ވ. އަތޮޅު ކައިރިއަށް ޑައިވްކުރަން ގޮސް އުޅެނިކޮށް، ގެއްލުނު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް އިއްޔެ މަރުވި ސާޖަންޓް ފަސްޓްކްލާސް މުޙައްމަދު މަހުދީގެ މަރުގައި އިހުމާލުތަކެއް ހުރިތޯ ބަލަން، ތަހުގީގު ކުރަން ގޮވާލަން ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނުނީ، އެންމެ ފަތުރުވެރިއެކެވެ. އޭނާ ވެސް ފެނުނީ 60 މީޓަރުގެ އަޑިން މަރުވެފައި އޮއްވައެވެ. އިތުރު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފުން އައީ، ރެސްކިއު އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަނުގެ ތެރެއިން މަހުދީ ވަނީ އިއްޔެ މަރުވެފައެވެ.
އެ މަރާ ގުޅިގެން، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި މީހުން އަންނަނީ މަހުދީގެ މަރުގައި އިހުމާލުތަކެއް ހުރި ކަމަށް ބުނެ، ޚާއްސަ ތަހުގީގެއް ހިންގުމަށް ގޮވާލަމުންނެވެ.
އަދި، މިދިޔަ ހުކުރު ދުވަހު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބްރިގޭޑިއާ ޖެނެރަލް ކޮމާންޑް އެންޑް ކޯސްޓްގާޑް މުހައްމަދު ސަލީމް ވިދާޅުވި ވާހަކައަކަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އޭނާ ވިދާޅުވީ، ސިފައިންގެ ޑައިވަރުން ތައްޔާރުވެފައި ތިބީ، 50 މީޓަރަށް ޑައިވު ކުރުމަށް ކަމަށެވެ. އެކަމަކު، މި އަހަރުގެ ތެރޭގައި 100 މީޓަރަށް ޑައިވް ކުރެވޭ ފެންވަރަށް ތަމްރީނު ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.
އެ ވާހަކައަށް އިޝާރަތްކޮށް ފަހުދު ފާއިޒް ކިޔާ މީހަކު ފޭސްބުކްގައި ބުނީ، އެމްއެންޑީއެފުގެ މީޑިއާ ރިޕޯޓުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.
މި ގޮތުން، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނަކީ، އާދާޔާ ޚިލާފު ނުރައްކާތެރި މާހައުލެއްކަން އެނގި ތިބެ، އެ ތަނަށް ޑައިވަރުން ފޮނުވާފައިވާ ކަމަށް އެ މީހާ ބުނެފައިވެއެވެ. އަދި، އޮޕަރޭޝަނުގައި އެކަށީގެންވާ ސާމާނު ބޭނުންކޮށްފައިނުވާ ކަމަށް އެމްއެންޑީއެފުން އިއުތިރާފުވާ ކަމަށް އޭނާ ތުހުމަތުކުރެއެވެ.
މީހުން ހޯދާ އޮޕަރޭޝަންތަކުގެ އެންމެ ފުރަތަމަ ގަވައިދަކީ، އެހެން މީހަކު ނުރައްކަލަކަށް ވައްޓާނުލުންކަން ފާހަގަކޮށް ފަހުދު ބުނީ، އަޑީގެ ހޮހަޅަތަކަށް ފީނުމަކީ، ދުނިޔޭގެ ފެންވަރުގެ ޑައިވަރުން ވެސް ވަރަށް ސަމާލުވެގެން ކުރާ ކަމެއް ކަމަށެވެ.
އެ ފަދަ އޮޕަރޭޝަންތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ވަސީލަތްތައް ހުރުން ލާޒިމު ކަމަށް އޭނާ ބުނެފައިވެއެވެ.
"އެކަށީގެންވާ ސާމާނު ނެތް ކަމަށް އިއުތިފާރުވާ ނަމަ، އޮޕަރޭޝަން ކުރިއަށް ގެންދަން ހުއްދަ ދިނީ ކާކު ހެއްޔެވެ. އެ ނިންމުން ނިންމީ ކޮން ފަރާތަކުން ހެއްޔެވެ؟ އަދި ބޭނުންވާ ވަސީލަތްތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެތި، އެހާ ބޮޑު ނުރައްކަލަކަށް އެ މީހުން ހުށަހެޅީ ކީއްވެ ހެއްޔެވެ؟" އޭނާ ޕޯސްޓުގައިވެއެވެ.
އައިމިނަތު ނުޒުހާ ކިޔާ މީހަކު އެކްސްގައި ވަނީ އެމްއެންޑީއެފް ޑައިވަރުން ތައްޔާރުވެފައި ތިބީ 50 މީޓަރު އަޑިއަށް ފީނަށް ކަމަށްވީއިރު، 60 މީޓަރު އަޑިއަށް ފީނަން ފޮނުވީ ކީއްވެތޯ ސުވާލުއުފައްދާފައެވެ.
މި ގޮތުން، އެ ފަދަ އޮޕަރޭޝަންތަކަކީ ޓެކްނިކަލް ތަމުރީނާއި ފުރިހަމަ ތައްޔާރީތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ކުރަން ޖެހޭ ކަމެއްކަން އޭނާ ފާހަގަކޮށްފައިވެއެވެ.
މަހުދީގެ މަރާ އެކު، ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓްގެ މަގާމު ކުރިން އަދާކުރެއްވި ޒިހާން ހަސަން ކުރެއްވި ޕޯސްޓެއްގައި ވަނީ އިތުރު މީހަކު މި އޮޕަރޭޝަނުގައި މަރުވާން ބޭނުންނުވާ ކަމަށް ވިދާޅުވެ، އޮޕަރޭޝަން ހުއްޓާލަން ގޮވާލައްވާފައެވެ. އަދި، ސިފައިންނަކީ ކުރިމަތިވެދާނެ ނުރައްކާތަކަށް ބެލުމެއް ނެތި އެ މީހުންނަށް ކުރާ ކޮންމެ އަމުރަކަށް ފުރިހަމައަށް ކިޔަމަންވާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރަނގަޅު ނިންމުންތައް ނިންމުމަކީ އޮފިސަރުންގެ ޒިންމާއެއްކަން ފާހަގަކުރައްވައި ޒިހާން ވިދާޅުވީ، އެ ޒިންމާ އަދާ ނުކުރެވިއްޖެނަމަ އެންމެ ބޮޑު ހިތާމައާއި ގެއްލުމާ ކުރިމަތިލާން ޖެހެނީ ސިފައިންނަށް ކަމަށެވެ.
މީގެ އިތުރަށް ވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ މި މަރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، އިޓަލީގެ ފަތުރުވެރިން ހޯދުމަށް އެ ގައުމުން ދިން އެހީގެ ދަށުން ފިންލޭންޑުގެ ތިން ޑައިވަރުން މިއަދު ރާއްޖެ އަންނަންދެން އޮޕަރޭޝަން ވަނީ މެދުކަނޑާލާފައެވެ.
އެ ހާދިސާއާ ގުޅިގެން އެ ފަތުރުވެރިން ޑައިވިންއަށް ދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސެންސް ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. މަހުދީގެ ޖާނާޒާ ރަސްމީ އިއްޒަތުގައި ރޭ ވަނީ ބާއްވާފައެވެ.