ގައުމެއްގެ ހަޔާތް ހަމަ މި ސަކަރާތުގައި ދުއްވާލަންވީތަ؟

ރާއްޖެއަށް ލިބޭ ބޮޑު އާމްދަނީއާ އަޅާބަލާއިރު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމައަށް ނުލިބެއެވެ. މީގެ މައިގަނޑު ސަބަބަކީ ކޮންމެ ފަސް އަހަރަކުން އަންނަ ސަރުކާރުތަކުން ގައުމީ ތަރައްގީއަށް ވުރެ ސިޔާސީ ކޯޅުންތަކާއި ބަދަލުހިފުމަށް އިސްކަންދިނުމެވެ. މިކަމުގެ ސަބަބުން ދިގު މުއްދަތުގެ މަޝްރޫއުތައް ހުއްޓި، އިގުތިސާދަށް ގެއްލުންވެ، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެއެވެ. މިކަމަށް އޮތް ހައްލަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ދިގު މުއްދަތުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމާއި، މިނިވަން މުއައްސަސާތައް ހަރުދަނާކުރުމެވެ.

  • ރާއްޖޭގެ އާމްދަނީ ރަނގަޅު ނަމަވެސް ބޯހިޔާވަހިކަމާއި ސިއްހީ ފަރުވާގެ ނިޒާމު އޮތީ ނިކަމެތި ހާލަތެއްގައި
  • ސަރުކާރުތަކުން ތަރައްގީއަށް ވުރެ ބޮޑަށް ވަގުތު ހޭދަކުރަނީ ސިޔާސީ ވާދަވެރިކަމާއި ބަދަލުހިފުމުގައި
  • ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ސަބަބުން މުއައްސަސާތަކުގެ ފަންނީ ގާބިލުކަން ގެއްލިގެންދިއުން
  • ދިގު މުއްދަތުގެ ތަރައްގީގެ ޕްލޭނަކާއި ވަރުގަދަ މިނިވަން މުއައްސަސާތަކެއް ގައުމަށް ބޭނުންވުން

ގައުމާ ދޭތެރޭ ވިސްނާލަން ހަމަ އެންމެ 10 މިނެޓް ދޭށެވެ. މިއީ 2026 އެވެ. އަދި ދިވެހީންގެ އާބާދީ ހަތަރު ލައްކައަށް ނާރައެވެ. މި ގައުމަށް އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 40 ބިލިއަން ރުފިޔާ ލިބެއެވެ. މިއީ ދުނިޔޭގެ އެންމެ މުއްސަނދިން އަރާމުކުރާ "ސުވަރުގެ"އެވެ. ޓޫރިޒަމްގެ ސަބަބުން ދިވެހީންނަށް އިންތިޚާއަށް އާމްދަނީ އެބަ ލިބެއެވެ. އަދި، މި ގައުމުގައި އިތުރު އާމްދަނީ ހޯދޭނެ އެތައް ވަސީލަތެއް އެބަހުއްޓެވެ. ދެން ވިސްނާލަންވީ ގައުމު އޮތް ހާލަތާ މެދެވެ.

މިއޮއް ކުޑަކުޑަ އާބާދީ އޮތް ގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް އަދި ވެސް ނުލިބެއެވެ. އަވަސް މުސްތަގުބަލެއްގައި އެ މައްސަލަ ހައްލުވާނެ ތަނެއް ވެސް ނުފެނެއެވެ. މި ގައުމުގައި ހޮސްޕިޓަލްތައް އެބަހުއްޓެވެ. ސިއްހީ ދާއިރާއަށް ބިލިއަނުން ޚަރަދު އެބަކުރެއެވެ. އެކަމަކު، ރަނގަޅު ފަރުވާއެއް ނުލިބެއެވެ. ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތައް އެބަހުއްޓެވެ. ސެޓްފިކެޓް ހާސިލުކުރާ މީހުން ވަރަށް ވެސް ގިނައެވެ. ނަމަވެސް، މޮޅެތި ސިކުނޑިތަކެއް އުފެދެނީ ނިސްބަތުން މަދުންނެވެ.

ނިކަމެތި މީހަކަށް އިންސާފު ލިބުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނުފޫޒެއް ނުފޯރުވާ ވަޒީފާއެއް ހޯދުމަކީ ދަތިކަމެކެވެ. އާރާއި ބާރު ހުރި މީހާއަށް ލިބޭ އަދަބެއް ނޯވެއެވެ. އެއީ ދައުލަތް ދަވާލުން ކަމަށް ވިޔަސް ހެވެ. ނަމަވެސް އޭރަކު ހުންނަ ވެރި މީހާ ބޭނުންވެއްޖެ ނަމަ ބޭނުން މީހަކަށް ކޮންމެ އަދަބެއް, އަނިޔާއެއް ވެސް ދޭންވީއެވެ. މިއީ ގައުމެއްގެ ނިކަމެތި ހާލަތެވެ.

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް
ކޮންމެ ފަސް އަހަރަކުން ވެރިކަންތައް ބަދަލުވެއެވެ. ނަމަވެސް، ގިނައިން މި ފެންނަނީ ވީވައުދުތައް ފުއްދަން އުޅުއްވުމަށް ވުރެން ސިޔާސީ ކޮންމެވެސް ކަންތައްގަނޑެއްގައި ވަގުތު ހޭދަކޮށްފައި ދާ މަންޒަރެވެ. އެއް ރައީސަކު ފަނޑިޔާރެއްގެ ފަހަތުން ދުވެފާނެއެވެ. އަނެއް ރައީސަކު ރަށްތައް ކުއްޔަށް ދީގެން ކޮރަޕްޝަން ހިންގަން އުޅެފާނެއެވެ. އަނެއް ރައީސަކު ދެވަނަ ދައުރެއް ހޯދުމަށްޓަކައި, ކުރަން ނުވާނެ ކަންކަން ކުރުމުގައި ދައުރު ދުއްވާލަފާނެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މިއަދުގެ ސަރުކާރަށް ބަލާއިރު ވެސް ކަން އޮތީ އެ ކަހަލަ ގޮތަކަށެވެ. މިއީ ރައްޔިތުން ވަރަށް ބޮޑު އުންމީދެއްގައި ގެނައި ސަރުކާރެކެވެ. ސަރުކާރާ އެކު ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން ދިނީ ވައުދުތައް ފުއްދުމާއި ކަންކަން އިސްލާހިކޮށް, ގައުމު ތަރައްގީކުރުމަށެވެ. ނަމަވެސް، މި ސަރުކާރު ވެސް ފެނިގެންދިޔައީ އަދި ފެނިގެން މިދަނީ ކުރަންވީ ކަންކަމަށް ވުރެ އެހެން ކަންކަމާ ވަގުތުތައް ނަގާލާ ތަނެވެ. ޖަޒުބާތު މާ ބޮޑީއެވެ.

އެއް ދުވަހު އަވައްޓެރި ގައުމަކާ ޖެހިގެންފާނެއެވެ. އަނެއް ދުވަހު ފަނޑިޔާރުންތަކަކާ ޖެހިގެން ފާނެއެވެ. ދެން ޖެހިގެން އަންނަ ދުވަހު ކައުންސިލްތަކާއި ނުވަތަ ދެތިން ނޫސްވެރިންނާ ޖެހިގަނެގެން ސަރުކާރުގެ ހުރިހާ ވަގުތަކާއި ހަކަތައެއް އެ ދުވަސްވަރަކު އެ ކަމަށް ދުއްވާލަފާނެއެވެ. ނަތީޖާއަކީ ސަރުކާރުގެ ޕާފޯމަންސް އިންތިހާއަށް ދަށްވުމެވެ. ހާހެއްހާ ސަފުހާގެ ވައުދު ފޮތެއް ހިއްޕަވައިގެން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން, އެތައް ޕްރެޒެންޓޭޝަންތަކެއް ދައްކަވައި، އެތައް މަޝްރޫއެއްގައި ސޮއި ކުރެއްވިޔަސް އަދި މާ ބޮޑު ނަތީޖާއެއް ނެރެވޭ ތަނެއް ގިނަ ދާއިރާތަކަކުން ނުފެނެއެވެ.

މި ކަންކަމުގެ ނަތީޖާއަކީ ސަރުކާރުގެ މަގުބޫލުކަން ދުވަހަކުން ދުވަހަކަށް ދަށްވުމެވެ. އެންމެ ފަހުން ބޭއްވި ބޮޑު އިންތިޚާބުގައި ސަރުކާރަށް މި ލިބުނު ބޮޑު ނާކާމިޔާބީއަކީ އޭގެ ހެއްކެވެ. ރެފަރަންޑަމް ވޯޓުގައި ސަރުކާރަށް ލިބުނީ 30އަކަށް ޕަސެންޓްގެ ތާއީދެވެ. ޕީއެންސީގެ މެންބަރުންގެ އަދަދަށް ވެސް ވޯޓް ހަމަ ނުވިއެވެ. މިއީ ސަރުކާރަށް އޮތް ތާއީދު ދަށްކަމުގެ ހެއްކެކެވެ.

https://www.sun.mv/221323

އޭގެ ފަހުން ސަރުކާތުގެ އަމަލުތައް އިސްލާހު ކުރައްވާނެކަން ރައީސް އިއުލާނުކުރެއްވެވިއެވެ. ނަމަވެސް، ކަންކަން ފެންނަނީ އެ މަގުން ހިނގާތަނެއް ނޫނެވެ. އަދި، ވެސް ގައުމު ތަރައްގީއާ އުޅުއްވުމުގެ ބަދަލުގައި ދަނޑުބޭރާ ކުޅުއްވަން އުޅުއްވާ މަންޒަރު މާބޮޑަށް ފެނެއެވެ. މިގޮތަށް ކުރިއަށްދާނަމަ ފެންނާނީ ދައުރު ހަމަވާއިރު ވިއްކާނެ އެއްޗެއް ނެތް ތަނެވެ. މިއީ ވޭތުވެދިޔަ ސަރުކާރުތަކަށް ވެސް ޖެހުނު ހާލެވެ.

ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއަށް ރާއްޖެ ފުރޮޅުނު ފަހުން، ސިޔާސީ ހަމަނުޖެހުންތަކާއި ބައިބައިވުންތަކަކީ ދިވެހިންނަށް އާ ކަމަކަށް ނުވެއެވެ. ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވުމާ އެކު، ދައުލަތުގެ ސިޔާސަތުތަކާއި އިސްކަންދޭ ކަންކަން މުޅިން ބަދަލުވެގެންދެއެވެ. ދިގު މުއްދަތުގެ ބޮޑެތި މަޝްރޫއުތައް ހުއްޓި، ނުވަތަ މުޅިން އާ ފެށުމަކުން ފަށަން ޖެހެއެވެ. ގައުމީ ތަރައްގީގެ ސިލްސިލާއަށް ވުރެ ބޮޑަށް، ސިޔާސީ ވާދަވެރިކަން ވަނީ މުހިންމުވެފައެވެ. ދެމެހެއްޓެނިވި ނިޒާމުތަކެއް ބިނާކުރުމުގެ ބަދަލުގައި، ސަރުކާރުތަކުން ގިނަ ފަހަރަށް އިސްކަންދެނީ ސިޔާސީ ގޮތުން ދެމިއޮތުމަށެވެ. މުއައްސަސާތަކުގެ މައްޗަށް ބިނާވެފައިވާ ތަރައްގީގެ ބަދަލުގައި، ޝަޚުސިއްޔަތުތަކުގެ މައްޗަށް ބިނާވެފައިވާ ތަރައްގީއަކަށް މިކަން ވަނީ ވެފައެވެ.

ފަސް އަހަރުގެ އިންތިޚާބީ ދައުރުގެ ސަބަބުން އުފެދޭ މައްސަލަތައް ވަރަށް ސާފެވެ. އާންމު ގޮތެއްގައި ހުރިހާ ސަރުކާރެއްގެ ފުރަތަމަ ދެ އަހަރު ހޭދަކުރަނީ ކުރީގެ ސަރުކާރުގެ ބޮލުގައި އިލްޒާމު އެޅުވުމުގައެވެ. މެދުތެރޭގެ އަހަރުތައް ހޭދަވަނީ ސިޔާސީ ގޮތުން ސަލާމަތްވުމަށާއި ބާރު ދެމެހެއްޓުމަށެވެ. އަދި، ފަހު އަހަރުތަކުގައި މުޅިން ވެސް ފެންނަނީ ކެމްޕޭނުގެ ހަރަކާތްތަކެވެ. މީގެ ނަތީޖާއަކީ، ހަގީގީ ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ ތަރައްގީއަށް ލިބޭ ވަގުތު އިންތިހާއަށް ކުޑަވުމެވެ.

މި މާހައުލުގައި ތަރައްގީގެ މަޝްރޫއުތައް ބޭނުންކުރެވެނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. އުމްރާނީ ތަރައްގީއާއި ސިޔާސަތުތައް ކަނޑައެޅުމުގައި ގައުމީ ބޭނުންތަކަށް ވުރެ ބޮޑަށް އިސްކަންދެވެނީ ސިޔާސީ މަގުބޫލުކަން ހޯދުމަށެވެ. ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތައް ސިޔާސީ ސަބަބުތަކާ ހުރެ ލަސްކުރުމާއި، ނަން ބަދަލުކުރުމާއި، ނުވަތަ މުޅިން ހުއްޓާލުން ފަދަ ކަންކަން ފެނެއެވެ. މީގެ ސަބަބުން ރައްޔިތުންގެ ފައިސާ އިސްރާފުވެ، ގައުމުގެ ކުރިއެރުން މަޑުޖެހެއެވެ. މީގެ އިތުރުން، ކޮރަޕްޝަނާއި ޖަވާބުދާރީވުން ކުޑަވުމުގެ މައްސަލަތައް ކޮންމެ ސަރުކާރެއްގައި ވެސް ތަކުރާރުކޮށް ފެންމަތިވެއެވެ. ސަރުކާރުތަކުގެ ތެރޭގައި ވައްކަން އޮންނަނީ އިންތިހާއަށެވެ. ކޮންމެ ފަސް އަހަރަކުން ބައި އަޅައިގެން ކައިވެން ދަނީއެވެ. ގެއްލޭ ފައިސާ ނުލިބޭ ތަނުގައި ލިބޭ އަދަބެއް ވެސް ނޯވެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ 2025 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް 182 ގައުމުގެ ތެރެއިން 91 ވަނަ ލިބިފައިވާއިރު، މިއިން ދައްކައިދެނީ ނިޒާމީ ގޮތުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އަދިވެސް ހުރިކަމެވެ.

އިންތިޚާބުތަކަށް ފަހު ސަރުކާރުގެ އިސް މަގާމުތަކަށް އަންނަ ބަދަލުތަކާ އެކު، މުއައްސަސާތަކުގެ ތަޖުރިބާއާއި ހަނދާންތައް ގެއްލިގެންދެއެވެ. ފަންނީ މަގާމުތަކަށް ސިޔާސީ ނުފޫޒު ވަނުމުން، ޕްރޮފެޝަނަލް ހިންގުންތެރިކަން ބަލިކަށިވެއެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު، ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ޑިރެކްޓަރުން ފަދަ އިސް ފަންނީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބަދަލުކުރުމަކީ އާންމު ކަމަކަށް ވެއްޖެއެވެ. މީގެ ސަބަބުން، ދައުލަތް ހިންގުމުގެ ނިޒާމުގައި ހުންނަންޖެހޭ އިންސްޓިޓިއުޝަނަލް މެމަރީ ނުވަތަ މުއައްސަސާގެ ހަނދާންތަކާއި ތަޖުރިބާ އެއްކޮށް ފޮހެވިގެންދެއެވެ. އާ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު ވުޒާރާތަކަށް އެތައް ސަތޭކަ ސިޔާސީ އެކްޓިވިސްޓުންނެއް ވެއްދުމުން، ސިވިލް ސާވިސްގެ ބޭނުން ކެނޑި، ދައުލަތް ހިންގުމުގެ ނިޒާމު ގަޑުބަޑުވެއެވެ.

އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ

މި ހުރިހާ ކަމެއްގެ އިގުތިސާދީ ނަތީޖާ ވަރަށް ގޯހެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިގުތިސާދެއްގައި، ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު ކުޑަވެއެވެ. ފިޗް ފަދަ ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ވެސް ސިޔާސީ ހަމަނުޖެހުންތަކަކީ އިގުތިސާދަށް އޮތް ރިސްކެއް ކަމުގައި ފާހަގަކުރެއެވެ. ދިގު މުއްދަތުގެ އިގުތިސާދީ އިސްލާހުތައް ގެނައުމަށް ދަތިވެއެވެ. ދައުލަތުގެ ދަރަނި ޖީޑީޕީގެ 122 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އުމްރާނީ ބޮޑެތި ބަދަލުތައް ނުގެނެވި، ދަރަނި އިތުރުވަމުން ދިއުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެކެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ ދަރަނީގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސިޔާސީ ބޭނުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރަން މަޖުބޫރުވެފައިވެއެވެ.

މީގެ އިތުރުން، މުޖުތަމައު ވަނީ ސިޔާސީ ގޮތުން ފުންކޮށް ބައިބައިވެފައެވެ. ގައުމީ މައްސަލަތަކާ މެދު ކުރެވޭ ބަހުސްތައް މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ސަރުކާރާއި އިދިކޮޅު ކޯޅުމަކަށް ބަދަލުވެފައިވެއެވެ. ސޯޝަލް މީޑިއާގައި ސިޔާސީ ރުޅިވެރިކަމާއި ދޮގު މައުލޫމާތު ފެތުރުން ވަނީ އާންމު ކަމަކަށް ވެފައެވެ.

މި މައްސަލަތަކުގެ އަސްލަކީ ބައެއް ފަހަރު ސިޔާސީ ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ނެތުމެވެ. ސިޔާސީ ސަގާފަތުގައި ބައެއް ފަހަރު ތަސައްރަފުފުދުމާއި، އެއް ގޮތެއްގައި ހިފެހެއްޓުމާއި، ގައުމީ ޒިންމާދާރުކަން ކުޑަވެފައިވެއެވެ. މުއައްސަސާތައް ވަރުގަދަކުރުމުގެ ބަދަލުގައި ގިނަ ލީޑަރުން އިސްކަންދެނީ އިދިކޮޅު ފަރާތްތަކަށް ހަމަލާ ދިނުމަށެވެ. ސިޔާސީ މައިދާން ވެފައިވަނީ ޖަޒުބާތީ އަދި ބަދަލުހިފުމުގެ ރޫހެއް އޮންނަ ތަނަކަށެވެ. ދައުލަތުގެ މުއައްސަސާތައް ބައެއް ފަހަރު ސިޔާސީ ހަނގުރާމަތަކުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވެއެވެ.

ހައްލެއް ބޭނުން!

މިކަންކަން ބަދަލުކުރުމަށްޓަކައި، ސިޔާސީ ކަންކަމުން އެއްކިބާވެފައިވާ ގައުމީ ތަރައްގީގެ ސިޔާސަތެއް އެކުލަވާލަން ޖެހެއެވެ. ފަނަރަ ނުވަތަ 20 އަހަރަށް ދެމިގެންދާނެ ގައުމީ ތަރައްގީގެ އޮނިގަނޑެއް ރާއްޖެއަށް ބޭނުންވެއެވެ. ތައުލީމު، ސިއްހަތު، ބޯހިޔާވަހިކަން، އިގުތިސާދު އަދި މޫސުމީ ބަދަލުތަކާ ގުޅޭ ސިޔާސަތުތަކަކީ ސަރުކާރު ބަދަލުވިޔަސް މެދުކެނޑުމެއް ނެތި ކުރިއަށްދާންޖެހޭ ކަންކަމެވެ. މި ސަރުކާރުން ޕްލޭނެއް ހެދުމުގެ މަސައްކަތް ފެށިއެވެ. އެކަމަކު, މި ސަރުކާރަކީ ޕްލޭންތައް ބަދަލުވުމުގައި އަދި އެހެން ލެވަލްއެކެވެ.

ގައުމަށް ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި މިނިވަން މުއައްސަސާތައް ވަރުގަދަކުރަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހާއި، ޝަރުއީ ނިޒާމާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އޮޑިޓާ ޖެނެރަލްގެ އޮފީސް ފަދަ ތަންތަނަކީ ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ ތަންތަނަށް ވާންޖެހެއެވެ. މުއައްސަސާތަކުން ހިމާޔަތްކުރަންވާނީ ސަރުކާރުތަކެއް ނޫނެވެ، ދައުލަތެވެ. ހަމައެއާއެކު، ސިޔާސީ އިސްލާހީ ސަގާފަތެއް ގެންނަން ޖެހެއެވެ. ގައުމީ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމަކީ އާންމު ކަމަކަށް ލީޑަރުން ހަދަން ޖެހެއެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކާއި ފާޑު ކިޔާ ނޫސްވެރިންނަކީ ދައުލަތުގެ ދުޝްމަނުންގެ ގޮތުގައި ދެކޭ ދެކުން ނިމުމަކަށް ގެންނަން ޖެހެއެވެ. ފަންނީ ސިވިލް ސާވިސްއެއް ބިނާކޮށް، ސަރުކާރުގެ ޓެކްނިކަލް މަގާމުތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ކުޑަކުރަން ޖެހެއެވެ. ތަޖުރިބާކާރު ފަންނީ ބޭފުޅުން ސިޔާސީ ބަދަލުތަކުން ހިމާޔަތްކުރަން ޖެހެއެވެ.

ދެފުށް ފެންނަ ނިޒާމެއް ގާއިމުކޮށް، ޖަވާބުދާރީކުރުވުން ހަރުދަނާކުރަން ޖެހެއެވެ. ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުތައް ވަރުގަދަކޮށް، ޚަރަދުތައް ހާމަކުރަން ޖެހެއެވެ. ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ތަހުގީގުކުރަން ޖެހެއެވެ. ސަރުކާރުތަކުން ކެމްޕޭން ކުރުމުގެ ބަދަލުގައި ހިންގުމަށް އިސްކަންދޭން ޖެހެއެވެ. ސިޔާސީ ޕްރޮޕެގެންޑާއަށް ވުރެ ބޮޑަށް ސިޔާސަތުތައް ތަންފީޒުކުރުމަށް ހަކަތަ ހޭދަކުރަން ޖެހެއެވެ.

މި ރާއްޖެއަކީ ވަރަށް ފަސޭހައިން ތަރައްގީކުރެވެން އޮތް ގައުމެކެވެ. ނެތީ އެ ކަމުގެ ހެޔޮ ނިޔަތެވެ.

މި ކަންކަމުގައި ރައްޔިތުންގެ ޒިންމާ ވެސް ބޮޑެވެ. ކަނުކޮށް ސިޔާސީ ޕާޓީތަކަށް ތާއީދުކުރުން ދޫކޮށްލަން ޖެހެއެވެ. ވޯޓުލާ މީހުން ޖަޒުބާތީ ސިޔާސަތުގެ ބަދަލުގައި، ހަރުދަނާ ސިޔާސަތާއި، ގާބިލުކަމާއި، ހަމަޖެހުމަށް ޑިމާންޑުކުރަން ޖެހެއެވެ. ޑިމޮކްރަސީއެއްގައި ސިޔާސީ ވާދަވެރިކަމަކީ އާންމު ކަމެކެވެ. ނަމަވެސް, ގައުމީ ތަރައްގީގެ ސިލްސިލާއަށްވުރެ ސިޔާސީ ކޯޅުންތައް މުހިންމުވުމުން، ތަރައްގީ މަޑުޖެހި، މުއައްސަސާތައް ބަލިކަށިވެ، ރައްޔިތުންގެ އިތުބާރު ގެއްލެއެވެ. ކޮންމެ ފަސް އަހަރަކުން ގައުމު އަލުން ފަށަން ރާއްޖެއަށް ތަހައްމަލެއް ނުކުރެވޭނެއެވެ. މި ގައުމުން މި ފެންނަނީ އެ މަންޒަރެވެ. ސިޔާސީ ސަކަރާތުގައި ގައުމުގެ ވަގުތުތައް ބޭކާރު ކޮށްލަނީއެވެ.

comment ކޮމެންޓް