ޒުވާނުންނަށް ކެރިއާ ގައިޑަންސް ދިނުމަށް ކްލިކް ކޮލެޖުން އިންތިޒާމުކުރާ "ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓް" ފޯރަމްގެ ތިންވަނަ އެޑިޝަން މާދަމާ އާއި ހޮނިހިރު ދުވަހު މީރުމާ އިވެންޓް ހޯލުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމާފައިވާ ދަރިވަރުންނާއި، ވަޒީފާގެ ބާޒާރަށް އަލަށް ނުކުންނަ ޒުވާނުންނަށް އަމާޒުކޮށްގެން، މުސްތަޤުބަލު ބިނާކޮށް ކެރިއަރު ބައްޓަންކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ޚާއްޞަ ހަރަކާތެކެވެ. ސާނަވީ އިމްތިޙާނުގެ ނަތީޖާ ނުކުންނަ ދުވަސްވަރާ ދިމާކޮށް ބާއްވާ މި ފޯރަމްގައި އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ ތަޖުރިބާއާއި މަޢުލޫމާތު ޕެނަލް ޑިސްކަޝަންތަކެއްގެ ޒަރީޢާއިން ފޯރުކޮށްދޭނެއެވެ. އަދި މިހާރު މާކެޓުގައި އެންމެ ޑިމާންޑް ބޮޑު ދާއިރާތަކާއި އަލަށް ތަޢާރަފުވަމުންދާ ސިނާޢަތްތަކާ ގުޅޭ މަޢުލޫމާތުވެސް މި ހަރަކާތުގެ ތެރެއިން ޒުވާނުންނަށް ލިބިގެންދާނެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ޕެނަލް ޑިސްކަޝަންތަކާއި، ޚާއްޞަ ބޫތުތައް މެދުވެރިކޮށް މަޢުލޫމާތު ދިނުން ކަމަށް އެ ކޮލެޖުން ބުނެއެވެ. މާދަމާ 17:00 އިން 18:00 އަށް ފަތުރުވެރިކަމާއި އެކައުންޓިން ދާއިރާގެ ޕެނަލް ކުރިއަށްދާއިރު، 20:00 އިން 21:00 އަށް އޮންނާނީ މާކެޓިން އަދި ބިޒްނަސް ދާއިރާއަށް ޚާއްޞަ ޕެނަލް މަޝްވަރާއެވެ.

ހޮނިހިރު ދުވަހު އޮންނާނީ ސްޕެޝަލައިޒްޑް ސްޓަޑީޒްއަށް ޚާއްޞަ ސެޝަންތަކެކެވެ. އެގޮތުން 14:00 އިން 15:00 އަށް ކްރިމިނޮލޮޖީ، ކުޅިވަރު، ޕައިލެޓްކަން އަދި އިންޖިނިއަރިން ދާއިރާގެ މަޢުލޫމާތު ދޭއިރު، 17:00 އިން 18:00 އަށް އޮންނާނީ މެޑިސިން އަދި ސައިން ލޭންގުއޭޖަށް ޚާއްޞަ ސެޝަނެކެވެ. މީގެ އިތުރުން 20:00 ގައި ޓެކްނޮލޮޖީއާއި ސްޕޭސް ރިސާޗަށް ޚާއްޞަ ސެޝަނަކާއި، 21:00 ގައި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ހެލްޕްލައިން 1677 އާ ބެހޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއްވެސް ކުރިއަށް ގެންދާނެއެވެ. ކޮންމެ ޕެނަލް ޑިސްކަޝަނެއްވެސް އެއް ގަޑިއިރަށް ކުރިއަށްދާއިރު، ސޯޝަލް މީޑިއާ މެދުވެރިކޮށް މި ސެޝަންތައް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގައި ޚާއްޞަކުރެވިފައިވާ ސްޓޯލްތަކުގައި ބައިވެރިވާ އިދާރާތަކުގެ ތެރޭގައި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)، ނެޝަނަލް ކެރިއާ ސާވިސަސް އަދި ފޯ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިމެނެއެވެ. މި ސްޓޯލްތަކުން ޞިއްޙީ ޚިދުމަތްތަކާއި، ވިޔަފާރީގެ އިރުޝާދާއި، ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން ޒުވާނުންނަށް ހުރި ތަމްރީނު ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ. މިއީ އެކި ސިނާޢަތްތަކުގައި ހުރި ފުރުޞަތުތައް އެއްތަނަކުން ދެނެގަތުމަށް ޒުވާނުންނަށް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ.
މި ހަރަކާތުގެ އެންމެ ތަފާތު އެއް ބަޔަކީ ފައިޓިން ގޭމް ކޮމިއުނިޓީ މޯލްޑިވްސް (އެފްޖީސީ އެމްވީ) އާ ގުޅިގެން އިންތިޒާމުކުރާ ގޭމިން ހަރަކާތެވެ. ފުރަތަމަ ދުވަހުގެ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށް އާންމުކޮށް ހުޅުވާލައިގެން ގޭމް ކުޅުމުގެ ފުރުޞަތު ދިނުމަށްފަހު، ދެވަނަ ދުވަހުގެ މެންދުރު 12:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނީ 20 ބައިވެރިންނާއެކު ބާއްވާ ޚާއްޞަ ގޭމިން މުބާރާތެކެވެ. މި މުބާރާތުން އެއްވަނައަށް 3،000 ރުފިޔާ، ދެވަނައަށް 2،000 ރުފިޔާ އަދި ތިންވަނައަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ފޯރަމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކުވެސް ނަގާ ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ސްރީލަންކާއަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓާއި، ރާއްޖޭގެ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ހިމެނޭހެން އަގުހުރި ހަދިޔާތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
މި ހަރަކާތުގެ އެކި ސެޝަންތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކްލިކް ކޮލެޖުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އޮންލައިން ފޯމެއް ފުރައިގެން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ގޭމިން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ކްލިކް ކޮލެޖާއި އެފްޖީސީ އެމްވީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މާދަމާ މެންދުރުފަހު 2:00 ގައި ފަށާ މި ފޯރަމްގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، މިއީ މަތީ ތަޢުލީމާއި ވަޒީފާގެ މައިދާނަށް ނުކުންނަން ތައްޔާރުވަމުންދާ ޒުވާނުންނަށް މުހިންމު މަގުދައްކައިދޭނެ ހަރަކާތަކަށް ވާނެކަމަށް އިންތިޒާމުކުރާ ފަރާތްތަކުން އުންމީދުކުރެއެވެ.