ނަޝީދާ ނުލައި އެމްޑީޕީ އޮތީ މަރުވެފައޭ ވިދާޅުވުމުން ފަޒްނާ: އެއީ އުފާކުރަން ޖެހޭ ކަމެއް ނޫން

ކުރީގެ ރައީސް ޞާލިޙާ އެކު އަނބިކަނބަލުން ފަޒްނާ އަދި ނަޝީދު: ނަޝީދާ ނުލައި އެމްޑީޕީ އޮތީ މަރުވެފައޭ ޝިއްޕެ ވިދާޅުވުމުން ފަޒްނާ ވަނީ ރައްދު ދެއްވާފައި ---- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު އެ ޕާޓީގެ ލީޑަޝިޕާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރައްދުދެއްވައިފިއެވެ. ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕް އޮތީ މަރުވެފައި ކަމަށާއި، ޕާޓީ ވަރުގަދަ ކުރެވޭނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ހަވާލުކޮށްގެން ކަމަށެވެ. މިކަމަށް ރައްދުދެއްވަމުން ފަޒްނާ ވިދާޅުވީ، ވަކި ލީޑަރަކާ ނުލައި މުއައްސަސާއެއް ނުހިނގާނެ ކަމަށް ބުނުމަކީ އުފާކޮށް ފާހަގަކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، ލީޑަރެއްގެ ޙަޤީޤީ ޒިންމާއަކީ އެހެން މީހުން ބާރުވެރިކުރުވުން ކަމަށެވެ.

  • ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕް އޮތީ މަރުވެފައިކަމަށާއި ޕާޓީއަށް ބޭނުންވަނީ ނަޝީދުކަމަށް
  • ފަޒްނާ ވިދާޅުވީ ލީޑަރެއްގެ ޙަޤީޤީ މަސްއޫލިއްޔަތަކީ އެހެން މީހުން ބާރުވެރިކުރުވުންކަމަށް
  • ވަކި މީހަކަށް ބަރޯސާވާގޮތަށް ކަންކަން އޮތުމަކީ އުފާކުރަންޖެހޭ ކަމެއް ނޫންކަމަށް ފަޒްނާ ފާހަގަކުރެއްވި
  • މުއައްސަސާއެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނީ ވަރުގަދަ އުޞޫލުތަކެއްގެ މައްޗަށް ބިނާވެގެންކަމަށް ވިދާޅުވި

ވަކި ލީޑަރަކާ ނުލައި، މުއައްސަސާއެއް ނުހިނގާނެ ކަމަށް ބުނުމަކީ އުފާކޮށް، ފާހަގަކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒަށް މިއަދު ރައްދު ދެއްވައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ 'އެސްއެސްޓީވީ'ގެ ބާރުހަތަރެއް ޕްރޮގްރާމުގައި ޝިފާޒު ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރުވީއިރު އެމްޑީޕީގެ ލީޑާޝިޕް އޮތީ 'މަރުވެފައި' ކަމަށެވެ. ޕާޓީގެ ލީޑަޝިޕް އޮތީ ފެއިލްވެފައި ކަމަށާއި އެމްޑީޕީ ވަރުގަދަ ކުރެވޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ހަވާލުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/221815

އެ ވާހަކައަށް ނުސީދާކޮށް އިޝާރަތްކުރައްވައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފަޒްނާ ވިދާޅުވީ، ސިޔާސީ ޕާޓީއެއް ނުވަތަ މަދަރުސާއެއް ނުވަތަ އާއިލާއެއް ކަމަށް ވިޔަސް ލީޑަރެއްގެ ހަގީގީ މަސްއޫލިއްޔަތަކީ އެހެން މީހުން ބާރުވެރި ކުރުވުން ކަމަށެވެ. އެއީ، އެހެން މީހުން ތިމާއަށް ބަރޯސާވާ ގޮތަށް ހެދުން ނޫން ކަމަށް ފަޒްނާ ވިދާޅުވިއެވެ.

އެހެންވެ، ވަކި މީހަކާ ނުލައި، މުއައްސަސާއެއް ނުހިނގާނެ ކަމަށް ބުނުމަކީ އުފާކޮށް، ފާހަގަކުރަން ޖެހޭ ކަމެއް ނޫން ކަމަށް އެކަމަނާ ދެކިވަޑައިގަންނަވައެވެ.

މިސާލެއް ދައްކަވައި ފަޒްނާ ވިދާޅުވީ، އެކަމަނާއާ ނުލައި، ދަރިންނަށް ދިރިއުޅުން ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކުދިންނަށް އިހުސާސްކުރެވޭނަމަ އެއީ އެހެން މީހުންގެ ކިބައިގައި، ލީޑަޝިޕުގެ ސިފަތައް އަށަގެންނެވުމުގައި ނާކާމިޔާބުވީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް: ފަޒްނާ ވަނީ، އޭނާއަށް ރައްދު ދެއްވާފައި -- ފޮޓޯ/ ދެން އޮންލައިން

މީގެ އިތުރުން، ކަރިޒްމެޓިކް ލީޑަރުންގެ ފަރާތުން ފެންނަ އެންމެ ބޮޑު އެއް ބަލިކަށިކަމަކީ، އެ މީހަކަށް މާ ބޮޑަށް ބަރޯސާވާ ގޮތް ހެދުން ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.

"[ކަރިޒްމެޓިކް] ލީޑަރުންގެ މަސައްކަތުގެ ސްޕީޑު އަވަސްވެދާނެ. ނަމަވެސް، މުއައްސަސާއެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނީ ވަރުގަދަ އުސޫލުތަކެއްގެ މައްޗަށް ބިނާވެގެން،" އެކަމަނާ ވިދާޅުވިއެވެ.

ފަޒްނާ އެފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފައެވެ. މި ގޮތުން، ނަޝީދާއި އެ މަގާމަށް ދެން ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް އަހުމަދު ނަސީމާ ދެމެދު ވާދަވެރިކަން ބޮޑެވެ. ކުރީގެ ރައީސް ޞާލިޙްގެ އަރިސް ބޭފުޅުން މީކާއީލްގެ ކެމްޕޭނުން ފެންނައިރު، ނަޝީދު ގެންދަވަނީ ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބާއްވަނީ އަންނަ މަހެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުން އެ ޕާޓީގެ އެންމެ ބާރުގަދަ އެއް މަގާމަކީ ޗެއާޕާސަންގެ މަގާމެވެ.

comment ކޮމެންޓް