މުޅި ދުނިޔެއަށް އެބަ ފެނޭ، މި ވެއްޓެނީ އަގު، ދައްކާނީ ކޮން މޫނެއް؟

އިއްޔެ އަލްޖަޒީރާ ހުޅުވައިލިއިރު ގާތް އެކުވެރިއެއްގެ ލޮލުގައި އަޅައިގަތީ ކޯޓުން ނެރެފައިވާ އަމުރަކާ ޚިލާފުވެފައިވާކަން ސާބިތުވީކަމަށް ބުނެ، ދެ ނޫސްވެރިއެއް ޖަލަށް ލައި ބަންދުކުރި ޚަބަރުގެ ސުރުޚީއެވެ. އޭނާ ވަގުތުން ބުންޏެވެ. މުޅި ދުނިޔޭގެ ކުރިމަތީ މި ރާއްޖޭން "މި ޖައްސަނީ ކިހާ ހަޑި ވައްތަރެއް" ހެއްޔެވެ؟ އެންމެ ފަހުން ބޭރުގެ ނޫސްތަކަށް ވެސް މި ކަންކަން އެރީތާއެވެ.

އާންމު އާދައިގެ މީހަކަށް ވެސް މިއަދު މި އިހުސާސްކުރެވެނީ ލަދުވެތިކަމެވެ. ގައުމުގައި ހިނގާ އެންމެ ދެރަވަރު ކަންކަން ދުނިޔޭގެ ސަމާލުކަމަށް އައީމާ ވާނީ ވެސް އެހެންނެވެ. މި މަހުގެ ތިންވަނަ ދުވަހު ދިވެހި ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖައިގައި ރާއްޖެ ދަރަޖަތަކެއް ފަހަތަށް ސޮއްސައިލުމެވެ. ދެ ހަފުތާއެއްހާ ދުވަސް ފަހުން މިއަދު މި ފެންނަނީ ސޮއްސައިލައިގެން ދިޔަ ދަރަޖަތަކުން އަސްލު އަންގައިދޭ ހަގީގަތެވެ.

https://sun.mv/221432

ދައުލަތުގެ އެކި ބާރުތައް މެދުވެރިކޮށް މިނިވަން ނޫސްވެރިކަމަށް އެތައް ހުރަހެއް އެބަ ކުރިމަތިކުރުވައެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނޫސްވެރިންނަށް އެތައް ފިއްތުންތަކެއް އަންނަނީ ކުރިމަތިކުރުވަމުންނެވެ. ލިޔާ ޚަބަރަކުން، ކޮށްލާ ސުވާލަކުން ކުރިމަތިލާން ޖެހިދާނެ ކަމެއްގެ ހަގީގަތް ވެސް ނޭނގި، ބޮޑު ބިރަކާ ކުރިމަތިލާން މިވަނީ މަޖުބޫރުކޮށްފައެވެ.

13 މޭ 2026: ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވައިލައި މާލޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

ރާއްޖޭގައި މި ހިނގާ ކަންކަމަށް މުޅި ދުނިޔޭގެ ކަޅި އޮތީ ހުއްޓިފައެވެ. ބައިނަލްއަގުވާމީ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ދިވެހި ނޫސްވެރިން ޖަލަށްލީ ޚަބަރު ވެސް ކަވަރުކޮށްފިއެވެ. ސަރަހައްދީ، އަދި ދުނިޔޭގެ ބައިނަލްއަގުވާމީ މަދަނީ ޖަމިއްޔާތަކާއި، ނޫސްވެރިންގެ ހައްގުތަކުގައި ވަކާލާތުކުރާ ޖަމިއްޔާތަކުން ކެނޑިނޭޅި ކަންބޮޑުވުން އެބަ ފާޅުކުރެއެވެ. އެތައް ގޮވައިލުމެއް ސަރުކާރަށް އަންނަނީ ގޮވައިލަމުންނެވެ. ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ސަފީރުން މި ރާއްޖެއާ މެދު ދެން ދެކޭނީ ކިހިނެއް ހެއްޔެވެ؟ މުޅި ދުނިޔޭގެ ކުރިމަތީގައި ހުތުރު މިވަނީ ރާއްޖޭގެ ނަމެއް ނޫންހެއްޔެވެ؟

ބައިނަލްއަގުވާމީ މައިދާނުގައި ޑިމޮކްރަސީ، އެކަމު ރާއްޖޭގައި "އަނގަބަންދު"

އދ. ފަދަ ބައިނަލްއަގްވާމީ އެކި މައިދާންތަކުގައި މިހާރުގެ ސަރުކާރުގެ ވެރިން އެންމެ ބާރަށް ފާހަގަކުރާ އެއް ވާހަކައަކީ މި ރާއްޖެއަކީ އެންމެ ފުރިހަމައަށް ހައްގުތައް ކަށަވަރުވެފައި އޮތް ގައުމެއްކަމުގެ ވާހަކައެވެ. އެއީ ތެދެކެވެ. ގާނޫނުއަސާސީގައި އެ މިނިވަންކަމުގެ ވާހަކަ ވަރަށް ސާދާކޮށް ބަޔާންކޮށްފައި އެބައޮތެވެ. އެކަމަކު، ތަންފީޒުކުރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

ދުނިޔޭގެ ކުދި ޖަޒީރާ ގައުމުތަކުގެ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ތަސައްވުރު ހަރުދަނާކުރަން މަސައްކަތްކުރާއިރު، މިއަދު އަމިއްލަ ޑިމޮކްރެޓިކް ވެށީގެ ހާލަތު މި ވަނީ އިންތިހާއަށް ބަކިކަށިވެފައެވެ. ގައުމުގެ ތެރޭ އޮތީ ވަކި ކަމަކާ ގުޅޭ ޚިޔާލެއް، ނުވަތަ ވާހަކައެއް ވެސް ދެއްކުން މަނާކޮށްފައެވެ.

ބޮޑު ހަލަބޮލިކަމެއްގެ ތެރޭ ގައުމު އޮއްވައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ޕީއެންސީ ހަރު ގޭގައި ވަރަށް ބާރަށް ވާހަކަފުޅެއް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ މިހާރު އިންޓަނޭޝަނަލް ކޮމިއުނިޓީ ބަލައިގެންފައިވާ ބައެއް. އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވަރަށް ބަސް ވިކޭ އަޑުއަހާ ޕާޓްނަރަކަށް ވަނީ ހަދައި ބަލައިގެންފައި،" ރައީސް ވިދާޅުވިއެވެ.

ކިތަންމެހާ ވެސް ވިދާޅުވެލާން ފަސޭހަ ވާހަކަފުޅެކެވެ. އެކަމަކު، މި ފެންނަނީ ދުނިޔެއަށް ވަރަށް ރީތި މިސާލުގެ ވާހަކަދައްކާ ސަރުކާރަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފޯރުވާ ނުފޫޒާ އެކު ރާއްޖޭގެ ހާލަތު ގޮސްފައިވާ ހިސާބެވެ. ދުނިޔޭގެ މަސްރަހުގައި ޑިމޮކްރަސީގެ ވާހަކަދައްކައި އެހެން ގައުމުތަކަށް ލަފާދޭން ރާއްޖޭން ތިބޭތިބުމާ މެދުގައި ވެސް މިއަދު މި ވަނީ ސުވާލު އުފައްދަން ޖެހިފައެވެ.

ޔަގީނުން ވެސް މި ކަންކަމަކީ "އިންޓަނޭޝަނަލް ކޮމިއުނިޓީ"އިން ފާރަވެރިވާނެ ކަންކަމެވެ.

ރައީސް މުއިއްޒު މީގެކުރިން އދ. ގައި ތަގުރީރުކުރައްވަނީ --

ދުނިޔޭގެ މަސްރަހުގައި ރާއްޖެއާ މެދު އޮންނަ އިތުބާރަށް ކުރާނީ ކޮން އަސަރެއް؟

މިއަދު ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މަންދޫބުންނާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ މަންދޫބުން އަންނަނީ ރާއްޖޭގައި ހިނގަމުންދާ މި ކަންކަމުގެ ޚަބަރުތައް ވަރަށް ގާތުން ބަލަމުންނެވެ. ވަކިން ޚާއްސަކޮށް، ނޫސްވެރިންގެ މެދުގައި އޮތް ބިރުވެރިކަމާއި ކަންބޮޑުވުންތަކުގެ އަޑުތައް އެ ފަރާތްތަކަށް އަންނަނީ އިވެމުންނެވެ. އެ މީހުން ދަނީ ރާއްޖޭގެ މި ހާލަތާއި، ޑިމޮކްރަސީގެ މިސްރާބު ހުރި ގޮތުގެ ވާހަކަތައް އެ މީހުންގެ ގައުމުތަކަށާއި މައި އިދާރާތަކަށް ތަފުސީލީ ގޮތެއްގައި ކިޔައިދެމުންނެވެ. މިއީ ރާއްޖޭގެ ޚާރިޖީ ގުޅުންތަކަށާއި ދުނިޔޭގެ ކުރިމަތީގައި އޮތް ރާއްޖޭގެ ތަަސައްވުރަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަން ޔަގީނެވެ.

ޚާރިޖީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ވަކި ހާދިސާއަކުން ގައުމުގެ އަބުރަށް ބޮޑު ގެއްލުމެއް ނުވި ނަމަވެސް، ގިނަ އަދަދެއްގެ މީޑިއާތަކާއި ނޫސްވެރިންނަށް އަމާޒުކޮށް ސީރިއަސް މައްސަލަތަކެއް ކުރިމަތިކުރުވާ ނަމަ، އޭގެ ސަބަބުން ދުނިޔޭގައި ރާއްޖޭގެ ނަމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އަދި، ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތާ މެދު ބައިނަލްއަގުވާމީ ބައިވެރިން ސީރިއަސް ސުވާލުތައް އުފައްދާނެއެވެ. އެންމެ މުހިންމު ކަމަކީ ސަރުކާރުން ކަންކަން ކުރަނީ ގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމެވެ. އެހެން ނޫން ނަމަ، ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ގްރޫޕުތަކުން ކަންބޮޑުވުން ފާޅުކުރަން ފަށާނެއެވެ. މީގެ ނަތީޖާއަކަށް ވާނީ ދުނިޔޭގެ ކުރިމަތީގައި ރާއްޖެއާ މެދު އޮތް އިތުބާރު ގެއްލި، ނުރަނގަޅު ތަސައްވުރެއް އުފެދިގެން ދިއުން ކަމަށް ތަޖުރިބާކާރުން ދެކިވަޑައިގަންނަވައެވެ.

މިއަދު މި މަންޒަރު ވެސް އެބަފެނެއެވެ.

13 މެއި 2026: ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވައިލައި މާލޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއަށް ފުލުހުން ވަދެގަތުން --ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ މިއަދު މި ހިނގަމުން އަންނަ ކަންކަމަކީ، ރާއްޖެ އެކަހެރިވެފައިވާ ދުނިޔެއެއްގައި ހިނގަމުން އަންނަ ކަންތައްތަކެއް ނޫން ކަމެވެ. މުޅި ދުނިޔެ މިކަން ދަނީ ބަލަމުންނެވެ. ދުނިޔޭގެ ކުރިމަތީގައި ދިވެހި ސަރުކާރަކީ ހަރުދަނާ ޑިމޮކްރަސީއެއްގެ ބަދަލުގައި، މަލާމާތް ރައްދުވާ ފަދަ ސަރުކާރެއްގެ ގޮތުގައި މިއަދު ގިނަ ބަޔަކު ދެކެން ފަށައިފިއެވެ. ފެންމަތިވަމުންދާ ކޮރަޕްޝަނުގެ މައްސަލަތަކާއި، ޚަބަރު ފެތުރުން ހުއްޓުވުމަށް ނެރޭ އަމުރުތަކަކީ އިންޓަނެޓުގައި މަލާމާތުގެ މައުޟޫއަކަށް ވެފައިވާއިރު، ޚާރިޖީ ގުޅުންތަކުގެ ތެރޭގައި މިއީ ގައުމަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެކެވެ.

މިކަންކަމުގެ ސަބަބުން މި ގެއްލެނީ ގައުމަށް އޮތް އިތުބާރެވެ. ގާނޫނީ ސިޔާދަތާއި، އިންސާނީ ހައްގުތަކާއި، ޑިމޮކްރެޓިކް އުސޫލުތަކާ ގުޅޭގޮތުން ރާއްޖޭން ދައްކާ ވާހަކަތަކާމެދު ބައިނަލްއަގުވާމީ އިދާރާތަކާއި، ބޭރުގެ ސަރުކާރުތަކާއި، އަދި ބައިނަލްއަގުވާމީ ބައިވެރިން މިއަދު ޝައްކު އުފައްދަން މި ހުޅުވައިލެވެނީ ދޮރެކެވެ. ޚާރިޖީ ގުޅުންތަކާއި، ބޭރުގެ އެހީއާއި، ފަތުރުވެރިކަމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ދުނިޔޭގެ އެއްބާރުލުމަށް ބަރޯސާވާ ކުޑަ ގައުމަކަށް، މިފަދަ އިތުބާރެއް ގެއްލުމަކީ ދިގުމުއްދަތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ ވަރަށް ބޮޑު ގެއްލުމެކެވެ. އެހެންކަމުން ދެން ވެސް ދުނިޔޭގެ ބަސް އަހަންވެއްޖެއެވެ. މި ކަމުގައި ވެސް ދޭ ލަފާތައް އަޑުއަހަން ވެއްޖެއެވެ.

comment ކޮމެންޓް