އެމްޑީޕީގެ ދެ ސަރުކާރުން ވެސް ތަންފީޒުކުރީ އިސްލާމްދީނާ ދެކޮޅު ސިޔާސަތުތަކެއް ކަމަށާއި، ބޭރު ޖަމިއްޔާތަކާއި ގައުމުތަކުން ކޮންމެ ވާހަކައެއް ދެއްކިޔަސް އިސްލާމްދީނަށް މި ސަރުކާރުން ނަސްރުދޭނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމީ އަގީދާގެ އެންމެ އަސާސީ ކަންކަމަށް ކުޑައިމީސްކޮށް ނެރުނު ރިޕޯޓެއް ހަދައި ޝާއިއުކުރި މީހުންނަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މަގާމުތައް ދިން ކަމަށެވެ.
ރައީސް ވިދާޅުވީ، ދީނާއި ދުރު ސިޔާސަތުތައް ޞާލިޙްގެ ސަރުކާރުގައިވެސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ތަންފީޒުކުރި ކަމަށެވެ.
ރާއްޖެއަކީ ސައްތަ އިންސައްތަ އިސްލާމީ ގައުމެއް ކަމަށާއި، މި ގައުމުގައި އޮންނަންވާނީ އިސްލާމްދީނަށް ނަސްރުދިނުން އެކަނި ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.
"އެގޮތުގައި އަޅުގަނޑުމެން ކުރިއަށް ދާނަން، ކޮންމެ ފަރާތަކުން އެކަމާ ކޮންމެ ފަދަ އެއްޗެއް ކިޔަސް، އެއީ އަޅުގަނޑުމެން ކަންބޮޑުވާނެ ކަމެއްނޫން، ބޭރުގެ ގައުމުތައް ވިޔަސް، ބޭރުގެ ޖަމިއްޔާތައް ކަމަށް ވިޔަސް، އެއްވެސް ފަރުވާލެއް އަޅުގަނޑުމެންގެ ނެތް،" ރައީސް ވިދާޅުވިއެވެ.
ނަޝީދުގެ ސަރުކާރަށް ފާޑުވިދާޅުވެ، ރައީސް ވިދާޅުވީ، އޭރު އޮތީ "އެލްޓަނޭޓިވް ނެރޭޓިވް"، ނުވަތަ ކީރިތި ރަސޫލާގެ ޙަދީޘްފުޅާއި ކީރިތި ޤުރްއާން ނޫން ގޮތެއް ހޯދުން ކަމަށާއި، އެ ސަރުކާރުގެ އޭރުގެ ސިޔާސަތަކީ އެއީ ކަމަށެވެ. އެ ދުވަސް އަނބުރާ ގެންނަން އެއްވެސް ދިވެއްސަކު ބޭނުން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު އިސްކުރައްވަނީ ގައުމީ މަސްލަހަތު ކަމަށާއި، ވެރިކަންކުރާ ޕީއެންސީގެ ސިޔާސަތަކީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ހެވާއި ލާބަ އިސްކުރުން ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި ބަނދެވިގެން، މިއީ ވަރުގަދަ ޕާޓީއެއް، އަޅުގަނޑުމެންގެ ތެރޭ ބައިބައިވުމެއް ނެތް، މި ޕާޓީ ބައިބައިކުރާކަށެއް ކޮންމެހެން އުޅުއްވާކަށް އެއްވެސް ބޭފުޅަކު ހައްދަވާކަށް ނެތް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، ޕީއެންސީގެ ސަރުކާރުން އޮންނާނީ ގައުމިއްޔަތާއި ދީން އިސްކޮށް، "ހަގީގީ ދިވެހީންގެރާއްޖެ"އެއް ބައްޓަންކުރުމުގެ މަސައްކަތް ކުރުމުގައެވެ.