ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމުން، އެ ދުވަސްތަކުގައި ހެޔޮ އަމަލުތައް ކުރުން ގިނަ ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުސްލިމުންނަށް ނަސޭހަތްތެރިވެއްޖެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ޚުތުބާ ކިޔާފައިވަނީ، 'ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް' މި މައުޟޫގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، މާތްﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަސް ކަމަށާއި އެ މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، ގިނަ ސަވާބާއި ދަރުމަ ލިބޭ ގޮތަށް ހެޔޮ ކަމުގެ މާތް މޫސުންތައް ތަކުރާރުވާ ގޮތެއްގައި މާތް الله ލައްވާފައި ވުމަކީ، އެކަލާނގެ އޯގާވަންތަކަމާއި ރަޙުމަތްވަންތަކަމުގެ ބޮޑުކަން ހާމަވާ ކަމެއް ކަމަށެވެ.
ބަޔަކު ނަމާދު ކުރަނީ: ޚުތުބާގައި ކިޔައިދިނީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތް ކަމުގެ ވާހަކަތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިގޮތުން، ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާންތައް ފިލައިނުދަނީސް އަހަރެމެންނާ ކުރިމަތިވަމުން އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތައްކަން ޚުތުބާގައި ފާހަގަކުރިއެވެ. އެއީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށްވާއިރު، ހެޔޮ ޢަމަލުކުރުމަށް މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތަކަކަކީ އެއީކަން ޚުތުބާގައި ކިޔައިދިނެވެ.
"މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި ޢިލްމުވެރީން ބަޔާންކުރައްވަނީ، އެންމެ މަތިވެރި ހެއު ޢަމަލުތައް މި ދުވަސްތަކުގައި ޖަމާވާތީއެވެ. ނަމާދާއި ރޯދައާއި ސަދަގާތާއި ހައްޖުގެ މަތިވެރި އަޅުކަން ޖަމާވާތީއެވެ. އެހެންކަމުން މި ދުވަސްތަކުގެ ބޭނުން ހެއު ގޮތުގައި ހިފުމަށް ޓަކައި ހެއު ޢަމަލުކުރުމަށް އަވަސްވާށެވެ" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ވަނީ، މި ދުވަސްތަކުގައި މުސްލިމުންގެ އަމަލުތައް ބަހައްޓަން ވީ ގޮތް ބަޔާންކޮށްފައެވެ. އެންމެ ފުރަތަމަ ކަމަކަށް، ތެދުވެރި އިޚުލާސްތެރި ތައުބާއެއް ވުމަށް ޚުތުބާގައި ގޮވާލިއެވެ.
މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
މީގެ އިތުރުން، ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގައި ތަސްބީހަ ކިޔުމާއި ގިނަގިނައިން ސަދަގާތް ކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި، އެ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުތަޝްރީޤުގެ ފަހު ދުވަހުގެ އިރުއޮއްސުމާ ހަމައަށް ގެތަކާއި މަގުތަކާއި އެހެނިހެން ތަންތަނުގައި އަޑުހަރުކޮށް ތަކުބީރު ކިޔުމަކީ ސުންނަތެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
އެ ދުވަސްތަކުގައި ކުރެވޭ އެންމެ ހެޔޮ އަމަލަކީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުން ކަން ޚުތުބާގައި ފާހަގަކުރިއެވެ.
ނުބައި ކަންތައްތައް ކުރުމުން އެ ދުވަސްތަކުގައި ދުރުވުމަށް ވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
"ޙައްޖު މަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، ބާޠިލު ވާހަކަދެއްކުމާއި، ފިތުނައުފައްދައި، ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެ ތިބޭ ބަޔަކަށް ވާށެވެ މާތް ﷲ ލޯބިވެ ވޮޑިގެންނުވާ އެއްވެސް ޢަމަލަކަށް އަރައިނުގަނެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ" ޚުތުބާގައި ބުންޏެވެ.
އެ ދުވަސްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމަށާއި ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވުމަށާއި ރޭ އަޅުކަން ކުރުން ފަދަ ކަންކަން ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޚުތުބާގައި ވަސިއްޔަތްކުރިއެވެ.