ޤައުމީ ފެންވަރުގައި ކުރެވޭ ބަހުސްތައް އާންމުކޮށް ފެށެނީ ވަރަށް އާދައިގެ ސުވާލަކުންނެވެ: "މީގެ ސަބަބުން ހިނގާނެ ޚަރަދަކީ ކޮބައި ހެއްޔެވެ؟" ނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި މިއަށްވުރެ ފުން އަދި މުހިންމު ސުވާލަކީ "އަޅުގަނޑުމެން ބިނާކުރަން ބޭނުންވަނީ ކޮންކަހަލަ މުޖުތަމަޢެއްތޯ؟" އެވެ.
ވޭތުވެދިޔަ ތަނުގައި، ދިވެހިރާއްޖެއިން ވަނީ އުމްރާނީ ތަރައްޤީއާއި، ޞިއްޙީ ދާއިރާއާއި، ތަޢުލީމާއި، މުވާޞަލާތީ އަދި އިޤްތިޞާދީ ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ނަމަވެސް، މި ތަރައްޤީގެ ފަހަތުގައި، އެތައްބަޔަކު ގެންދަނީ ދިރިއުޅުމުގައި ހިތްދަތި އަދި ބުރަބޮޑު ތަކުލީފުތަކެއް އުފުލަމުންނެވެ.
ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި، ބޯހިޔާވަހިކަމުގެ ބުރަ ބޮޑުވެ، ދަރިން ތަރުބިއްޔަތުކުރުމުގައި މީހުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ގިނަ ކުދިން ބޮޑުވަމުން އަންނަނީ، މައިންބަފައިން ނުހަނު ބުރަ މަސައްކަތް ކުރި ނަމަވެސް، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑު ތަކުލީފެއްގެ ތެރޭގައި އުޅެންޖެހިފައިވާ މާޙައުލެއްގައެވެ.
މިއީ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމާ މެދު އާވިސްނުމަކުން ވިސްނަންޖެހޭކަމަށް އަޅުގަނޑުދެކޭ މައިގަނޑު ސަބަބެވެ. އެއީ ހަމައެކަނި މުޞީބާތެއް ކުރިމަތިވުމުން ދެވޭ އެހީއެއްގެ ބަދަލުގައި، ޢާއިލާތައް ބިކަވުމުގެ ކުރިން އެމީހުން ރައްކާތެރިކޮށްދޭ ހަރުދަނާ ނިޒާމަކަށް ވާންޖެހޭނެކަމުގައި އަޅުގަނޑަށްފެނެއެވެ. މިގޮތުން، ޤައުމީ ފެންވަރުގައި ސީރިއަސްކޮށް ބަހުސްކުރަންޖެހޭ އެއް ސިޔާސަތަކީ 'ޔުނިވަރސަލް ޗައިލްޑް ބެނެފިޓް' ނުވަތަ ކޮންމެ ކުއްޖަކަށް ދެވޭ މާލީ އިނާޔަތެވެ. އޭގެ މަގުސަދަކީ، ދަރިން ތަރުބިއްޔަތުކޮށް ބަލާބޮޑުކުރުމަކީ ހަމައެކަނި އާއިލީ ޒިންމާއެއް ނޫންކަމާއި، އެއީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްކަން ބަލައިގަތުމެވެ.
ޔުނިސެފް އިން ވަކާލާތުކުރާ ގޮތުގައި، ޗައިލްޑްކެއަރ ބެނެފިޓް ސަބަބުން ކުޑަކުދިންގެ ފަޤީރުކަން ކުޑަކުރެވި، ދުޅަހެޔޮކަން އިތުރުވެ، ޞިއްޙަތާއި، ކާނާގެ ރައްކާތެރިކަމާއި، ތަޢުލީމަށް މަގުފަހިވެއެވެ. މިގޮތުން ހަދާފައިވާ ރިޕޯޓުތަކުގެ ތެރެއިން 2020 ވަނަ އަހަރުގެ ރިޕޯޓަކުން ދައްކާގޮތުގައި، މުއްސަނދި 15 ޤައުމެއްގައި މިފަދަ އިނާޔަތްތަކުގެ ސަބަބުން ކުޑަކުދިންގެ ފަޤީރުކަން އެވްރެޖްކޮށް ފަސް އިންސައްތަ ދަށްކުރެވިފައިވެއެވެ.
ޤައުމެއްގެ މުސްތަގުބަލުގެ ބިންގާ އެޅޭ އެންމެ މުހިންމު މަރުޙަލާއަކީ ކުދިންގެ އުމުރުގެ ކުރީކޮޅެވެ.
ދިވެހިރާއްޖޭގައި ވެސް މިކަމާ މެދު ފުންކޮށް ވިސްނަންޖެހޭކަމުގެ ހެކިތައް އެބަހުއްޓެވެ. ޔުނިސެފްގެ "ސިޗުއޭޝަން އެނަލިސިސް އޮފް ޗިލްޑްރަން އެންޑް އެޑޮލެސެންޓްސް އިން މޯލްޑިވްސް 2025" ގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ގިނަ ކުދިންނަށް އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީތެރިކަން އެކަށީގެންވާ މިންވަރަށް ނުލިބެއެވެ. އެންސްޕާ (NSPA) އިން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ސީދާ ކުޑަކުދިންނަށް ފައިދާކުރަނީ ވަރަށް މަދު ސްކީމަކުންނެވެ.
މީގެ މާނައަކީ، އާދައިގެ ވަޒީފާތަކުގައި އުޅޭ ޢާއިލާތަކުގެ މައިންބަފައިންގެ ގިނަ ކުދިންނަކީ، ދައުލަތުގެ އެހީ ލިބޭ މިންވަރަށް ފަޤީރުން ކަމަށް ކަނޑަނޭޅުނު ނަމަވެސް، ކުއްޔާއި، ކާބޯތަކެއްޗާއި، އެހެނިހެން ޒަރޫރީ ޚަރަދުތަކުގެ ބޮޑު ބުރައެއް އުފުލަމުންދާ ގެތަކުގައި ދިރިއުޅޭ ކުދިންނެވެ.
2019 ވަނަ އަހަރުގެ "ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސާވޭ" އިން ދައްކާގޮތުގައި، މާލޭގެ ގޭބިސީތަކުގެ 74 އިންސައްތައަކީ ކުއްޔަށް އުޅޭ ތަންތަނެވެ. އަދި ޢާއިލާތަކުގެ އާމްދަނީގެ ބޮޑުބައެއް ކުއްޔަށް ހޭދަވާން ފެށުމުން، އެ މާލީ ބުރައިގެ ނޭދެވޭ އަސަރު މުޅި ގޭތެރޭގެ ނަފްސާނީ ދުޅަހެޔޮކަމަށް ފޯރައެވެ. އަގުތައް އުފުލުމާއި މާލީ ސިޔާސަތުތަކަކީ ކުޑަކުދިންނަށް ފަހުމްވާނެ ކަންތައްތައް ކަމުގައި ނުވިޔަސް، މައިންބަފައިންގެ ކަންބޮޑުވުމާއި، ވަރުބަލިކަމާއި، ގޭތެރޭގައި އޮންނަ ނުތަނަވަސްކަން އެކުދިންނަށް އިޙްސާސްކުރެވެއެވެ. އަދި އޭގެ އަސަރު އެކުދީންނަށް ކުރެއެވެ.
ކީރިތި ޤުރުއާނުގައި މާތްﷲ ވަނީ ޢަދުލުވެރިވުމަށާއި އިޙްސާންތެރިވުމަށް އަމުރުކުރައްވާފައެވެ. ޢަދުލުވެރިކަމަކީ ހަމައެކަނި ޤާނޫނުތަކެއް ނޫނެވެ. އެއީ އާދައިގެ ޢާއިލާތަކަށް އެމީހުންގެ ދަރިން އަބުރުވެރިކަމާއެކު ބޮޑުކުރުމަށްޓަކައި އެކަށީގެންވާ ފުރުޞަތުތަކެއް ފަހިކޮށްދިނުން ވެސް މެއެވެ.
ކުޑަކުދިންގެ އިނާޔަތުގެ ނިޒާމެއްގެ ބުރަ އުފުލަންޖެހޭތަ؟
ރާއްޖެއަށް ކުޑަކުދިންގެ އިނާޔަތުގެ ނިޒާމެއް ހިންގޭނެ ތަނަވަސްކަން އެބައޮތްތޯ ކުރެވޭ ސުވާލަކީ ޙަޤީޤީ ސުވާލެކެވެ. ނަމަވެސް، ކުޑަކުދިންނަށް އެކުދީން ކުޑައިރު އެހީތެރިކަން ނުދިނުމުގެ ސަބަބުން ދިގުމުއްދަތުގައި މުޖުތަމަޢުން އުފުލަންޖެހޭ އިޖުތިމާޢީ އަދި އިޤްތިޞާދީ ބުރަ މާ ބޮޑުވާނެއެވެ. މިއަދު ވެސް އަޅުގަނޑުމެން މިދަނީ އެކަން ތަޖުރިބާ ކުރަމުންނެވެ.
ދިގުމުއްދަތުގެ ނަފްސާނީ ބުރައިގެ ތެރޭގައި ކުދިން ބޮޑުވުމުގެ ނަތީޖާއަކީ ޞިއްޙީ މައްސަލަތަކާއި، ތަޢުލީމީ ފެންވަރު ދަށްވުމާއި، އިޖުތިމާޢީ ގިނަ ވަބާތަކެއްގެ ތެރެއަށް މުޖުތަމަޢު ވެއްޓުމެވެ. ކަމެއް ބޮއްސުންލައިގެން ދިއުމުން އެކަން އިޞްލާޙު ކުރުމަށްވުރެ، ކުރިއާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ޚަރަދު މާ ކުޑައެވެ.
ދިވެހިރާއްޖެއިން ޗައިލްޑް ކެއަރ ބެނެފިޓް ޕްރޮގްރާމެއް ފަށާއިރު، މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަކީ އެކަން ގޮތެކެވެ. މިސާލަކަށް، ފުރަތަމަ – ފަސް އަހަރުން ދަށުގެ ކުދިންނަށް އިސްކަން ދެވިދާނެއެވެ. މިކަމަށް ބޭނުންވާ އިދާރީ ބިންގާ – އެންސްޕާގެ ނިޒާމުތަކާއި، ޑިޖިޓަލް އައިޑެންޓިޓީއާއި، ބޭންކިންގ ވިއުގަތައް ފަދަ، މިހާރު ވެސް މިރާއްޖޭގައި ވަނީ ގާއިމުކުރެވިފައެވެ.
ކުޑަކުދިންގެ އިނާޔަތުގެ ނިޒާމަކުން ހުރިހާ މައްސަލައެއް ޙައްލެއް ނުވާނެއެވެ. ނަމަވެސް، މާލީ ކަންބޮޑުވުންތަކުގެ އެއް ފަށަލަ ލުއިކޮށްދިނުމަކީ ގޭތެރޭގެ ނަފްސާނީ މާޙައުލު މުޅިން ބަދަލުކޮށްލާނެ ކަމެކެވެ. އެއީ މަންމައަކަށް ދަރިފުޅަށް ފައިދާހުރި ކާނާއެއް ހޯދައިދިނުމަށް ލިބޭ ބާރެކެވެ. ބައްޕައަކަށް އުފުލަންޖެހޭ ބުރަ ލުއިވެ، އާއިލާއަށް ދޭނެ ވަގުތު އިތުރުވާނެ މަގެކެވެ.
'ޔުނިވަރސަލް ޗައިލްޑް ބެނެފިޓް' އަކީ ކޮންމެ ކުއްޖަކީ ވެސް މުހިންމު ކުއްޖެއްކަމުގެ އިޢުލާނެކެވެ. ތަރައްޤީގެ ހަގީގީ މިނގަނޑަކީ ހަމައެކަނި އުސް ޢިމާރާތްތަކެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ދަރިންނަށް އަމާން އަދި އޯގާތެރި މާޙައުލެއް ބިނާކޮށްދިނުމެވެ. މިފަދަ ނިޒާމެއް ތަޢާރަފުކުރުމަކީ އެ ތަޞައްވުރަށް ވާޞިލުވުމަށްޓަކައި އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅެކެވެ.