ނޫސްވެރިން މިނިވަންކުރަން ޓްރާންސްޕޭރެންސީން ގޮވާލައިފި: "އެއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ހަމަލާއެއް"

ޖަލަށް ލާފައިވާ އަދަދުގެ ދެ ނޫސްވެރިން: ލީވާނާއި ޝަހުޒާން މިނިވަންކުރަން ޓްރާންސްޕޭރެންސީން ގޮވާލައިފި -- ފޮޓޯ/ މުހައްމަދު ޝަރުހާން

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ މިއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށާއި، މިކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެގެންދާނެ ކަމަށެވެ. އަދި އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ވަނީ ގޮވާލާފައެވެ.

  • އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައި
  • ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ މިކަން ކުށްވެރިކޮށް ނޫސްވެރިން މިނިވަންކުރުމަށް ގޮވާލާފައި
  • ނޫސްވެރިންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދީފައިނުވާކަން ފާހަގަކޮށްފައި
  • މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރެޓިކް ޖަވާބުދާރީވުމަށް އޮތް ހުރަހެއްކަމަށް ބަޔާންކޮށްފައި

'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލުމާއެކު، އެއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެކަން ކުށްވެރިކޮށްފިއެވެ.

ޓްރާންސްޕޭރެންސީން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާންގެ މައްޗަށް އިއްވި ޖަލު ހުކުމް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލައިފައެވެ.

https://sun.mv/221890

ޓްރާންސްޕޭރެންސީން ފާހަގަކުރި ގޮތުގައި އެ މައްސަލައިގައި އެ ދެ ނޫސްވެރިންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ވެސް އެކަށީގެންވާ ފުރުސަތެއް ދީފައެއް ނުވެއެވެ. އެހެންކަމުން އަދުލުވެރިކަމާއެކު ޝަރީއަތް ހިންގުމާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކެއް އުފެދޭ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

ހަމައެއާއެކު އެފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ރާއްޖޭގެ ޑިމޮކްރެޓިކް ޖަވާބުދާރީވުން ބަލިކަށިވެގެންދާ ކަމަށާއި އެއީ ޑިމޮކްރެޓިކް ވެރިކަމުގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ.

މި މައްސަލާގައި މިއަދު އެ ދެ ނޫސްވެރިން ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އަދި އަޑުއެހުންތައް ވަނީ ސިއްރު ވެސް ކޮށްފައެވެ.

'ސަން' އަށް މައުލޫމާތު ދެއްވައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އެ ދެ ނޫސްވެރިން ވެސް މިހާރު ޖަލަށް ލާފައިވާ ކަމަށެވެ. އަދި އެ ދެ ނޫސްވެރިން ވެސް ހައްޔަރުކުރީ، ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯޓުން ވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކޮށްފައި ވަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހުޒާން ހާޒިރުކޮށްފައި ވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.

comment ކޮމެންޓް