ކޯރަމް ހަމަނުވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާ ނުފެށިފައި

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގެ ތެރެއިން: ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ އަދި ނުފެށޭ --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ނުވަތަ ކޯރަމް ހަމަނުވުމުގެ ސަބަބުން، ޖަލްސާ ފަށާ ގަޑި ވަނީ ފަސްކޮށްފައެވެ. އާންމުކޮށް ހެނދުނު 9 ޖަހާއިރު ފަށާ ޖަލްސާ، 10 ޖަހާއިރު ފެށުމަށް ނިންމެވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްއެވެ. 93 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ ޖަލްސާއެއް ފެށުމަށް ބޭނުންވަނީ 23 މެންބަރުންނެވެ. މި ހިނގާ ދައުރުގައި މަޖިލީހުގެ މަސައްކަތްތައް މަދުކަން ފާހަގަކުރެވިފައިވާއިރު، މެންބަރުންނަށް ލިބޭ ބޮޑު މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މަސައްކަތް ނުކުރާކަމުގެ ޝަކުވާ އާންމުންގެ މެދުގައި ވަނީ އިތުރުވެފައެވެ.

  • މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން 10 ޖަހަންދެން ފަސްކުރުން
  • ޖަލްސާ ފެށުމަށް 23 މެންބަރުންގެ ހާޒިރީ ބޭނުންވުން
  • މި ދައުރުގައި ބޭއްވިފައިވަނީ އެންމެ 18 ޖަލްސާ
  • މާދަމާ މަޖިލިސް ޗުއްޓީއަށް ދިއުމަށް ހަމަޖެހިފައިވުން
  • މެންބަރުންގެ މަސައްކަތްތަކާމެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރުން

ކޯރަމް ހަމަނުވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާ ވަގުތު 10 ޖަހާއިރަށް ފަސްކޮށްފިއެވެ.

އާންމު ގޮތެއްގައި ކޯރަމް ރަނގަބީލު ޖެހުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަނީ، ތާވަލުކޮށްފައި އޮންނަ ކޮންމެ ދުވަހެއްގެ ހެނދުނު ނުވައެއް ޖަހާއިރެވެ.

ނަމަވެސް ގަޑިން 9:10 ވީއިރުވެސް މިއަދުގެ ޖަލްސާއެއް ނުފަށައެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، ޖަލްސާ ފެށުމަށްޓަކައި ކޯރަމް ރަނގަބީލު ޖެހިނަމަވެސް ކޯރަމް ހަމަވެފައިނުވާތީ، މިއަދުގެ ޖަލްސާ 10 ޖަހާއިރު ފަށަން ގަސްދުކުރައްވާ ކަމަށެވެ.

އެކަން އިއުލާނުކުރެއްވިއިރު، މަޖިލީހުގައި ތިބީ އެންމެ ހަ މެންބަރުންނެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 އިންސައްތައެވެ. އެހެންކަމުން 93 މެންބަރުން އެކުލެވޭ 20ވަނަ މަޖިލީހުގެ ޖަލްސާގެ ކޯރަމަކީ 23 މެންބަރުންނެވެ. މަޖިލީހުގެ ޖަލްސާތައް ފެށޭނީ އެ އަދަދު ހަމަވުމުންނެވެ.

މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ފެށޭ ގަޑި ފަސްކުރިއިރު، މިއަހަރުގެ މިހިނގާ ދައުރުގެ ގިނަ ޖަލްސާތައް ވެސް ބާއްވައިފައެއް ނުވެއެވެ. އެގޮތުން އިއްޔެގެ ނިޔަލަށް މި ދައުރުގައި ބާއްވައިފައި ވަނީ 18 ޖަލްސާއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މާދަމާ، މިހިނގާ ދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.

މި ދައުރު ފެށިގެން، ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މާ ބޮޑު މަސައްކަތެއް ކުރި މަންޒަރެއް އަދި ނުފެނެއެވެ.

ސަރުކާރުގެ މެޖޯރިޓީން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތްނުކުރާ ކަމުގެ ޝަކުވާ ބޮޑެވެ.

ގުޅޭ ޓެގު
comment ކޮމެންޓް