ރާއްޖެއަށް ވަގަށް އެތެރެކޮށް ވިއްކަމުން ދިޔަ، ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ފުލުހުން ހިފަހައްޓައިފިއެވެ.
އެ ތަކެތި ފުލުހުން އަތުލައިގަތީ ގާނޫނާ ގަވައިދާ ޚިލާފަށް އެކި ބްރޭންޑުތަކުގެ ސިނގިރޭޓު ވިއްކާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައެވެ.
އެ އޮޕަރޭޝަނުގައި ގަޅޮޅު ގެއަކާއި އަމާން ދޯދި އެޕާޓުމަންޓަކާއި ވޭންއެއް ބަލައި ފާސްކޮށް، 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ފުލުހުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި، އަތުލައިގަތީ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓުތަކެކެވެ.
މި މައްސަލައިގައި ހިމެނޭ ވޭން ޓޯކޮށްފައިވާ ކަމަށާއި މިހާތަނަށް މި ކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގަވައިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކޮށްގެން ވިއްކާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އެ ފަދަ މައްސަލަތައް އިތުރުވާން ފެށީ، މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ އެކަކުން ފެށިގެން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރި ފަހުންނެވެ.
އޭގެ ފަހުން، ވަގު ސިނގިރޭޓަށް އޮންނަ ޑިމާންޑު ބޮޑުވިއިރު، ވޭޕް އެތެރެކުރުން ވެސް ސަރުކާރުން ވަނީ ނޮވެންބަރު 15، 2024ގައި މަނާކޮށްފައެވެ. އަދި، ވޭޕް ގެންގުޅުމާއި ބޭނުންކުރުން އެ އަހަރުގެ ޑިސެންބަރު 15ގައި ވަނީ މަނާކޮށްފައެވެ.