ރާއްޖޭގެ ކުރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފު ވެގެން ކަމަށް ބުނެ، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި، "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.
"އަދަދު" ނޫހުގެ ނޫސްވެރިއެއް ކަމަށްވާ، ލީވާންގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ ކޯޓު އަމުރާ ޚިލާފަށް ޚަބަރެއް ލިޔުނު ކަމަށް ބުނާ މައްސަލައިގައެވެ. ޝަހުޒާންގެ ކުށަކީ މި ހަފުތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރުމެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު ކޯޓު އަމުރާއި ޚިލާފަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ޚުދު ރައީސް މުއިއްޒު ވެސް ވަނީ އިހުތިޖާޖު ކުރައްވާފައެވެ.
އެހެންނަމަވެސް، އެއަށްވުރެ ވެސް ބޮޑަށް ފާހަގަކޮށްލާން ޖެހޭ އެންމެ މުހިންމު މައްސަލައެއް އެބައޮތެވެ. ލީވާނާއި ޝަހުޒާން ޖަލަށްލުމަށް އިއްޔެ ކުރިމިނަލް ކޯޓުން ހުކުމްކުރުމުގެ ކުރިން ވެސް، މި ނޫސްވެރިންނާއި އަދި އެ ނޫން ވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި ސަރުކާރާ ދެމެދު ހުރި ބޮޑެތި ނުތަނަވަސް ކަމެވެ. ހުރި އުދާސްތަކެވެ.
ނޫސްވެރިންނާއި ސަރުކާރުތަކާ ދެމެދު މައްސަލަތައް އުފެދި، ނޫސްތަކުން ރިޕޯޓުކުރާ ޚަބަރާއި މަޢުލޫމާތާއި ސަރުކާރުތަކުގެ މަތިފަޑީގައި ތިއްބަވާ ފަރާތްތަކަށް ހަޖަމު ނުކުރެވި ދިއުމަކީ އެއްވެސް އިރެއްގައި އާ ކަމެއް ނޫނެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން އައި ހަމަ ކޮންމެ ވެރިކަމެއްގައި ވެސް މި ހަގީގަތް މިބީދައިން ތަމުސީލުވެގެން ގޮސްފައިވެއެވެ.
އެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، މީޑިއާގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ. އެ ވައުދުފުޅު ފުއްދެވުމަށްޓަކާ، ރާއްޖޭގެ ރައީސަކު ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވީ ޚުދު ރައީސް މުއިއްޒެވެ. އަރިހުގައި ތިއްބެވި ބޭފުޅުންގެ އިރުޝާދާއި ލަފާފުޅުގެ މަތިންކަމަށް ވެދާނެއެވެ.

އެންމެ ގިނަ ވަގުތު ނޫސްވެރިންނަށް މައުލޫމާތު ދެއްވަން ހުންނެވުމުގެ ރެކޯޑު ރައީސް މުއިއްޒު ވަނީ ހައްދަވާފަ -- ފޮޓޯ/ ރައީސް އޮފީސް
އޭގެ އިތުރުން މީޑިއާ ފެންޑާގެ ނަމުގައި ރައީސް އޮފީސް ކުރިމަތީގައި ސިޑިބަރިއެއް ހައްދަވާ، ރައީސުލްޖުމުހޫރިއްޔާ ރަސްމީކޮށް އެ ސިޑިބަރި ހުޅުއްވާދެއްވާފައި ވެސް ވެއެވެ. އޭގެ ވެސް އިތުރުން ރައީސް މުއިއްޒުގެ ވެރިކަމުގައި ސަރުކާރުގެ އެތައް ތަރުޖަމާނުންތަކެއް ބަދަލު ކުރައްވާ، ސަރުކާރުގެ ރަސްމީ މައުލޫމާތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދިނުމަށް މި ސަރުކާރުން ގިނަގުނަ މަސައްކަތަތަކެއް ކޮށްފައިވެއެވެ.
ނަތީޖާއެއް ނުނެރެވުނު!
މި ހުރިހާ މަސައްކަތަކީ ވެސް، ރައީސް މުއިއްޒުގެ ވެރިކަމުގައި މީޑިއާގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދީ، ސަރުކާރުގެ މޫނުމަތި ރިވެތިކުރުމަށް ރައީސް މުއިއްޒަށް އިރުޝާދު ދެއްވާ ފަރާތްތަކުގެ ލަފާފުޅުގެ މަތިން ތަންފީޒުކުރައްވާފައިވާ ސިޔާސަތުތައް ކަމަށް ވެދާނެއެވެ.
އެހެންނަމަވެސް، ރައީސް މުއިއްޒުގެ ވެރިކަމަށް ދޭއްބައި އަހަރު ފާއިތުވެގެން ދިޔައިރު، ނަތީޖާއަކީ ކޮބައިތޯ މިއަދު ވިސްނާލުން ވަރަށް ވެސް މުހިންމެވެ. ނޫސްވެރިންނަށް ފަސޭހަ ކުރެއްވުމަށް ކަމަށް ވިދާޅުވެ ސަރުކާރުން ބިނާކުރި މީޑިއާ ފެންޑާ ޚުދު މި ސަރުކާރުން ވަނީ ތަޅާލާފައެވެ. އޭގެ ބޭނުން ނެތުނީއެވެ. އެ ތަނަކީ ނޫސްވެރިން އިހުތިޖާޖު ކުރާން އޮތް ތަނަކަށް ބަދަލުވެގެން ދިޔައީއެވެ.
ޚުދު ރައީސް މުއިއްޒު އަމިއްލަފުޅަށް ބާއްވަވަން ފެއްޓެވި ނޫސްވެރިންގެ ބައްދަލުވުންތައް ވެގެން ދިޔައީ ނޫސްވެރިންނާއި ރައީސް މުއިއްޒާ ދެމެދު ކުރިމަތިލުން ހިނގާ މައިދާނަކަށެވެ. އެންމެ ފަހުން އެ މައިދާނުގައި ރައީސް މުއިއްޒާއި ނޫސްވެރިއަކާ ދެމެދު ހިނގި ކުރިމަތިލުމަކަށް ފަހު، ނޫސްވެރިއަކު ޖަލަށް ލާން ކޯޓުން ހުކުމް ވެސް ކުރީއެވެ. ރައީސް އޮފީހުން ބާއްވާ ޕްރެސްތައް ކަވަރުކުރުން، ޖަލަށް ލީ ނޫސްވެރިޔާ ނިސްބަތްވާ ނޫހަށް ރައީސް އޮފީހުން މަނާ ވެސް ކުރާން ޖެހުނީއެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި، މި ބަދަލުތަކުން ފެންނާން އޮތް ހަގީގީ މަންޒަރަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ މެދަކާއި ހަމައަށް ދަތުރުކުރިއިރު ވެސް، ނޫސްވެރިންނާ ސަރުކާރާ ދެމެދު އޮތް ކޯޅުންތަކެވެ. އޮތް ނުތަވަސްކަމެވެ. ދޫނުދީ ނޫސްވެރިން ކުރަމުންދާ އިތުތިޖާޖުތަކެވެ.

ނޫސްވެރިންތަކެއް ރައީސް އޮފީހުގެ ބޭރުގައި ކުރި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: އެމްޖޭއޭ
ސަބަބަކީ ކޮބާ؟ ސިޔާސަތު ފެއިލްވީތަ؟
މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ނޫސްވެރިކަމުގެ މިނިވަންކަން އޭގެ ތައްމިނަށް ހުޅުވިފައި އޮންނާނޭކަމަށް ސަރުކާރުން ބުނަމުން އައި ނަމަވެސް، އެބީދައިން އެކަން ހިނގަމުންދާކަމުގެ ހުއްޖަތް ސަރުކާރަށް ގާއިމުކުރެވިފައިވަނީ ސަރުކާރުން ފާސްކުރި މީޑިއާގެ ބިލު ފާސްކުރުމާ ހަމައަށް ކަމަށް ދެންނެވިދާނެއެވެ.
އެ ބިލު ސަރުކާރުން ފާސްކޮށްފައިވަނީ، އެއީ މީޑިއާގެ މިނިވަންކަން ނަގާލާ ބިލެއް ކަމަށް ބުނެ، ރާއްޖޭގެ ކުރިއަށް ތިއްބެވި ގިނަ އަދަދެއްގެ ނޫސްވެރިން އިހުތިޖާޖުގައި ތިއްބައެވެ. ނޫސްވެރިންގެ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ މުޖުތަމަޢުން ވެސް އެ ބިލަށް ފާޑުކިޔަމުން ދަނިކޮށެވެ. އަދި، އެއީ ރާއްޖޭގެ މީޑިއާ ރެގިއުލޭޓް ކުރުމަށް އޮތް މުހިންމު ބިލެއް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުއަށް އިރުޝާދު ދެއްވި ފަރާތްތަކެއްގެ ލަފައާއި އިރުޝާދުގެ ދަށުން، ސަރުކާރުން އެ ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ މަރުހަލާގައި ބިލާ ދެކޮޅަށް އިހުތިޖާޖުކުރި ނޫސްވެރިން ގަދަބާރުން ކޮމިޓީތަކުގެ ތަޅުމުން ބޭރުކޮށްލުމަށް ފަހުއެވެ.
ނަޖީޖާއަކީ ކޮބައިތޯއެވެ؟ ނޫސްވެރިން ކެއިން ބުއިމަށް ކުރަމުންދާ މަސައްކަތުގެ މިނިވަންކަން ނަގާލި ބިލެއްގެ ގޮތުގައި މިއަދު ވެސް ނޫސްވެރިން ގެންދަނީ އެ ބިލު ސިފަ ކުރަމުންނެވެ. އެތައް ނޫސްވެރިންގެ ޖާނީ ދުޝްމަނުންގެ ގޮތުގައި ވެގެން ދިޔައީ އެ ބިލު ފާސްކުރުމަށް ސަރުކާރުގެ ތެރެއިން ކުރިއަށް ނުކުމެވަޑައިގެންނެވި ވަޒީރުންނާއި އިސް ބޭބޭފުޅުންނެވެ.
އެހެންނަމަވެސް، އެ ބިލުން ނޫސްވެރިކަން ރެގިއުލޭޓް ކުރުމުގެ ނަމުގައި ސަރުކާރަށް މިހާތަނަށް ނެރެވުނުހާ ވެސް ނަތީޖާއަކީ، ނޫސްވެރިންގެ ހިތްތަކުގައި ސަރުކާރާ ދެމެދު އުފެދު ނުތަނަވަސްކަމާއި އުދާސްތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އައުމެވެ. އެ ބިލާ ދެކޮޅަށް އިހުތިޖާޖަށް ނުކުތް ނޫސްވެރިން އަދިވެސް ތިބީ އިހުތިޖާޖުގައެވެ. އެ ނޫން ގިނަ ނޫސްވެރިން ހާލަތު ހުރި ގޮތުން އިހުތިޖާޖަށް ނުނުކުމެ ތިއްބެވިއެއް ކަމަކު، ނޫސްވެރިންގެ އުދާސްތައް ހުރީ އޭގެ އެންމެ އުހުގައެވެ.
ފެންނާން އޮތް ހަގީގީ މަންޒަރަކީ މިއަދާއި ހަމައަށް ވެސް، ނޫސްވެރިންގެ ހަތަރެސް ފައިގައި ކަސްތޮޅު އެޅުވުމަށް ސަރުކާރުން އެކުލަވާލި ކަމަށް ނޫސްވެރިން ދެކޭ މި ބިލުން ނޫސްވެރިންނާއި މި ސަރުކާރާ ދެމެދު އުފެދުނު ބޮޑު މައްސަލައަށް ހައްލު ނުލިބި، އޭގެ އަސަރު ނޫސްވެރިކަމުގެ ސިނާއަތުން އެތައް ގޮތަކުން ފެންނަމުން ދިއުމެވެ. ނޫސްވެރިންގެ ނުރުހުމެވެ. ނޫސްތަކުން ސަރުކާރާ މެދު ދެކޭ ގޮތް ގޯސްވުމެވެ. މިއީ ނޫސްވެރިކަން ނައްތާލާ ސަރުކާރެއްގެ ނޫސްވެރިންނަށް ސަރުކާރު ސިފަވަމުން ދިއުމެވެ.
އެންމެ ފަހުން ނޫސް މީޑިއާތައް ރެއިޑްކުރާ ހިސާބަށް ހާލަތު ދިޔައީއެވެ. މި ވެރިކަމުގައި ނޫސްވެރިން ޖަލަށް ލާން ވެސް ޖެހުނީއެވެ. ތެދުފުޅެކެވެ. ކުށުގެ ތުހުމަތުތަކެއް ހުރެދާނެއެވެ.

އަދަދު ނޫހުގެ ޝަހުޒާނާއި ލީވާން ޖަލަށް ލާން ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ -- ފޮޓޯ/ އަދަދު
އެހެންނަމަވެސް، ނޫސްވެރިންނާ ސަރުކާރާ ދެމެދު ޖުހުނު ހަގީގީ ލައްގަޑަކީ ކޮބައިތޯއެވެ؟ "ކޮންޓްރޯލް ބިލް"ގެ ގޮތުގައި ނޫސްވެރިން ސިފަކުރާ މީޑިއާ ބިލެވެ. އެ ބިލުން ނޫސްވެރިންގެ ހިތްތަކުގައި އުފެދު ރުޅިވެރިކަމާއި ނަފުރަތެވެ.
އެގޮތުން، ނޫސްވެރިން އިހުތިޖާޖުކުރަން މަގުމަތީގައި ތިއްބާ، ދޫނުދީ، މުރަނަކަން ދައްކާ، ސަރުކާރުން ފާސްކުރި މީޑިއާ ބިލުން ސަރުކާރަށް ކުރި ފައިދާއެއް އެބައިތްތޯއެވެ؟ ނެތެވެ. ހާލަތު ދިޔައީ ގޯހުން ގޯހަށެވެ. ރަގަޅެއް ނުވިއެވެ. ނޫސްވެރިން ޖަލަށްވެސް ދާން ޖެހުނީއެވެ. ދެންވެސް ނޫސްވެރިން ކުރާނީ އިހުތިޖާޖެވެ. ޖަލަށް ލީ ނޫސްވެރިން އެނބުރި އަންނާނީ އަދި މާ ވަރުގަދަކޮށެވެ. ބައިނަލްއަގުވާމީ މުޖުތަމަޢުން ރާއްޖެ ސިފަކުރާނީ މީޑިއާގެ މިނިވަންކަން ނެތް ގައުމެއްގެ ގޮތުގައެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި ސަރުކާރުގެ މީޑިއާގެ ސިޔާސަތު ފެއިލްވީއެވެ. ފެންނަމުން މިދަނީ މީޑިއާ ބިލު ގަދަބާރުން ފާސްކުރުމަށް ރައީސަށް ލަފާއެރުއްވި ބޭފުޅުން ހެއްދެވި ބޮޑު ގޯހުގެ ނަތީޖާއެވެ. ނުވަތަ ރައީސް އަމިއްލަފުޅަށް ހެއްދި އެ ބޮޑު ގޯހުގެ ނަތީޖާއެވެ.
ސަބަބަކީ މީޑިއާއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްގެން ކާމިޔާބު ހޯދުނު ސަރުކާރެއް ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި ފެންނާން ނެތުމެވެ. އެހެންކަމުން، ސަލާމަތުގެ އައްސޭރިއަކަށް ސަރުކާރަށް ދަތުރުކުރެވެން އޮންނާނީ ސިޔާސަތު ބަދަލުކޮށްގެންނެވެ. އެކަމަށްޓަކާ އެންމެ ފުރަތަމަ ވެސް މި ސަރުކާރުން ކުރާން އޮތް ކަމަކަކީ ގަދަބާރުން ފާސްކުރި މީޑިއާގެ ބިލު އުވާލުމެވެ.