މާލޭ ސިޓީ ކައުންސިލުގެ އެންމެ ފަހު ޖަލްސާވެސް ކޯރަމް ހަމަނުވެ، ނިންމައިލައިފި

ހަތަރުވަނަ މާލޭ ސިޓީ ކައުންސިލުގެ އެންމެ ފަހު ޖަލްސާ: މިއަދުގެ ޖަލްސާގެވެސް ކޯރަމް ހަމަނުވި --- ސްކްރީންޝޮޓް: ސިޓީ ކައުންސިލު ޖަލްސާ

މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ އެންމެ ފަހު ޖަލްސާވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ކުރިއަށް ނުގެންދެވި ވަނީ ނިންމައިލައިފައެވެ. މިއީ ވިދިވިދިގެން ކޯރަމް ހަމަނުވެ ޖަލްސާ ނުބޭއްވި ދިޔަ އަށްވަނަ ހަފުތާއެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަތީ އެންމެ އަށް ކައުންސިލަރުންނެވެ. އަށާރަ ކައުންސިލަރަކާއި މޭޔަރެއްގެ މައްޗަށް އެކުލެވޭ މާލޭ ސިޓީ ކައުންސިލުގެ ކޯރަމަކީ ދިހަ ކައުންސިލަރުންނެވެ. މިއީ މި ދައުރުގެ ފަހު ޖަލްސާކަމުން، މޭޔަރު އާދަމް ޢާޒިމް ވަނީ ހާޒިރުވި ކައުންސިލަރުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ދެއްވައިފައެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލަށް ދިމާވި ގޮންޖެހުންތަކަށް އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން، ޕީއެންސީ ތަމްސީލުކުރާ ގިނަ ކައުންސިލަރުން ޖަލްސާތަކަށް ހާޒިރުނުވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ނުނިމި ހުރިކަން ފާހަގަކުރެވެއެވެ.

  • މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރު ނިމުނީ ފަހު ޖަލްސާވެސް ކޯރަމް ހަމަނުވެއެވެ.
  • މިއީ ވިދިވިދިގެން ޖަލްސާ ނުބޭއްވުނު އަށްވަނަ ހަފުތާއެވެ.
  • ޖަލްސާގައި ބައިވެރިވީ އެންމެ އަށް ކައުންސިލަރުންނެވެ.
  • މޭޔަރު ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ދިމާވި ދަތިތައް ފާހަގަކުރައްވައިފައެވެ.
  • ޕީއެންސީގެ ގިނަ ކައުންސިލަރުން ހާޒިރުނުވުމުން ގިނަ މައްސަލަތަކެއް ހުރީ ނުނިމިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ފަހު ޖަލްސާގެ ވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން، ޖަލްސާ ކުރިއަށް ނުގެންދެވި ކައުންސިލުގެ މި ދައުރު ނިންމައިލައިފިއެވެ.

މިއީ ކޯރަމް ހަމަނުވެ، ސިޓީ ކައުންސިލުން ޖަލްސާއެއް ކުރިއަށް ނުގެންދެވި ނިންމާލި އަށްވަނަ ހަފުތާއެވެ.

މިދިޔަ ހަފުތާއެކޭ އެއްގޮތަށް، މިއަދުގެ ޖަލްސާގައިވެސް ބައިވެރިވެވަޑައިގަތީ އެންމެ އަށް ކައުންސިލަރުންނެވެ. އަށާރަ ކައުންސިލަރަކާއި މޭޔަރެއްގެ މައްޗަށް އެކުލެވޭ މާލޭ ސިޓީ ކައުންސިލުގެ ކޯރަމަކީ 10 ކައުންސިލަރުންނެވެ.

https://sun.mv/221604

ނަމަވެސް މިއީ މި ދައުރުގެ ފަހު ޖަލްސާކަމުން، މޭޔަރު އާދަމް ޢާޒިމް ވަނީ، ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ކައުންސިލަރުން ޝުކުރު ދެންނެވުމަށާއި ބޭނުން ބަހެއް ވިދާޅުވުމަށް ފުރުސަތު ދެއްވައިފައެވެ.

ޖަލްސާ ނިންމަވައިލައްވަމުން ޢާޒިމް ވިދާޅުވީ، މިދިޔަ އޮގަސްޓް މަހު ކައުންސިލުތަކުގެ ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ކައުންސިލަށް މުވައްޒަފުން ނަގަން ދަތިވެ، ދެފުށްފެންނަ ތަނަކަށް ކައުންސިލު ހެދުމަށް ދަތިތަކާ ކުރިމަތިވި ކަމަށެވެ. އޭނާ ވިދާޅުވީ، ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްނުދެވި އޮތީ ޕޭ ކޮމިޝަނުން ހުއްޓުވާފައި އޮތުމުން ކަމަށާއި، އެކަމާ ގުޅޭގޮތުން އެ ކޮމިޝަނާ މަޝްވަރާކުރައްވާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލުގެ ޖަލްސާތަކަށް އެ ޕާޓީ ތަމްސީލުކުރާ ގިނަ ކައުންސިލަރުން ވަޑައިނުގަންނަވާތީ ކޯރަމް ހަމަނުވެ، ޖަލްސާއަށް ހުށަހެޅުނު ގިނަ މައްސަލަތައް ހުރީ ނުނިމިއެވެ.

ކަން އެހެން އޮއްވައި، މިދިޔަ މަހު ކުރީކޮޅު އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ޕީއެންސީގެ ފަރާތުން މިހާރުގެވެސް ގިނަ ކައުންސިލަރުން ވާދަކުރެއްވިއިރު، އެ ކައުންސިލަރުން ވަނީ އިންތިޚާބުން ބަލިވެފައެވެ. އިންތިޚާބުގައި ސާފު އަޣުލަބިއްޔަތު ހޯދައި، ވިލިމާލޭ ދާއިރާ ފިޔަވައި ދެން ހުރި ދާއިރާތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީއެވެ.

comment ކޮމެންޓް