8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކޮށްގެން ނޫނީ އާންމުން އެދޭ ފަދަ ޚިދުމަތެއް ނުދެވޭނެ: ޢާޒިމް

މާލޭގެ މޭޔަރު އާދަމް ޢާޒިމް: އަށް ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކޮށްގެން ނޫނީ މާލޭ ރައްޔިތުން އެދޭ ފަދަ ޚިދުމަތެއް ނުދެވޭނެ ކަމަށް ވިދާޅުވި --- ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ އައު މޭޔަރު އާދަމް ޢާޒިމް މަޤާމުގެ ހުވާކުރެއްވުމަށްފަހު ވިދާޅުވީ، މާލެއަކީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ތަނެއް ކަމަށާއި، މި ކަންކަން ޙައްލުކުރުމަށްޓަކައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކޮށްގެން އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. އެހެންކަމުން، މާލެ ސިޓީ ކައުންސިލުގެ ހުރިހާ މެންބަރުންނާއި މުވައްޒަފުން ގުޅިގެން، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަށް 24 ގަޑިއިރު މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.

  • މާލެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި 8 ގަޑިއިރަށްވުރެ ގިނަ ވަގުތު މަސައްކަތްކުރަންޖެހޭކަން ފާހަގަކުރުން.
  • ރައްޔިތުންނަށް ދަތިވާ ކަންކަން ޙައްލުކުރުމަށް 24 ގަޑިއިރު ޚިދުމަތުގައި ދެމިތިބުމުގެ ޔަޤީންކަން ދިނުން.
  • މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކައުންސިލަރުންނާއި މުވައްޒަފުން ގިނަ ވަގުތު ހޭދަކުރުމަށް އެދުން.
  • ފަސްވަނަ ދައުރު ނިމޭއިރު، މާލެއަކީ މިހާރަށްވުރެ ރީތި އަދި ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް އަމާޒުހިފުން.
  • މަސައްކަތުގެ ވަގުތު އިތުރުކުރުން: ރައްޔިތުންގެ އުންމީދުތައް ޙާޞިލުކުރުމަށް އާންމު މަސައްކަތު ގަޑީގެ އިތުރަށް މަސައްކަތްކުރުން.
  • ފުރިހަމަ އެއްބާރުލުން: މައްސަލަތައް ޙައްލުކުރުމުގައި މުޅި ކައުންސިލުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ހޯދުން.
  • މުސްތަޤުބަލުގެ އަމާޒު: އަންނަ ދައުރަށް މާލެ ޙަވާލުކުރާއިރު، އުމްރާނީ އަދި އިޖުތިމާޢީ ގޮތުން ކުރިއަރާފައިވާ ފަސޭހަ މާޙައުލެއް ޤާއިމުކުރުން.

މާލެއަށް ކޮށްދޭން ޖެހޭ ގިނަ ކަންކަން ހުރުމުން، އަށް ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކޮށްގެން ނޫނީ މާލޭ ރައްޔިތުން އެދޭ ފަދަ ޚިދުމަތެއް ނުދެވޭނެ ކަމަށް، މާލޭގެ މޭޔަރު އާދަމް ޢާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އައު ދައުރުގެ ހުވާކުރެއްވުމަށްފަހު ދެއްކެވި ވާހަކައިގައި ޢާޒިމް ވިދާޅުވީ، މާލެއަކީ މައްސަލަތަކުން ފުރިފައިވާ ތަނެއް ކަމަށާއި، މާލެއަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން އެބައޮތް ކަމަށެވެ.

"މާލެ ސިޓީ ކައުންސިލުގެ ކޮންމެ މެންބަރެއް، މާލެ ސިޓީ ކައުންސިލުގެ ކޮންމެ މުވައްޒަފެއް، މުޅި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް، ހުރިހާ އެންމެންނަށް ހުރިހާ އެއްބާރުލުމެއްދީ، މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ ދަތިތައް ހައްލުކޮށްދިނުމަށް 24 ގަޑިއިރު މަސައްކަތްކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެން އަރުވަން،" ޢާޒިމް ވިދާޅުވިއެވެ.

ވުމާއެކު، ކައުންސިލަރުންނާއި ކައުންސިލުގެ މުވައްޒަފުންވެސް، މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ގިނަ ވަގުތު ހޭދަކުރުމަށް، ޢާޒިމް ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި، މާލޭގައި ނުކުރެވިހުރި ގިނަ ކަންތައް ހުރުމުން، އަށް ގަޑިއިރު މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ޚިދުމަތެއް ނުދެވޭނެ، އިއްޔެގެ މަސައްކަތާއި މިއަދުގެ މަސައްކަތާ އެއްކޮށް ކޮށްގެން ނޫނީ އަޅުގަނޑުމެންނަކަށް ރަނގަޅު މާލެއެއް ނުދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ، ފަސްވަނަ ދައުރުގެ ހުވާކުރި އައު ކައުންސިލަރުން އަމާޒު ހިފަން ވާނީ، ރައްޔިތުން ކައުންސިލަރުންނާ ހަވާލުކުރި މާލެއަށް ވުރެ ވަރުގަދަ، ރީތި، ފުރިހަމަ، އަދި ދިރިއުޅެން ފަސޭހަ ތަނަކަށް މާލެ ހަދައި، ދެން އަންނަ ކައުންސިލަކާ ހަވާލުކުރުމަށް ކަމަށެވެ.

comment ކޮމެންޓް