ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ދިރިއުޅެމުންގެންދާ އެންމެހާ ފަރާތްތަކަށް ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
މިގޮތުން ކައުންސިލްގެ "މާވެހި" ޕޯޓަލްގައި ކުރިން ހުރި ދަތިތައް ހައްލުކޮށް، ރަށްވެހިންގެ ރަޖިސްޓަރީގައި ޖެއްސުމުގެ އިންތިޒާމުތައް މިހާރު ވަނީ ފަހިކޮށްދީފައެވެ.

މާވެހި ޕޯޓަލްގައި މައުލޫމާތު ހިމަނާނެ ގޮތް.... ފޮޓޯ/ ފަހި ޔޫނިއަން
މި ނިންމުމާ ގުޅިގެން، ހުޅުމާލޭގައި ސޯޝަލް ހައުސިންގެ ގޮތުގައި އަޅާފައިވާ ފަހި ފްލެޓް، ހިޔާ ފްލެޓް، އަދި ވިނަރެސް ފްލެޓްތަކުގެ އިތުރުން ރިއަލް އެސްޓޭޓް ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވެސް "މާވެހި ޕޯޓަލް" މެދުވެރިކޮށް ރަށްވެހިކަމަށް އެދި ހުށަހެޅުމަށް ފަހި ޔޫނިއަން އިން ވަނީ އިލްތިމާސްކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހުރިހާ ފްލެޓްތަކުގެ ނަންތައް ޕޯޓަލްގައި ހިމަނާފައެވެ. މީގެ ސަބަބުން ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް އެ ފަރާތެއް ދިރިއުޅޭ ފްލެޓް ހިމެނޭ ޓަވަރާއި ނަން ފަސޭހަކަމާއެކު ފެންނަން ހުންނާނެއެވެ.
މި ފުރުސަތު ފަހިކޮށްދެއްވި ކަމަށްޓަކައި ފަހި ޔޫނިއަންގެ ފަރާތުން ވަނީ މާލޭ ސިޓީ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.

މާވެހި ޕޯޓަލްގައި މައުލޫމާތު ހިމަނާނެ ގޮތް.... ފޮޓޯ/ ފަހި ޔޫނިއަން
މީގެ އިތުރުން، އެފްޑީސީގެ 4000 ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ރަށްވެހިކަން ރަޖިސްޓްރީ ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަންޖެހޭ ސިޓީ ހޯދުމަށް، އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭ ތަފްސީލީ މައުލޫމާތު އެފްޑީސީގެ ޕޯޓަލް އިން ލިބެން ހުންނާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.
މާވެހި ޕޯޓަލް އަކީ ރާއްޖޭގެ ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން އެއް ފުރާޅެއްގެ ދަށުން ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ ނިޒާމެކެވެ. މިއީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ ގުޅިގެން ތަރައްގީކޮށްފައިވާ ޕޯޓަލެކެވެ.

19 ޖުލައި 2022: އޭރުގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ މުޙައްމަދު މުއްޒު "މާވެހި" ޕޯޓަލް އިފްތިތާހު ކޮށްދެއްވަނީ -- ފޮޓޯ/ މާލޭސިޓީ ކައުންސިލް
މި ޕޯޓަލް މެދުވެރިކޮށް ކައުންސިލްތަކުން ދޭ އެކި ޚިދުމަތްތަކަށް އޮންލައިންކޮށް އެދުމާއި، ފައިސާ ދެއްކުމާއި، އަދި ހުށަހަޅާފައިވާ ފޯމުތަކުގެ ސްޓޭޓަސް ބަލައިލެވޭނެއެވެ. މީގެ އިތުރުން އީ-ފާސް މެދުވެރިކޮށް ރައްކާތެރިކަމާއެކު މި ސިސްޓަމަށް ލޮގިން ވެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައެވެ.
މާވެހި ޕޯޓަލްގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމާއި، ކައުންސިލްތަކުގެ މަސައްކަތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމެވެ. އަދި ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށް ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަކީ ވެސް މި ނިޒާމުގެ މުހިންމު ބޭނުމެކެވެ.
މި ޕޯޓަލް އިފްތިތާޙު ކުރެއްވީ 19 ޖުލައި 2022 ގައި މާލެ ސިޓީ ކައުންސިލުން ބޭއްވި އެއަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި އޭރުގެ މޭޔަރު އަދި މިޖާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.