ހަމަލާތައް ހުއްޓާލުމަށްފަހު އެމެރިކާއާއި އީރާން، އަސްކަރީ ހޮޓްލައިނެއް ގާއިމްކޮށްފި

ދައުޙާ (29 ޖޫން 2026) : އީރާންއާއި އެމެރިކާ ބަދަލުކުރަމުން ގެންދިޔަ ހަމަލާތައް ހުއްޓާލުމަށްފަހު ސްވިސްޓްޒަލޭންޑްގައި ބާއްވާ ސުލްހައިގެ ވާހަކަތަކަށް އެނބުރި ރުޖޫއަވުމަށް އެ ދެ ގައުމުން ނިންމައިފިއެވެ.

މިއާއެކު މިފަދަ ހަމަލާތައް ފެށުނަ ނުދިނުމަށް ޓަކައި އީރާން އާއި އެމެރިކާ އާ ދެމެދު އަސްކަރީ ހޮޓްލައިނެއް ވެސް މިހާރުވަނީ ގާއިމްކޮށްފައެވެ.

ވައިޓް ހައުސްގެ މަސްއޫލުވެރިންނާ ހަވާލާދީ އެކްސިއޮސް ބުނި ގޮތުގައި ގަތަރު މެދުވެރިއަކަށް ވެގެން އެމެރިކާއާއި އީރާން އިއްޔެވަނީ ހަމަލާތައް ހުއްޓާލުމަށާއި ސުލްހައިގެ ވާހަކަތަކަށް އެނބުރި ރުޖޫއަވުމަށް އެއްބަސްވެފައެވެ. މިއާއެކު އީރާނުން ގަލްފުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދިނުން ހުއްޓާލާފައިވާއިރު އެމެރިކާ ގެ ސެންޓްރަލް ކޮމާންޑުންވަނީ ގަލްފުގެ ހުރުމުޒު ސަރަހައްދުގައިވާ އީރާނުގެ ތަންތަނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލިކަން އިއުލާންކޮށްފައެވެ.

ހަމަލާތައް ފެށުނީ އީރާންއާ ކޯޑިނޭޓް ނުކޮށް ބައެއް އާގުބޯޓުތަކުން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅުމުންނެވެ. އެމެރިކާއާއި އީރާން ސޮއިކުރި އެމްއޯޔޫގައިވަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ފީނެގުން އީރާން ހުއްޓާލުމަށާ ނަމަވެސް އީރާން އާ ކޯޑިނޭޓްކޮށްގެން އެކަނޑުއޮޅި ހުރަސްކުރުމަށެވެ.

މިކަން މިގޮތަށް ނުދިޔުމުން އީރާންވަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރި އިނގިރޭސިވިލާތުގެ އާގުބޯޓަކަށް މިދިޔަ ހަފްތާގައި ހަމަލާދީފައެވެ. ރައްދުގައި އެމެރިކާ ހަމަލާދިނީ ގަލްފުގައިވާ އީރާނުގެ ޖަޒީރާ އަކަށެވެ. އެ ޖަޒީރާގައިވާ އީރާނުގެ ކޮމިއުނިކޭޝަން ސެންޓަރަކަށާއި ރާޑަރަކަށާއި ކޮމިއުނިކޭޝަން ޓަވަރަކަށެވެ. އޭގެ ރައްދުގައި އީރާނުން ހަމަލާދިނީ ކުވައިތު އަދި ބަހްރައިންގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށެވެ. މީގެތެރޭގައި ބްހަރައިންގައިވާ އެމެރިކާގެ ފިފްތު ފްލީޓްގެ މައިމަރުކަޒު ވެސް ހިމެނެއެވެ.

މީގެއިތުރުން އީރާންވަނީ އިރާގުގެ އުތުރުގައި މަރުކަޒު ހަދައިގެން އުޅޭ އީރާނުގެ ކުރުދީ ބާޣީ ޖަމާއަތެއްގެ މަރުކަޒުތަކަށްވެސް ހަމަލާތަކެއް ދީފައެވެ. މިއީ އެމެރިކާގެ މަދަދުލިބޭ ކުރުދީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އީރާން ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ހަމަލާތައް ހުއްޓާލުމަށްފަހު އެނބުރި ސުލްހައިގެ ވާހަކަތަކަށް އައުމަށް އެމެރިކާއާއި އީރާން ނިންމީ މިގޮތަށް ދެ ގައުމު ހަމަލާތައް ބަދަލުކޮށްގެން އެއްވެސް ފަރާތަކަށް ލިބޭނެ މޮޅެއް ނޯންނާނެކަން ދެފަރާތަށް އެނގޭތީއެވެ. އަދި ހަނގުރާމަކޮށްގެން އިތުރު މަގްސަދެއް ހާސިލް ނުކުރެވޭނެކަން ކަށަވަރުވާތީއެވެ.

ކުރިން ރާވާފައިވާ ގޮތުން އިއްޔެއޮތީ އީރާން އާއި އެމެރިކާގެ ފަންނީ ވަފްދުގެ މަޝްވަރާތައް ސްވިސްޓްޒަލޭންގައި ފަށާ ގޮތަށެވެ. މިކަން ލަސްވީ އީރާންއާއި އެމެރިކާ ހަމަލާތައް ބަދަލުކުރުމުގެ ސަބަބުންނެވެ. ހަމަލާތައް ހުއްޓާލުމާއެކު މާދަމާގެ ވަގުތެއްގައި ވާހަކަތައް އަލުން ފެށުމަށް ތައްޔާރުވަމުންދާކަމަށް ގަތަރުގެ މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ގަތަރު މެދުވެރިއަކަށް ވެގެން އެމެރިކާއާއި އީރާނުގެ އިތުރު މަޝްވަރާތަކެއް މާދަމާ ގަތަރުގައި ބޭއްވުމަށް ވެސް މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ހުރުމުޒު ކަނޑުއޮޅީގެ މައްސަލާގައި އެމެރިކާއާއި އީރާން އާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރުމަށް ޚާއްސަ މަޝްވަރާތަކެކެވެ.

އެމެރިކާއާއި އީރާން އާ ދެމެދު މިފަދަ ކުދި ހަމަލާތައް އަލުން ފެށުނަ ނުދިނުމަށް ޓަކައި މިހާރުވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކާއި ގަލްފުގައިވާ އެމެރިކާގެ ބާރުތައް ނިސްބަތްވާ ކޮމާންޑް ކަމަށްވާ ސެންޓްކޮމް އާ ދެމެދު އަސްކަރީ ހޮޓްލައިން އެއް ގާއިމްކޮށްފައެވެ.

އެމެރިކާއާއި އިސްރާއީލު ފެށި އުދުވާނަށްފަހު އީރާން ވަނީ އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ހުރުމުޒު ކަނޑުއޮޅި ގެނަސްފައެވެ. ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ދެން ދުކޮށްނުލާނެކަމަށް ތަކުރާރުކޮށް އީރާން ގެންދަނީ ބުނަމުންނެވެ. އީރާން އަލުން އާރާސްތުކުރުމަށް ބޭނުންވާ ފައިސާ އެމެރިކާ ނުދޭނަމަ ހުރުމުޒު ކަނޑުއޮޅިން ހުރަސްކުރާ އުޅަނދުތަކުން ފީ ނަގައިގެން އެ ފައިސާ ހޯދާނެކަމަށް އީރާން ބުނެއެވެ.

އެމެރިކާ ވަނީ އީރާން އާރާސްތު ކުރުމަށްޓަކައި 300 ބިލިޔަން ޑޮލަރުގެ ފަންޑެއް އުފެއްދުމަށް އެއްބަސްވެފައެވެ. މި ފަންޑަށް ފައިސާ ހޯދުމަށް މަސައްކަތްކޮށްދޭނެ ކަމަށާއި ނަމަވެސް އެމެރިކާގެ އަމިއްލަ ފައިސާ މި ފަންޑަން ނުލާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މި 300 ބިލިޔަން ޑޮޮލަރު އީރާނަށް ދިނުމަށް އެމެރިކާ ބާރުއަޅަނީ ގަލްފުގެ ގައުމުތަކާއި ޖަޕާންފަދަ ގައުމުތަކުގެ ކިބައިންނެވެ. އީރާން ބުނަނީ މި 300 ބިލިޔަން ޑޮލަރު ނުލިބޭނަމަ ހުރުމުޒުން ފީ ނަގާނެކަމުގައެވެ.

ގަތަރު މެދުވެރިއަކަށް ވެގެން، އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލުމަށްފަހު، ސްވިޓްޒަލޭންޑުގައި ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ. މިގޮތުން، އީރާނުން ގަލްފުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލާފައިވާއިރު، އެމެރިކާއިން ވަނީ ހުރުމުޒު ކަނޑުއޮޅީގައިވާ އީރާނުގެ އަމާޒުތަކަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލާފައެވެ. މިކަމުގެ ސަބަބުން، ހަނގުރާމައަކުން އެއްވެސް ފަރާތަކަށް މޮޅެއް ނުލިބޭނެކަން ދެ ގައުމަށް ވަނީ ޔަގީންވެފައެވެ. މިފަދަ ހަމަލާތަކެއް މުސްތަގުބަލުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާއި އެމެރިކާގެ ސެންޓްކޮމްއާ ދެމެދު ވަނީ އަސްކަރީ ހޮޓްލައިނެއް ގާއިމުކޮށްފައެވެ. ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ފެށުނީ، އީރާނާ ކޯޑިނޭޓުކުރުމެއްނެތި ބައެއް އުޅަނދުތަކުން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅުމުގެ ސަބަބުންނެވެ. މީގެ ރައްދުގައި އީރާނުން އިނގިރޭސިވިލާތުގެ އާގުބޯޓަކަށް ހަމަލާދިނުމުން، އެމެރިކާއިން ވަނީ އީރާނުގެ މުވާސަލާތީ މަރުކަޒުތަކަކަށް ހަމަލާދީފައެވެ. އަދި އީރާނުން ވަނީ ކުވައިތާއި ބަހްރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. ހަމަލާތައް ހުއްޓާލުމާއެކު، ހުރުމުޒު ކަނޑުއޮޅީގެ މައްސަލައަށް ހައްލެއް ހޯދުމަށް ގަތަރުގައި އިތުރު މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާއާއި އިސްރާއީލުގެ އުދުވާނަށްފަހު އީރާނުން ހުރުމުޒު ކަނޑުއޮޅި ކޮންޓްރޯލްކުރަމުންދާއިރު، އީރާން އާރާސްތުކުރުމަށް އެމެރިކާއިން 300 ބިލިއަން ޑޮލަރުގެ ފަންޑެއް ހޯދައިނުދީފިނަމަ، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނަގާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

  • ގަތަރުގެ މެދުވެރިކަމާއެކު، އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލައި ސުލްހައިގެ ވާހަކަތަކަށް އެނބުރި ރުޖޫއަވުން.
  • ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާއި އެމެރިކާގެ ސެންޓްކޮމްއާ ދެމެދު އަސްކަރީ ހޮޓްލައިނެއް ގާއިމުކުރުން.
  • ހުރުމުޒު ކަނޑުއޮޅީގެ މައްސަލަ ހައްލުކުރުމަށް، ސްވިޓްޒަލޭންޑާއި ގަތަރުގައި ފަންނީ މަޝްވަރާތައް ފެށުމަށް ތައްޔާރުވުން.
  • އީރާނުން ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނަގާފައިވާއިރު، އީރާން އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ހަމަނުޖެހިއްޖެނަމަ އުޅަނދުތަކުން ފީ ނަގާނެކަމުގެ އިންޒާރު ދިނުން.
  • މި ފަންޑު އުފެއްދުމަށް އެމެރިކާއިން އެއްބަސްވިނަމަވެސް، އެމެރިކާގެ އަމިއްލަ ފައިސާ ނުލާނެކަމަށާއި ފައިސާ ހޯދުމަށް ބާރުއަޅާނީ އެހެން ގައުމުތަކަށްކަމަށް ޓްރަމްޕް ވިދާޅުވެފައިވުން.
comment ކޮމެންޓް