ޓެލެގްރާމް ގްރޫޕުތަކުން މަނާ ތަކެތި ވިއްކުމަށް ފަހު، ބްލެކްމެއިލްކުރާތީ ސަމާލުވާން އެދެފި

ފުލުހުންތަކެއް: ނޭނގޭ މީހުންނާ މުއާމަލާތްކުރުމުގައި ސަމާލުވާން ވަނީ އެދިފައި --- ސަން ފޮޓޯ/ އަހުމަދު އިޔާދު

ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތަކުގައި ހިންގާ އަޑި ނޭނގޭ ގްރޫޕްތަކާއި، ޗެނަލްތަކާއި އަދި ވަކިވަކި ފަރުދުންނާ މުއާމަލާތްކުރުމުގައި އާންމު ރައްޔިތުން މިއަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިފަދަ ޕްލެޓްފޯމްތަކަކީ މުއާމަލާތްކުރުމަށް ބޭނުންކުރާ މަގުބޫލު ވަސީލަތްތަކަކަށް ވީނަމަވެސް، ބައެއް ފަރާތްތަކުން މި ވަސީލަތްތައް މެދުވަރިކޮށް ގާނޫނާ ޚިލާފު އެކި އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި، މަސްތުވާތަކެއްޗާއި، ވޭޕާއި، ހަށިވިއްކުމާއި އަދި މި ނޫން ވެސް ގާނޫނާ ޚިލާފު މުދަލާއި ޚިދުމަތްތައް އިޝްތިހާރުކޮށް، އެ ފަދަ ޚިދުމަތްތައް ހޯދަން މަސައްކަތްކުރާ މީހުން ބްލެކްމެއިލްކޮށް ފޭރުމުގެ އަމަލުތައް ދަނީ ހިންގަމުންނެވެ.

މި ގޮތުން، ކުށްވެރިން އާންމުންގެ އިތުބާރު ހޯދުމަށްޓަކައި، އެހެން މީހުންގެ ވަނަވަރު ބޭނުންކޮށްގެން ހަދާފައިވާ ފޭކް ޕްރޮފައިލްތަކާއި ސައްހަ ނޫން ފޮޓޯތައް ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައެވެ. މި ފަދަ ފަރާތްތަކުން "ބުކިން ފީ" ނުވަތަ "ޑެލިވަރީ ޗާޖް" ފަދަ ނަންނަމުގައި ކުރިއާލައި ފައިސާ ހޯދުމަށް ފަހު، މުދާ ފޯރުކޮށްދިނުމުގެ ބަދަލުގައި އެ މުއާމަލާތުގެ ތެރެއިން ލިބޭ މައުލޫމާތު ބޭނުންކޮށްގެން ބިރުދައްކައެވެ.

ބޭންކް ޓްރާންސްފާ ސްލިޕްތަކާއި، ސްކްރީންޝޮޓްތަކާއި، ފޯނު ނަންބަރާއި އެކައުންޓް ތަފުސީލު ބޭނުންކޮށްގެން، އެ މީހެއްގެ އާއިލާއަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެ ބިރުދައްކައި ފޭރުމުގެ އަމަލުތައް ހިންގާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޓެލެގްރާމް ގްރޫޕްތަކާއި ޗެނަލްތަކުން ހިންގާ މުއާމަލާތްތަކަށް ސަމާލުވުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުން.... ފޮޓޯ/ ފުލުހުން

މީގެ އިތުރުން، ބައެއް ހާލަތްތަކުގައި ކުށުގެ ޝިކާރައަކަށްވި މީހާއަށް މަޖުބޫރުކޮށްގެން މަނީ ލޯންޑްރިން ފަދަ ގާނޫނާ ޚިލާފު ފައިސާގެ މުއާމަލާތްތައް ހިންގުމާއި، މަނާ ތަކެތި އުފުލުވުމުގައި ބައިވެރިކުރުވާކަން ވެސް ވަނީ ހާމަވެފައެވެ.

މިއީ އެ މީހަކު ބޮޑެތި ގާނޫނީ އަދި މާލީ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމެއް ކަމަށް ފުލުހުން އިންޒާރު ދެއްވައެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި އޮންލައިންކޮށް ހިންގާ ގާނޫނާ ޚިލާފު އެއްވެސް މުދަލެއް ނުވަތަ ޚިދުމަތެއް ހޯދުމަށް މަސައްކަތް ނުކުރުމަށާއި، ނުދަންނަ މީހުންނަށް ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި، ބިރުދައްކައި ބްލެކްމެއިލް ކުރަން ފަށައިފިނަމަ އިތުރަށް ވާހަކަ ނުދައްކައި، ހެކީގެ ގޮތުގައި މެސެޖުތަކުގެ ސްކްރީންޝޮޓް ނެގުމަށް ފަހު ވީ އެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓްކުރުމަށް ވެސް ވަނީ އަންގާފައެވެ.

ފުލުހުން ވިދާޅުވީ، ކުށްވެރިންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ޝިކާރައަކަށްވާ މީހާ ބިރުން ހަނުހުރުން ކަމަށެވެ. އެހެންކަމުން، ޝައްކު އުފެދޭ މުއާމަލާތްތަކުން ދުރުހެލިވެ، ތިމާއާއި އެހެން މީހުންގެ ސަލާމަތަށްޓަކައި މިފަދަ ކަންކަން ދުރާލައި ރިޕޯޓްކުރުމަކީ މުހިއްމު ކަމެއް ކަމުގައި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން މިފަދައިން އިލްތިމާސްކޮށްފައިވާއިރު، ފަހަކަށް ރާއްޖޭގައި މީހުން ބްލެކްމެއިލްކުރުމާއި ބުލީކުރުމާއި ފޭރުމާއި އަދި ސްކޭމްގެ އެކި އަމަލުތައް ހިނގުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މިފަދަ ކަންކަމަށް ސަމާލުވުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ދަނީ މެދުނުކެނޑި އިލްތިމާސްކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް