ރައީސްގެ ޒާތީ ކަންކަމާ ބެހޭކަށް ނެތިން، ކަންބޮޑުވަނީ ނޫސްވެރިން ހައްޔަރުކުރާތީ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ކަންބޮޑުވަނީ ނޫސްވެރިން ހައްޔަރުކުރާތީ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރާއްޖޭގައި ނޫސްވެރިން ހައްޔަރުކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޒާތީ ކަންކަމާ ބެހުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށާއި، ނަމަވެސް އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރު އަދި މުޙައްމަދު ޝަހުޒާން ޖަލަށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރަށް ފާޑުކިޔުމަކީ ދައުލަތުގެ ފައިސާ އިސްރާފުވިޔަނުދީ ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ކަންކަން ކުރުމަށް މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

  • ރައީސްގެ ޒާތީ ކަންކަމާ ނުބެހޭނެ ކަމަށް ނަޝީދު ވިދާޅުވުން
  • އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށްލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުން
  • ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދައުލަތުގެ ފައިސާ ރައްކާތެރިކުރުމަށް މުހިންމު ކަމެއް ކަމަށް ފާހަގަކުރުން
  • ޝަރުޢީ ދާއިރާއިން ނޫސްވެރިންނަށް އަދަބުދިނުމުގެ މައްސަލަތައް އިތުރުވުން

ރައީސުލްޖުމްޙޫރިއްޔާއާ ގުޅިގެން މިހާރު ދައްކަމުންދާ ވާހަކަތަކަކީ ވަރަށް ޒާތީ ވާހަކަތަކެއް ކަމަށާއި، އެއީ ބެހެން ނުޖެހޭނެ ކަމެއް ނަމަވެސް ކަންބޮޑުވުމަކީ ނޫސްވެރިން ހައްޔަރުކުރާތީ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ނަޝީދު އެފަދައިން ވިދާޅުވީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލާފައި ވަނިކޮށެވެ.

https://sun.mv/221890

ސްރީ ލަންކާގެ ކޮލޮމްބޯގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާއާ ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތަކީ ބެހެން ނުޖެހޭނެ ކަމެއް ކަމަށެވެ.

ނަމަވެސް ކަންބޮޑުވުމަކީ ނޫސްވެރިން ހައްޔަރުކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެއްވެ އުޅުމުގެ މިނިވަންކަމަށް އަރައިގަންނާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ބާވަތުގެ ކަންކަމަކީ ކޮންމެހެން އަޅުގަނޑުމެން ބެހެންޖެހޭނެ ކަންކަމެއް ނޫން. އެއީ ޒާތީ ކަންކަން. އެކަންކަމާ އަޅުގަނޑުމެން އަޅާލާކަށް ނެތިން. ކަންބޮޑުވަނީ ނޫސްވެރިން ހައްޔަރުކުރާތީ. ކަންބޮޑުވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެއްވެ އުޅުމުގެ މިނިވަންކަމަށް އަރައިގަންނާތީ. އަޅުގަނޑުމެން ކަންބޮޑެއް ނުވޭ އެހެން ކަމަކާއެއް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ރާއްޖޭގެ ރައްޔިތުންނަށް ލިބިދީފައި އޮންނާން ޖެހެނީ މަޖަލަކަށް ނޫން ކަމަށެވެ.

އެއީ ރައްޔިތުންގެ ތަނަވަސްކަމާއި ގުޅިފައި ހުންނަ ކަންކަން ކަމަށާއި، ރައްޔިތުންނަށް ލިބޭ އެއްޗެއް އިތުރުވެގެން ދަނީ ސަރުކާރުން ކަންކަން ކުރާ ގޮތާ މެދު ފާޑުކިޔައި، ބަސް ބުނެވުނީމާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފާޑުނުކިޔުނީމާ، ނުބައި ޕްރޮޖެކްޓް ނުބައި ގަޑީގާ ނުބައި ތަނުގައި، ނުބައި އަގުގައި، ނުބައި މީހެއް ލައްވައި މި ހެދެނީ. އެހެންވީމާ އަޅުގަނޑުމެންގެ ފައިސާ އިސްރާފުވެގެން ދަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ޖަލަށް ލާފައިވާ އަދަދުގެ ދެ ނޫސްވެރިން -- ފޮޓޯ/ މުހައްމަދު ޝަރުހާން

ނަޝީދު އެފަދައިން ވިދާޅުވި އިރު ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ.

ކޯޓުން ވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކޮށްފައި ވަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހުޒާން ހާޒިރުކޮށްފައި ވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.

comment ކޮމެންޓް