތުން އަތޮޅު ކައުންސިލްތައް އުވާލައްވާ، ކައުންސިލަރުންގެ ދަދަދު ކުޑަކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިދިޔަ އަހަރު ވަނީ މިފަދައިން އަތޮޅު ކައުންސިލްތައް އުވާލުމަށާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައެވެ.

އެހެންކަމުން މިހާރު ތިބި އަތޮޅު ކައުންސިލަރުންގެ ދައުރު މިއަދަށް ހަމަވުމާއިއެކު އަތޮޅު ކައުންސިލްތައް ވަނީ އުވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް