މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް، މައި އިދިކޮޅު އެމްޑީޕީން މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް (މިކީ) ހޮވަން ނިންމައިފިއެވެ.
މިއަދު އައު ދައުރު ފެށުނު ފަސްވަނަ މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުކަމަށް ހަތަރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފައިވެއެވެ. އެއީ މީކާއީލްގެ އިތުރުން:
- މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ (ރިލޭ)
- މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ޙަނާ
- ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަހިއްޔާ

އެމްޑީޕީ ފަރާތުން ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރައްވަން ޝައުގުވެރިވެވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ޙަނާ، މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް، ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަހިއްޔާ، އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ --- ފޮޓޯ: މައިމޫން / އެކްސް
މި ހަތަރު ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ކައުންސިލަރުން ޑެޕިއުޓީ މޭޔަރުކަމަށް ހޮވަން ނިންމީ މީކާއީލެވެ. އެގޮތުން މީކާއީލަށް ހަތް ވޯޓު ލިބުނުއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޒާޔާއަށް ފަސް ވޯޓު، އަދި ރިލޭ އާއި ޙަނާ، މިއިން ކޮންމެ ބޭފުޅަކަށް ލިބުނީ ދެ ވޯޓެވެ.
މިއަދު އައު ދައުރުގެ ކައުންސިލުން ހުވާކުރިއިރު، ފާހަގަކުރެވޭ ގޮތުގައި، މާލޭ ސިޓީ ކައުންސިލުގެ ސާފު އަޣުލަބިއްޔަތު ހޯދައިފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެގޮތުން، އެމްޑީޕީގެ ފަރާތުން 16 ކައުންސިލަރުން ތިއްބަވާއިރު، ޕީއެންސީގެ ފަރާތުން ތިއްބަވަނީ އެންމެ ދެ ކައުންސިލަރުންނެވެ.
ހަތަރުވަނަ މާލޭ ސިޓީ ކައުންސިލުގައި ކައުންސިލަރުކަން ފުރުއްވި ގިނަ ބޭފުޅުން ވާދަކުރެއްވި އިންތިޚާބުގައި އިތުރު ދައުރަކަށް ހަމައެކަނި ހޮވިވަޑައިގަތީ މާލޭގެ މޭޔަރު އާދަމް ޢާޒިމެވެ.