ގަޑިއިރެއް ވަންދެން މަޑުކުރުމަށްފަހު ވެސް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން، މިއަދުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.
އާންމު ގޮތެއްގައި ކޯރަމް ރަނގަބީލު ޖެހުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަނީ، ތާވަލުކޮށްފައި އޮންނަ ކޮންމެ ދުވަހެއްގެ ހެނދުނު ނުވައެއް ޖަހާއިރެވެ.
ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ގަޑިން 9:10 ވީއިރުވެސް މިއަދުގެ ޖަލްސާއެއް ނުފަށައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، ޖަލްސާ ފެށުމަށްޓަކައި ކޯރަމް ރަނގަބީލު ޖެހިނަމަވެސް ކޯރަމް ހަމަވެފައިނުވާތީ، މިއަދުގެ ޖަލްސާ 10 ޖަހާއިރު ފަށަން ގަސްދުކުރައްވާ ކަމަށެވެ.
އޭގެ ފަހުންވެސް ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ނިންމަވައިލައްވައި މާދަމާއަށް ފަސްކުރީ ކަމަށް، ނާޒިމް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން އެކަން އިއުލާނުކުރެއްވިއިރު، އަދި ޖަލްސާ މާދަމާއަށް ފަސްކުރިކަން ނާޒިމް ވިދާޅުވިއިރު، ތިއްބެވީ އޭނާގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ހަ މެންބަރުންނެވެ. ވެރިކަންކުރާ ޕީއެންސީގެ އެއްވެސް މެންބަރަކު މިއަދުގެ ޖަލްސާއަށް ހާޒިރުވެފައިނުވެއެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް --- ފޮޓޯ: މަޖިލިސް
ޕީއެންސީގެ އެއްވެސް މެންބަރަކު ހާޒިރުވެފައިނުވާއިރު، ފާހަގަކުރެވޭ ގޮތުގައި، މިއަދު ހެނދުނު ހައެއް ޖަހާކަން ހާއިރު، ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ނާޒިމް ވަނީ ބޭރުކޮށްލައިފައެވެ.
ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާ ނާޒިމު މިދިޔަ މަހު 21 ގައި ވަނީ މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ވަކިކޮށްފައެވެ. އެ ބަދަލު ގެނައިކަން ވެސް މަޖިލީހުގެ ޖަލްސާގައި އާންމު އުސޫލުން އިއުލާނެއް ނުކުރެއެވެ. އަދި، އެ ބަދަލާ ގުޅޭ ގޮތުން ޕީއެންސީން ވެސް ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.
ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކުރި ސަބަބު އޮޅުންފިލުވުމަށް އެ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙަށް ގުޅައި މެސެޖުކުރުމުންވެސް ޖަވާބެއް ނުދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 އިންސައްތައެވެ. އެހެންކަމުން 93 މެންބަރުން އެކުލެވޭ 20ވަނަ މަޖިލީހުގެ ޖަލްސާގެ ކޯރަމަކީ 23 މެންބަރުންނެވެ. މަޖިލީހުގެ ޖަލްސާތައް ފެށޭނީ އެ އަދަދު ހަމަވުމުންނެވެ.
މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ފެށޭ ގަޑި ފަސްކުރިއިރު، މިއަހަރުގެ މިހިނގާ ދައުރުގެ ގިނަ ޖަލްސާތައް ވެސް ބާއްވައިފައެއް ނުވެއެވެ. އެގޮތުން އިއްޔެގެ ނިޔަލަށް މި ދައުރުގައި ބާއްވައިފައި ވަނީ 18 ޖަލްސާއެވެ.
މިއަދުގެ ޖަލްސާ މާދަމާއަށް ފަސްކުރަން ނިންމިއިރު، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މާދަމާ، މިހިނގާ ދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.
މި ދައުރު ފެށިގެން، ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މާ ބޮޑު މަސައްކަތެއް ކުރި މަންޒަރެއް އަދި ނުފެނެއެވެ.
ސަރުކާރުގެ މެޖޯރިޓީން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތްނުކުރާ ކަމުގެ ޝަކުވާ ބޮޑެވެ.