ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ހެނދުނު ބޭރުކޮށްލައިފިއެވެ.
ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާ ނާޒިމު މިދިޔަ މަހު 21 ގައި ވަނީ މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ވަކިކޮށްފައެވެ. އެ ބަދަލު ގެނައިކަން ވެސް މަޖިލީހުގެ ޖަލްސާގައި އާންމު އުސޫލުން އިއުލާނެއް ނުކުރެއެވެ. އަދި، އެ ބަދަލާ ގުޅޭ ގޮތުން ޕީއެންސީން ވެސް ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 6:00 އެހާކަންހާއިރު ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ނާޒިމް ވަނީ ބޭރުކޮށްފައެވެ. އެއީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެވެ. އެއީ އެ މަނިކުފާނު ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ހިންގަވާ ރަސްމީ ގްރޫޕެކެވެ.
އެކަމަކު، އޭނާ ގްރޫޕުން ބޭރުކުރި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
މަޖިލީހުގެ ރަސްމީ ވެބްސައިޓުން އެނގޭ ގޮތުގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ނާޒިމް ވަނީ މިދިޔަ މަހު ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲއެވެ. އަދި، އޭނާގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރެވެ.
އެކަމަކު، އޭނާ ހިމެނިވަޑައިގަންނަވާ އެސްއޯއީ ކޮމިޓީން ވަކިކުރި ކަމަކަށް މަޖިލީހުގެ ވެބްސައިޓަކުން ނުދައްކައެވެ.
މި ބަދަލާ ގުޅޭ ގޮތުން ސުވާލުކުރަން ނާޒިމަށް 'ސަން'އިން ގުޅި ނަމަވެސް މިހާތަނަށް ފޯނަށް ޖަވާބެއް ނުދެއްވާތީ ވީގޮތް ސާފެއް ނޫނެވެ. އަދި، ޖަލްސާގައި މި ބަދަލު އިއުލާނު ނުކުރީ ކީއްވެ ކަމެއް ވެސް ނޭނގެއެވެ.
މި ކަމާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހްގެ ބަހެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ނާޒިމަކީ ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މެންބަރެކެވެ.
އެ ގޮތުން، މާލިއްޔަތު ކޮމިޓީގެ ގިނަ މަސައްކަތްތަކެއްގައި އިސްކޮށް އުޅުއްވީ މެންބަރު ނާޒިމެވެ. އޭގެ ތެރޭގައި، ފުލުހުންގެ ވެލްފެއާ ޕޮލްކޯއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުން ވެސް ހިމެނެއެވެ. އަދި، ސަރުކާރުގެ ހިއްސާވާ ބައެއް ކުންފުނިތަކާ ގުޅޭ މައްސަލަތައް ވެސް އޭނާ އިސްވެ ހުންނަވައިގެން ބެލިއެވެ.
ކޮމިޓީތަކަށް މީގެ ކުރިން ވެސް ދޭތެރެއަކުން ޕާޓީތަކުން ބޭނުންވުމުން ބަދަލު ގެނެއެވެ. އަދި، ބައެއް ފަހަރު ސިޔާސީ ސަބަބުތަކާ ހެދި ވެސް ބަދަލުތައް ގެނެއެވެ.
އެ ގޮތުން، މީގެ ކުރިން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް 241 ކޮމިޓީއާއި މާލިއްޔަތު ކޮމިޓީން ވަކިކުރިއެވެ. އޭނާ އޭރު ކޮމިޓީތަކުން ވަކިކުރީ ސަރުކާރުގެ ސްޓޭންޑާ އެއްގޮތަށް ބައެއް ބިލުތަކަށް ވޯޓު ނުދިން މައްސަލައެއްގައެވެ. އެކަމަކު، ފަހުން އޭނާ ވަނީ އެ ދެ ކޮމިޓީއަށް ވެސް އައްޔަންކޮށްފައެވެ.
އެ މައްސަލައިގައި އޭނާ ވެސް ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ބޭރުކުރިއެވެ. އެކަމަކު، ފަހުން މައްސަލަ ހައްލުކޮށް އޭނާ އަނބުރާ ގްރޫޕަށް ވެއްދިކަން ވަނީ އެނގިފައެވެ.
އޭގެ ފަހުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) ވެސް އޭނާ ހިމެނިވަޑައިގެންނެވި އިޖުތިމާއީ ކޮމިޓީން ވަކިކުރިއެވެ. އެކަމަކު، އޭގެ ފަސް މަސް ފަހުން މިދިޔަ މަހު 29 ގައި ވަނީ އޭނާ އަލުން އެ ކޮމިޓީއަށް އައްޔަންކޮށްފައެވެ. އަދި، އެ ކޮމިޓީގެ މުގައްރިރުކަން ވެސް މިހާރު ކުރައްވަނީ އޭނާއެވެ.