މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝް ހިމެނޭހެން ތިން ބޭފުޅަކު ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކަށް އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން (ޕީސީބީ)ގެ ރަސްމީ 'އެކްސް' އެކައުންޓުގައިވާ ގޮތުން ޢަރީޝް އައްޔަންކުރީ ޕޯސްޓު އޮފީހުގެ ޑިރެކްޓަރުންގެ ބޯޑަށެވެ.
ޢަރީޝްގެ އިތުރުން ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓްފާމާގެ ބޯޑަށް އިސްމާޢީލް ފަރުހާދު އަޙްމަދު، އަދި އެސްޓީއޯގެ ބޯޑަށް އަޙްމަދު އިމްދާޙް މުޙައްމަދު ވަނީ އައްޔަންކޮށްފައެވެ.
ޕޯސްޓު އޮފީހުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވުމާ ހަމައަށް ޢަރީޝް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީއެއްގެ ގޮތުގައެވެ. އޭނާ އެ މަގާމަށް އޮގަސްޓު މަހު އައްޔަންކުރެއްވި ނަމަވެސް، އައްޔަންކުރެއްވި ސީދާ ތާރީޚެއް ނޭނގެއެވެ.
މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވި ޢަރީޝް ޑެޕިއުޓީ މޭޔަރުކަމަށް އިންތިޚާބުކުރީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 16ވަނަ ދުވަހެވެ. އޭނާ ޕީއެންސީއަށް ސޮއިކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުންނެވެ.
ޢަރީޝް ވަނީ މިދިޔަ އޭޕްރިލް މަހު އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ވެސް ދެވަނަ ދައުރަކަށް ވާދަކުރައްވައިފައެވެ. ނަމަވެސް މިހާރުގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ އާ ވާދަކުރައްވައި 365 ވޯޓުގެ ތަފާތުން ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. ރިޟްވާނަށް 1،040 ވޯޓު ލިބިވަޑައިގެންނެވިއިރު ޢަރީޝަށް ލިބިވަޑައިގަތީ 675 ވޯޓެވެ.