ސިވިލް ސާވިސް މުވައްޒަފުންގެ ތެރޭ އެލްޖީއޭގެ މުވައްޒަފުން ދެން ހިމެނޭނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު: އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރުމަށް ގެނައި އިސްލާހު ވަނީ ތަސްދީގުކުރައްވައިފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވާފައެވެ. މި އިސްލާހުގެ ދަށުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުން ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން ކައުންސިލްތަކުން ދޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުން ހިމެނުމާއި، ކައުންސިލްތަކަށް އާމްދަނީ ދޫކުރާ އުސޫލަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

  • އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުން
  • މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ އެލްޖީއޭގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން
  • މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން
  • ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާ ހަ މަހަށްވުރެ ގިނަވެއްޖެނަމަ އެ ފައިސާ އުނިކުރުމަށްފަހު އާމްދަނީ ދޫކުރުން

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ އޮތޯރިޓީގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިދާރީތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ތަސްދީގުކުރައްވައިފިއެވެ.

ސަރުކާރު ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲއެވެ.

މި އިސްލާހުގެ މަގުސަދެއް ކަމަށް ސަރުކާރުން ބުނީ، އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމާއި، ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ހިމެނުން ކަމަށެވެ.

މި އިސްލާހު ފާސްވީ 59 މެންބަރުންގެ ވޯޓުންނެވެ.

މި ބިލު ދިރާސާކުރި ލާމަރުކަޒީ ކޮމިޓީން ވަނީ ބިލަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން، އެލްޖީއޭއަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ އޮތޯރިޓީގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި، މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ޒިންމާދާރު އިސްވެރިޔާއަކީ ސީއީއޯ ކަމަށާއި މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ކޮމިޓީން ގެނައި އިތުރު އިސްލާހެއްގައި ވަނީ ކައުންސިލްތަކަށް އާމްދަނީ ދޫކުރުމުގައި އަމަލުކުރާނެ އުސޫލަށް ބަދަލު ގެނެސްފައެވެ. އެގޮތުން، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި، ކަރަންޓާއި ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ހަ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާ އުނިކުރުމަށް ފަހު ބާކީވާ އަދަދު ކައުންސިލްތަކަށް ދޫކުރުމަށް ވަނީ ހިމަނާފައެވެ.

އެލްޖީއޭއަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމުގެ ޒިންމާ އޮންނަ އިދާރާއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައި މުވައްޒަފުން އައްޔަންކުރުމުގެ ބާރު އެލްޖީއޭގެ ބޯޑަށް އޮތް ނަމަވެސް، މި ގެނައި ބަދަލާއެކު އެ ނިޒާމު ސިވިލް ސާވިސްގެ އުސޫލުތަކަށް ބަދަލުވާނެއެވެ.

comment ކޮމެންޓް