މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވައިގަދަވެ, ވާރޭ ވެހޭ ދުވަސްވަރަކަށް ވާތީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ޚާއްސަކޮށް ވައިގަދަވެ ވާރޭވެހޭ ވަގުތުތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އަންގާފައެވެ.
މި ގޮތުން، ސައިކަލު ފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން ވިއްސާރަ ކޯޓު ބޭނުންކުރުމުގައި، ވަޔާ އެކު ހަލާކު ނުވާނެ ފަދަ ވަރުގަދަ ކޯޓު ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި، ކޯޓާއި ބުރުގާފަދަ ތަކެތި ބޭނުންކުރާއިރު މޫނުމައްޗަށް ނުދާނޭހެން ބެހެއްޓުމަށާއި، ދުއްވާ މީހާއަށް މަގުމަތި ރަނގަޅަށް ފެންނާނެހެން ކޯޓު އެޅުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް ފުލުހުން ދިން އިރުޝާދު --
މަގުމަތީގެ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތައް
ވިއްސާރަވެ ފެންބޮޑުވާ ވަގުތުތަކުގައި ދުއްވާ އުޅަނދުތަކުގެ ހެޑްލައިޓް ދިއްލައިގެން ދުއްވުމަށް ފުލުހުން ވަނީ އަންގާފައެވެ. މީގެ އިތުރުން، މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ދުއްވާއިރު ހިނގާ މީހުންގެ ގަޔަށް ފެން ނުބުރާނެ ފަދަ ގޮތަކަށް އުޅަނދު ދުއްވުމަށް އިލްތިމާސްކުރެއެވެ.
މޫސުން ގޯސްވެ މަގުތަކުގައި ފެން ހެދިފައި އޮންނަ ވަގުތުތަކުގައި އުޅަނދު ކޮންޓްރޯލްކުރުމަށް ދަތިވެދާނެތީ، އާންމުކޮށް ދުއްވާ ދުވެއްޔަށް ވުރެ މަޑުން ދުއްވުމަކީ ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެ މުހިންމު ކަމެކެވެ. މި ދުވަސްވަރު މޫސުމަށް އަންނަ ބަދަލުތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް ވަނީ އެދިފައެވެ.
ފުލުހުން މިފަދައިން އިލްތިމާސްކޮށްފައިވާއިރު، މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުގަދަ ދުވަސްވަރަކަށް ވެފައި، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވެސް ވަނީ އިލްތިމާސްކޮށްފައިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ޚާއްޞަ ގޮތެއްގައި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި ވައިބާރުވެ ކަނޑުތައް ގަދަވާނެއެވެ.
މި ގޮތުން، މިރޭގެ 21:30 އިން ދަންވަރު 03:30 އަށް މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ވަނީ ނެރެފައެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި، އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމު އަދި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅު ހާލަތެއްގައިތޯ ޗެކްކުރުމަށް އެމްއެންޑީއެފްއިން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި، މުދާ ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް ވަނީ އަންގާފައެވެ.
ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެދިފައިވާއިރު، ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކަނޑުދަތުރު ނުކުރުމަށް އެމްއެންޑީއެފްއިން ވަނީ ހަރުކަށިކޮށް، އިލްތިމާސްކުރައްވާފައެވެ.
އެމްއެންޑީއެފްއިން އެގޮތަށް އިލްތިމާސްކުރިއިރު، ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުފަތުރު ކުރުމަށް ތައްޔާރުވަމުންދަނިކޮށް، މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފެށިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފިއެވެ.