ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އަލަށް ޢިމާރާތްކުރަމުންދާ 14 މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ޝަހީމް ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މިސްކިތްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ރަމަޟާން މަހަށް ހުޅުވުމަށް ތައްޔާރުވަމުންދާ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގައި އަލަށް ބިނާކުރާ ދާއިމީ ތިން މިސްކިތެއް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރުވެސް ގިނަ މިސްކިތްތަކެއްގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ބައެއް މިސްކިތްތަކުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައިވެސް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.
ށ. މިލަންދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ކުރިއަށް ދަނީ.... ފޮޓޯ/ އިސްލާމިކް މިނިސްޓްރީނިމިދިޔަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންވެސް ރާއްޖޭގެ އެކި ރަށްރަށުގައި މުޅިން އަލަށް 15 މިސްކިތެއް ނިންމައި ބޭނުންކުރަން ފަށާފައިވެއެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް އައު މިސްކިތްތައް ހުޅުވުމުގެ އިތުރުން، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ކުރިއަށްގެންދެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އަންނަ ރަމަޟާން މަހަށް ތައްޔާރުވުމަށް ވެސް މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ރޭވިގެން ކުރިއަށްދާނެއެވެ. އަދި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، މިސްކިތްތަކަކީ ދީނީ ޢިލްމު ފެތުރުމުގެ މަރުކަޒުތަކަކަށް ހެދުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެ ވުޒާރާއިން ފާހަގަކުރިއެވެ.