ތިން އަހަރުތެރޭ އަނެއްކާވެސް އެސްޓީއޯއިން ހިއްސާއަކަށް ބަހާ އަދަދު އިތުރުވެއްޖެ، މިފަހަރު ހިއްސާއަކަށް 85 ރުފިޔާ

އެސްޓީއޯގެ މިއަހަރުގެ އޭޖީއެމްގެ ތެރެއިން: އެސްޓީއޯގެ ހިއްސާ އަނެއްކާވެސް ރެކޯޑު މިންވަރަކަށް ވަނީ އިތުރުވެފައި --- ފޮޓޯ: އެސްޓީއޯ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯއިން މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ. މިއީ ފާއިތުވި ދެ އަހަރާ އަޅާބަލާއިރު ފަސް ރުފިޔާގެ ކުރިއެރުމެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް 5.49 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

  • މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކުރުން
  • މިއީ ފާއިތުވި ދެ އަހަރު ބެހި 80 ރުފިޔާއަށްވުރެ 5 ރުފިޔާގެ އިތުރުވުމެއް
  • އަހަރީ އާންމު ޖަލްސާގައި 263 ހިއްސާދާރުން ބައިވެރިވެ 99 އިންސައްތަ ވޯޓުން ފާސްވުން
  • މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައިވުން
  • ފުރަތަމަ ކުއާޓަރުގެ އާމްދަނީ 5.49 ބިލިއަން ރުފިޔާއަށް އަރައި 33 އިންސައްތަ ކުރިއެރުމެއް ހޯދުން

މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން، ސަރުކާރު ވިޔަފާރި ކުންފުނި އެސްޓީއޯއިން ފާސްކޮށްފިއެވެ.

ފާއިތުވެދިޔަ ދެ އަހަރު ލިބުނު އާމްދަނީން އެސްޓީއޯއިން ހިއްސާއަކަށް ބެހީ 80 ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ ދެ އަހަރާ އަޅާ ބަލާއިރު ފަސް ރުފިޔާގެ އިތުރުވުމެކެވެ.

މިރޭގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްވީ، ޖަލްސާގައި ބައިވެރިވި 263 ހިއްސާދާރުންގެ ތެރެއިން 99 އިންސައްތަ ހިއްސާދާރުންގެ ވޯޓުންނެވެ. އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 263 ހިއްސާދާރުންގެ ތެރެއިން 176 މެންބަރުން ވަނީ ޖަލްސާއަށް ހާޒިރުވެފައެވެ. ބާކީ ހިއްސާދާރުން ބައިވެރިވީ ޕްރޮކްސީ މެދުވެރިކޮށެވެ.

އެސްޓީއޯއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 276 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެއެވެ.

https://sun.mv/220983

އޭގެ އިތުރުން، އެސްޓީއޯއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީއަށް ވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ 33 އިންސައްތަ އިތުރު ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 4.14 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިދިޔަ ކުއާޓަރުގައި އެ އަދަދުވަނީ 5.49 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ ކުއާޓަރުތަކާ އަޅާ ބަލާއިރު، އެސްޓީއޯއަށް ލިބުނު އާމްދަނީ އިތުރު ފަހަރެކެވެ.

އެސްޓީއޯގެ އިތުރު ތަފާސްހިސާބުތަކަށް ބަލާލާއިރު:

  • ހިންގުމުގެ ފައިދާ: 368 މިލިއަން ރުފިޔާ؛ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 322 މިލިއަން ރުފިޔާގެ ފައިދާއަށް ވުރެ 14 އިންސައްތަ އިތުރު
  • ސާފު ފައިދާ: 276 މިލިއަން ރުފިޔާ؛ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 244 މިލިއަން ރުފިޔާގެ ފައިދާއަށް ވުރެ 13 އިންސައްތަ އިތުރު
comment ކޮމެންޓް