ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމުގެ ހުއްދަ ހޯދުމުގެ އެއްބަސްވުމެއްގައި ދެ ގައުމަކުން އީރާނާއެކު ސޮއިކޮށްފި

ހުރުމުޒު ކަނޑުއޮޅި --

ވިޔަފާރީގެ ދަތުރުތަކަށް ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ޕާކިސްތާނާއި އިރާގުން އީރާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، މި ގައުމުތަކުގެ އާގު ބޯޓުތަކާއި ތެޔޮބޯޓުތަކަށް ޓޯލް ފީ ދެއްކުމަށްފަހު ކަނޑުއޮޅި ބޭނުންކުރެވޭނެއެވެ. އެމެރިކާއާއި އިސްރާއީލުގެ އަމަލުތަކާ ގުޅިގެން ކަމަށް ބުނެ އީރާނުން ކަނޑުއޮޅި ބަންދުކުރުމުން ދުނިޔޭގެ ވިޔަފާރިއަށާއި ތެލުގެ އަގަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި އެހެން ބައެއް ގައުމުތަކުންވެސް މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

  • ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމަށް ޕާކިސްތާނާއި އިރާގުން އީރާނާއެކު އެއްބަސްވެއްޖެ
  • އެހެނިހެން ގައުމުތަކުންވެސް މިފަދަ އެއްބަސްވުންތައް ހެދުމަށް ދަނީ ތައްޔާރުވަމުން
  • އީރާނުން ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ކަނޑުދަތުރުފަތުރާއި ތެލުގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވޭ
  • އެމެރިކާއިން އަސްކަރީ ބާރު ބޭނުންކޮށްގެން ކަނޑުއޮޅި ހުޅުވަން ކުރި މަސައްކަތް ވަނީ ހުއްޓާލާފައި

ލަންޑަން (13 މެއި 2026): ވިޔަފާރީގެ ދަތުރުތަކަށް ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމުގެ ހުއްދަ ހޯދުމުގެ އެއްބަސްވުމެއްގައި ޕާކިސްތާނާއި އިރާގުން އީރާނާ އެކު ސޮއިކޮށްފިއެވެ.

މި ތިން ގައުމުގެ މަސްއޫލުވެރިންނާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން މި އެއްބަސްވުމުގެ ސަބަބުން އެއްވެސް ހުރަހެއް ނެތި ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ޕާކިސްތާނާއި އިރާގުގެ އާގު ބޯޓުތަކާއި ތެޔޮބޯޓުތަކާއި އެ ނޫން ވެސް މަދަނީ ބޯޓުތަކަށް އީރާނުން ދޭނެއެވެ. މި އެއްބަސްވުމުގައި ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ މި ދެ ގައުމުގެ ބޯޓުތަކަށް ޓޯލް ފީ ދިނުން ވެސް ހިމެނެއެވެ.

މުރާސިލުން ބުނާ ގޮތުގައި މިއީ އީރާނުގެ ބާރާއި ކޮންޓްރޯލް ހުރުމުޒު ކަނޑުއޮޅިއަށް އޮތްކަން ވަރަށް ބޮޑަށް ކަށަވަރުކޮށްދޭ ކަމެކެވެ. ޕާކިސްތާނާއި އިރާގުގެ އިތުރުން ސްޕެއިނާއި ދެކުނު ކޮރެއާ އަދި ޖަޕާނާއި މެލޭޝިއާ ފަދަ ގައުމުތަކުން ވެސް މިފަދަ އެއްބަސްވުންތަކުގައި އީރާނާ އެކު ސޮއިކުރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރު ގާނޫނީ އަދި އުދުވާނީ ހަނގުރާމައާ ގުޅިގެން އަމިއްލަ ނަފުސުގެ ދިފާއުގައި އަޅާ ފިޔަވަޅެއްކަން ބަޔާންކޮށް އީރާނުން ވަނީ އެ ގައުމުގެ ހުއްދައަކާ ނުލައި ހުރުމުޒު ކަނޑުއޮޅި ހުރަސް ނުކުރެވޭ ގޮތަށް އެ ކަނޑުއޮޅި ބަންދުކޮށްފައެވެ. ހުރުމުޒު ކަނޑުއޮޅީ ހުރަސްކުރުމުގެ ހުއްދަ ދޭ ބޯޓުތަކުން ޓޯލް ފީއެއް ވެސް އީރާނުން ގެންދަނީ ނަގަމުންނެވެ. މިއާއެކު ހުރުމުޒު ކަނޑުއޮޅީގެ ކަންކަން އިންތިޒާމު ކުރުމަށްޓަކައި އީރާނުން ވަނީ ކަމާ ބެހޭ އިދާރާއެއް ވެސް އުފައްދާފައެވެ.

އީރާނުން މިގޮތަށް އަމަލުކުރަން ފެށުމާ އެކު ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ ބޯޓުތަކުގެ އަދަދު ވަނީ ގާތްގަނޑަކަށް 95 އިންސައްތައަށް ދަށަށް ގޮސްފައެވެ. ކުރިން ރެއަކާ ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ ބޯޓު ހުރަސްކުރާއިރު މިހާރު ހުރަސްކުރަނީ ރެއަކާ ދުވާލެއްގެ މައްޗަށް ފަސް ވަރަކަށް އުޅަނދެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއާއި ތެލާއި ގޭހުގެ ސަޕްލައިއަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައި، ތެލާއި ތަކެތީގެ އަގުތައް ވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް ތެލުގެ އަގެވެ.

ރިޕޯޓްތައް ބުނާގޮތުން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމަށްޓަކައި އެ ކަނޑުއޮޅީގެ ދެ ފަރާތުގައި ދޮޅު ހާހަށް ވުރެ ގިނަ އުޅަނދު މިހާރު އެބައޮތެވެ. މި އުޅަނދުތަކުގައި 25،000 އަށްވުރެ ގިނަ ފަޅުވެރިން އެބަތިއްބެވެ. ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމުގެ ހުއްދަ އީރާނުގެ ކިބައިން ހޯދުމަކީ އެމެރިކާ ވަރަށް ބޮޑަށް ރުޅިއަންނަ ކަމެކެވެ. އެކަން ނުކުރުމަށް އެމެރިކާއިން ވަނީ ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކޮށްފައެވެ. މިއާއެކު އަސްކަރީ ބާރު ބޭނުންކޮށްގެން ހުރުމުޒު ކަނޑުއޮޅި ހުޅުވުމުގެ އޮޕަރޭޝަނެއް ވެސް އެމެރިކާއިން ފެށިއެވެ. ނަމަވެސް، އީރާންގެ ޕްރެޝަރުތަކާއެކު އެ އޮޕަރޭޝަން ހުއްޓާލަން މަޖުބޫރުވެގެން އެމެރިކާއިން ވަނީ އެކަން ހުއްޓާލާފައެވެ.

comment ކޮމެންޓް