އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ޔޫއޭއީ ބައިވެރިވި: ރިޕޯޓް

ޔޫއޭއީ ހަމަލާދިން އީރާނުގެ ލަވާން އައިލެންޑްގެ ތެލުގެ މަރުކަޒެއްގައި އަލިފާން ރޯވެ އަނދަނީ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ޔޫއޭއީން ސިއްރިޔާތުގައި ބައިވެރިވެ، އީރާނުގެ ލަވާން އައިލެންޑްގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ހަމަލާދީފައިވާކަމަށް ވޯލްސްޓްރީޓް ޖާނަލުން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ރައްދުގައި އީރާނުން ޔޫއޭއީގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފައިވާއިރު، ޔޫއޭއީން ވަނީ އިސްވެ ހަމަލާދިންކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ.

  • ޔޫއޭއީން އީރާނުގެ ތެލުގެ މަރުކަޒަކަށް ހަމަލާދިންކަމަށް ރިޕޯޓުކުރުން.
  • އީރާނުން ބަދަލުހިފުމުގެ ގޮތުން ޔޫއޭއީއަށް ވަރުގަދަ ހަމަލާތަކެއް ދިނުން.
  • ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން މި ތުހުމަތުތައް ދޮގުކުރުން.
  • އެމެރިކާއިން ގަލްފުގެ ގައުމުތަކުގެ ވައިގެ ސަރަހައްދު އެގައުމުތަކުގެ ނުރުހުމުގައި ބޭނުންކުރުން.

ވޮޝިންޓަން (12 މެއި 2026): އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރު ގާނޫނީ ހަނގުރާމައިގައި ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބި އިމަރޭޓްސް (ޔޫއޭއީ) ބައިވެރިވެ، އެ ގައުމުން ސިއްރިޔާތުގައި އީރާނަށް ހަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ ވޯލްސްޓްރީޓް ޖާނަލުންނެވެ. އެމެރިކާގެ މަސްދަރުތަކާ ހަވާލާދީ އެ ނޫސް ބުނާގޮތުން ޔޫއޭއީން އެމެރިކާއާއި އިސްރާއީލާ ސިއްރިޔާތުގައި ބައިވެރިވެ ހަމަލާދިފައިވަނީ އީރާނުގެ ތެލުގެ މަރުކަޒަކަށެވެ. އެއީ، އީރާންގެ ލަވާން އައިލެންޑްގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއަކެވެ. މި ކާރުޚާނާއަށް ހަމަލާ ދިނީ ޔޫއޭއީގެ ޖެޓްތަކުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް، ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން މިކަން ދޮގު ކުރެއެވެ.

ވޯލްސްޓްރީޓް ޖާނަލް ބުނާ ގޮތުން އީރާނުން ޔޫއޭއީއަށް މިސައިލާއި ޑްރޯނުން ގަދަފަދަ ހަމަލާތަކެއް ދިނީ މިކަން އީރާނަށް އެނިގެން، އެ ކަމަށް ބަދަލުހިފުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށާއި އީރާނުގެ ހަމަލާތަކުގައި ޔޫއޭއީގެ އެތައް ތަނެއް ހަލާކުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވޯލް ސްޓްރީޓް ޖާނަލްގައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓް ބުނާގޮތުން އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ޣައިރު ގާނޫނީ ހަނގުރާމައިގެ ތެރެއަށް ޔޫއޭއީން ވަނުމުން އެމެރިކާއާއި އިސްރާއީލުން ވަނީ އެ ކަމަށް މަރުޙަބާ ކިޔައި، ޔޫއޭއީގެ ހިތްވަރުގަދަ ކަމަށް ސާބަސްދީ ތައުރީފުކޮށްފައެވެ.

އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައާ ގުޅިގެން އަމިއްލަ ނަފުސުގެ ދިފާއުގައި އީރާނުން ދިން ބަދަލުހިފުމުގެ ހަމަލާތައް އިސްރާއީލު ފިޔަވައި ދެން އެންމެ ބޮޑަށް އަމާޒުކުރި ގައުމަކީ ޔޫއޭއީއެވެ. ޔޫއޭއީގެ އެއާޕޯޓަށާއި ބައެއް ހޮޓާތަކަށާއި އެ ގައުމުގައިވާ ބޭރުގެ އިންވެސްޓްމަންޓްތަކަށް އީރާނުން ވަރުގަދަ އެތައް ހަމަލާތަކެއް ދީފައިވެއެވެ.

ޔޫއޭއީ މިހާތަނަށް ބުނެފައިވާ ގޮތުގައި އީރާނުން އެ ގައުމަށް ހަމަލާދިން ނަމަވެސް އެ ގައުމުން އީރާނަށް އިސްވެ، ހަމަލާ ވެސް އަދި ރައްދު ހަމަލާ ވެސް ދީފައެއް ނުވާނެއެވެ. ހަނގުރާމަ މެދުކަނޑާލި ފަހުން ވެސް ޔޫއޭއީގެ ފުޖައިރާގައިވާ ތެލުގެ މަރުކަޒުތަކަށް އީރާނުން ހަމަލާދިން ކަމަށް ޔޫއޭއީ ބުނެފައިވެއެވެ. އަދި، ފުޖައިރާގެ ބަނދަރުން ފުރައިގެން އޮމާން ކަނޑުއޮޅީގައި ދަތުރުކުރަމުން ދިޔަ ޔޫއޭއީގެ ތެޔޮ ޓޭންކަރަކަށް ވެސް ދާދި ފަހުން އީރާނުން ހަމަލާދިން ކަމަށް ޔޫއޭއީން ތުހުމަތުކޮށްފައިވެއެވެ.

އީރާނުން ވަނީ އިސްރާއީލުގެ އަސްކަރީ ހާއްޔަކަށް ޔޫއޭއީ ބަދަލުވަމުންދާކަމަށް ބުނެ، ޔޫއޭއީގެ މައްޗަށް ބޮޑު ތުހުމަތެއް ކޮށްފައެވެ. އީރާނާ ދެކޮޅަށް ޔޫއޭއީގައި އިސްރާއީލުގެ އަސްކަރީ ބާރުތައް ރުކުރުވާލާ ނަމަ ޔޫއޭއީއަށް އިސްވެ، ހަމަލާދޭނެ ކަމަށާއި ޔޫއޭއީއަކީ ބިއްލޫރީގެ ގެއެއްކަން ހަނދާންކުރަން ޖެހޭ ކަމަށް ބުނެ، އީރާނުން ވަނީ ޔޫއޭއީއަށް ހަރުކަށި އިންޒާރެއް ދާދި ފަހުން ދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ އީރާނަށް ދިން ހަމަލާތަކުގައި ގަލްފުގެ ހުރިހާ ގައުމުތަކެއްގެ ބިމާއި ވައިގެ ސަރަހައްދުތައް ވެސް ވަނީ ބޭނުންކޮށްފައެވެ. އީރާނުން ވެސް މިކަން ކަށަވަރުކޮށްދެއެވެ.

އަސްކަރީ މުހައްލިލުން ވިދާޅުވާ ގޮތުގައި ސައޫދީ، ގަތަރު އަދި އޮމާންއިން ވަނީ އީރާނަށް ހަމަލާ ދިނުމުގައި އެ ގައުމުތަކުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންނުކުރުމަށް އެމެރިކާގެ ކިބައިން ތަކުރާރުކޮށް އެދިފައެވެ. ނަމަވެސް، އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާއިން އެ ގައުމުތަކުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރިކަންވަނީ ސެޓަލައިޓް ކަވަރޭޖްތަކުން ކަށަވަރުވެފައެވެ.

އެމެރިކާއިން މިގޮތަށް ކަންތައްކުރީ ގަލްފުގެ ގައުމުތަކަކީ އެމެރިކާގެ ކުރިމަތީގައި މާ ބޮޑުކަމެއް ކުރެވޭނެ ގައުމުތަކެއް ނޫންކަން އެނގޭތީ އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކަމަށާއި މިއީ އެމެރިކާއިން ގަލްފުގެ ގައުމުތަކަށް އިހުތިރާމު ނުކުރާ މިންވަރު ހާމަވާ ކަމެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އީރާނުން ގަލްފުގެ އަރަބި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި އެ ގައުމުތަކުގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާ ދިން ނަމަވެސް ޔޫއޭއީ ފިޔަވައި ގަލްފުގެ އެހެން އަރަބި ގައުމަކުން އީރާނަށް ހަމަލާ ދީފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޔޫއޭއީ ފިޔަވައި އެހެން ގައުމަކަށް އީރާނުން ވެސް މިފަދަ ތުހުމަތެއް ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް