ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަކީ ޕޯސްޓް އެމެރިކަން މިޑްލް އީސްޓެއް ނުވަތަ އެމެރިކާގެ ނުފޫޒު ކުޑަ މެދުއިރުމައްޗަށް އުފަންވުމުގެ ކޮޅުމަތި ކަމަށް މުހައްލިލުން ސިފަކޮށްފިއެވެ.
"މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގައި ސޮއިކުރި މި ތިން ގައުމަކީ މިހާރު އެމެރިކާއާ ވަރަށް ގާތް ތިން ގައުމެވެ. މީގެ ތެރެއިން ސައުދީ އަރަބިއްޔާއަކީ އެ ގައުމުގެ ދިފާއީ ކަންކަމުގައި ސީދާ އެމެރިކާއަށް ބަރޯސާވާ ގައުމެކެވެ. ސައުދީގައި އެމެރިކާގެ އަސްކަރީ ބޭސްތައް އެބަހުއްޓެވެ. ނަމަވެސް މި ބޭސްތަކުން ސައުދީ ބޭނުންވި އަމާންކަމާއި ރައްކާތެރިކަން އެ ގައުމަށް ލިބިފައި ނެތްކަން ވަނީ ހާމަވެފައެވެ.
އީރާނުގެ ރައްދު ހަމަލާތަކާއި ޙޫޘީންގެ ރައްދު ހަމަލާތައް ސައުދީއަށް ވަނީ އެތައް ފަހަރަކު އަރައިފައެވެ. އީރާނާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ހަނގުރާމައިގައި އީރާނުން ދޭ ރައްދު ހަމަލާތަކުންނާއި ޔަމަންގެ ހޫޘީން ސައުދީއަށް ދާދި ފަހުން ދިން ރައްދު ހަމަލާތަކުން އެނގިގެން ގޮސްފައިވަނީ އެމެރިކާއަށް އެކަނި ބަރޯސާވެގެން ސައުދީއަށް ހިމާޔަތާއި ރައްކާތެރިކަން ނުލިބޭނެ ކަމެވެ. އެމެރިކާއަކީ ޚުދު އެމެރިކާގެ ބޭސްތައް ވެސް ދިފާއު ނުކުރެވުނު ގައުމެއް ކަމެވެ.
އީރާނުގެ ހަމަލާތަކުގައި ގަލްފާއި އުރުދުންގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް ހަލާކުވެފައި ވުމަކީ މިކަމުގެ ސާބިތު ހެއްކެކެވެ.
އެމެރިކާގެ މަޖައްލާއެއް ކަމަށްވާ "ނިއުސްވީކް" ބުނާ ގޮތުން ހުރުމުޒު ކަނޑުއޮޅި ވެސް ދެން ކުރީގެ ހާލަތަށް ދިޔުމަކީ ގާތްގަނޑަކަށް މުސްތަހީލު ކަމެކެވެ. އީރާނުން ވަނީ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނަގާފައި ކަމަށާއި އެކަން ހުއްޓުވުމުގައި އެމެރިކާ ނާކާމިޔާބުވެފައި ވާއިރު އެ ކަނޑުއޮޅީގެ ކޮންޓްރޯލް ދެން އީރާނުގެ އަތްދަށުން ދިޔުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް "ނިއުސްވީކް" ބުނެއެވެ.
މިއީ އެމެރިކާ އިސްވެ އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އެމެރިކާ އަމިއްލައަށް އުފަންކުރި ހާލަތެކެވެ. މިކަމުގެ ފައިދާ އީރާނުން ގެންދަނީ ވަރަށް ވިސްނުންތެރިކަމާއެކު ނަގަމުންނެވެ.

"މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގައި ސޮއިކުރުން
"ނިއުސްވީކް" ގެ މުހައްލިލެއް ކަމަށްވާ ޓޮމް އޮކޯނޯ ލަފާކުރާ ގޮތުގައި މުސްތަގުބަލުގައި އެމެރިކާގެ އަސްކަރީ ބޭސްތައް ގަލްފުގައި ނުހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އެ ތަންތަން އަލުން ބިނާކުރުމުގެ ފުރުސަތު އީރާނުން ނުދޭނެތީ އާއި އެ ތަންތަނަކީ މުސްތަގުބަލުގައި ވެސް އީރާނުގެ ސީދާ ހަމަލާތައް އަމާޒުވާނެ ތަންތަން ކަމުގައި ވާނެތީއެވެ.
"އީރާނުގެ ބަނޑުދަށުގައިވާ އެ ތަންތަން ދިފާއު ކުރުމަކީ އެމެރިކާއަށް އިންތިހާއަށް ޚަރަދު ބޮޑުވާނެ ކަމެއް" ކަމަށް އޭނާ ބުންޏެވެ.
އޮކޯނޯ ދެކޭ ގޮތުގައި ތުރުކީ އާއި ޕާކިސްތާނާއި ސައުދީއަކީ އެމެރިކާގެ ނުފޫޒު ހިނގާ ގައުމުތަކެއް ކަމަށް ވިޔަސް ކުރިއަށް އޮތް ތަނުގައި އެ ގައުމުތައް އެމެރިކާއަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ. އަދި ސައުދީގެ މާލީ އެހީތެރިކަމުގައި އެ ތިން ގައުމު ގުޅިގެން ހަތިޔާރު އިންޑަސްޓްރީއެއް ތަރައްގީ ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ތުރުކީއަކީ މިހާރު ވެސް އަސްކަރީ ސިނާއަތުގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމެކެވެ.
އީރާނުން ވަނީ އެމެރިކާގެ އަސްކަރީ ބޯޓުތަކަށް ދެން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ނުދޭނެކަން ތަކުރާރުކޮށް ހާމަކޮށްފައެވެ. އަދި ހުރުމުޒު ހުރަސްކޮށް އެމެރިކާއަށް ހަތިޔާރާއި އަސްކަރީ ސާމާނު ވެސް ދެން ނުގެންދެވޭނެ ކަމާއި އިސްރާއީލުގެ މަދަނީ އުޅަނދަކަށް ވެސް ދެން ހުރުމުޒު ހުރަސް ނުކުރެވޭނެކަން އީރާނުން ވަނީ ހާމަކޮށްފައެވެ.
ހުރުމުޒު ކަނޑުއޮޅިއަކީ އީރާނުގެ ގައުމީ ސަލާމަތާ ގުޅިފައިވާ ތަނެކެވެ. ގަލްފާއި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަކީ އީރާނަށް އޮތް ބިރެއް ކަމަށް އީރާނުން ގެންދަނީ ތަކުރާރުކޮށް ސިފަކުރަމުންނެވެ.
އެމެރިކާގެ މުހައްލިލެއް ކަމަށްވާ ޑރ. ޚަލީލް އަލްއަނާނީ ބުނާ ގޮތުގައި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގައި ޕާކިސްތާން ސޮއިކުރުމުގެ އެއް ބޭނުމަކީ އިސްރާއީލު އަސްކަރީ ގޮތުންނާއި ޖާސޫސީ ގޮތުންނާއި އަދި ޓެކްނޮލޮޖީގެ ގޮތުން އިންޑިއާއާ ގާތްވަމުން އަންނަ އައުމާ ކުރިމަތިލުމެވެ. ޕާކިސްތާނަކީ އަސްކަރީ ގޮތުން ވަރުގަދަ ގައުމަކަށް ވިޔަސް ޕާކިސްތާނަކީ އިގްތިސާދީ ގޮތުން ބަލިކަށި ގައުމަކަށް ވާތީ ސައުދީ ފަދަ ގައުމެއްގެ އިގްތިސާދީ އެހީއާ ނުލައި އިންޑިއާ އާއި އިސްރާއީލުގެ ގުޅުންތަކާ ކުރިމަތިލުމަކީ ޕާކިސްތާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ދެކެއެވެ.

އިސްރާޢީލު ގެންދަނީ އިންޑިއާ އާ ވަރަށް ބޮޑަށް ގުޅުންތައް ބަދަހިކުރަމުން
ޕާކިސްތާނަކީ ސައުދީގެ މާލީ އެހީ ލިބިއްޖެ ނަމަ ތުރުކީ އާއި އީރާން އަދި އިންޑިއާ ގޮތަށް އަސްކަރީ ސިނާއަތު ތަރައްގީކޮށް ޒަމާނީ ހަތިޔާރު އުފެއްދުމުގެ ފަންނީ އަދި އިންޖިނޭރިން ގާބިލުކަން ލިބިފައިވާ ގައުމެއް ކަމަށް ޑރ. އަނާނީ ދެކެއެވެ.
"ނިއުސްވީކް" ބުނާ ގޮތުން އީރާނުގެ ރައްދު ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް ހަލާކުވުމާއި އީރާނުގެ މައްޗަށް އަސްކަރީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ކާމިޔާބު ހޯދުމަށް އެމެރިކާ ނުކުޅެދިފައި ވުމުންނާއި އަދި އީރާނުން ހުރުމުޒުގެ ކޮންޓްރޯލް ނެގުމުން ޕޯސްޓް އެމެރިކަން މިޑްލް އީސްޓެއް ވަނީ އުފަންވާން ފަށައިފައެވެ.
އެ މަޖައްލާ ބުނާ ގޮތުން އެމެރިކާގެ ބާރާއި ނުފޫޒު ކުޑަ މެދުއިރުމައްޗެއްގެ ފީޗާސްތައް މިހާރު ވަނީ ފެންނަން ފަށައިފައެވެ. އޭގެ ތެރޭގައި އެމެރިކާއަށް ބަރޯސާވެގެން އަމާންކަން ނުލިބޭނެކަން ސައުދީ ފަދަ ގަލްފުގެ ގައުމުތަކަށް އެނގި ތުރުކީ އާއި ޕާކިސްތާނާ އެކު ދިފާއީ އެއްބަސްވުމެއް ސޮއިކުރުން ހިމެނެއެވެ.
މި އެއްބަސްވުމުގައި ކުވައިތާއި ގަތަރު އަދި މިސްރު ފަދަ ގައުމުތައް ކައިރި މުސްތަގުބަލެއްގައި ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަ މުހައްލިލުން ދެކެއެވެ.
ނިއުޔޯކުގައި ހުންނަ އިސްރާއީލުގެ ޑިޕްލޮމޭޓެއް ކަމަށްވާ އޮވިޔަ އޮކޮނީސް އެމެރިކާގެ މީޑިއާއަކަށް ދިން ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ނުފޫޒު ކުޑަ މެދުއިރުމައްޗަށް އުފަންވާކަން އެނގި އެކަމަށް އިސްރާއީލުން ވެސް ތައްޔާރުވާން ފަށާފައިވާ ކަމުގައެވެ.
މި ތައްޔާރީތަކުގެ ތެރޭގައި އިންޑިއާއާ ގުޅުންތައް ބަދަހި ކުރުމަށް ކުރިއަށް ވުރެ ބޮޑަށް އިސްރާއީލުން އިސްކަން ދޭނެކަން އޭނާ ފާހަގަކުރިއެވެ. އޭނާ ދެކޭ ގޮތުގައި ތުރުކީން ގެންގުޅޭ އަމިއްލަވަންތަ ސިޔާސަތާއި ތުރުކީން ތަރައްގީކުރާ އަސްކަރީ ސިނާއަތަކީ އީރާނަށް ވުރެ އިސްރާއީލަށް ނުރައްކާ ކުޑަ ކަމެއް ނޫނެވެ.
މެދުއިރުމަތީގެ ހާލަތު ބަދަލުކޮށްލި އީރާނުގެ މިސައިލް އިންޑަސްޓްރީން އުފައްދާފައިވާ ހައިޕާސޮނިކް މިސައިލެއް ކަމަށްވާ "ފައްތާހު 1" އޮކޮނީސް ބުނެފައިވާ ގޮތުގައި އިސްރާއީލު އެންމެ ކަންބޮޑުވަނީ ހަމައެކަނި ޕޯސްޓް އެމެރިކަން މިޑްލް އީސްޓެއް އުފަންވާތީއެއް ނޫނެވެ. އެމެރިކާގެ ޒުވާނުންގެ ވިސްނުމާއި ޚިޔާލު ވެސް ވަރަށް ބޮޑަށް އިސްރާއީލާ ދެކޮޅަށް ބަދަލުވަމުންދާތީއެވެ. އެމެރިކާގެ ޒުވާނުންގެ ވިސްނުން އިސްރާއީލާ ދެކޮޅަށް ބަދަލުވަމުންދާކަން އެނގެނީ އެމެރިކާގައި ބާއްވާ އެކިއެކި އިންތިޚާބުތައް އިސްރާއީލަށް ފާޑުކިޔާ ފަރާތްތަކުން ކާމިޔާބު ކުރަމުން ގެންދާތީއެވެ.
ޒަހްރާން މަމްދާނީގެ އިތުރުން ވެސް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފާޅުގައި އަޑުއުފުލާ އެތައް ފަރާތަކުން ވަނީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީތައް ކާމިޔާބުކޮށްފައެވެ.
އަނެއްކޮޅުން މިދިޔަ ހަފުތާގައި އިނގިރޭސިވިލާތުގެ ކޯޓަކުން ވަނީ އިސްރާއީލަށާއި ޒަޔަނިޒަމަށް ފާޑުކިޔުމަކީ އެންޓި ސެމިޓިޒަމް ނުވަތަ ޔަހޫދީންނަށް ނަފްރަތު ކުރުން ނޫން ކަމަށް ކަނޑައަޅައިފައެވެ. އިނގިރޭސިވިލާތާއި ޖަރުމަނު އަދި އެމެރިކާ ފަދަ ގައުމުތަކުގައި އިސްރާއީލުގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ އަޑުތައް ކަނޑުވާލުމަށް ބޭނުންކުރާ ހަތިޔާރަކީ އެންޓި ސެމިޓިޒަމްއެވެ.
މިއީ، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެއްޗެއް ބުނުމަކީ ނޫނީ އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށްލުމަކީ ޔަހޫދީންނާ ޖައްސައިލުން ކަމަށް ޒަމާނުއްސުރެ ހަދާފައި އޮތް އޮތުމުގެ ނިމުމެވެ.
މިކަމުގެ ސަބަބުން ހުޅަނގުގައި އޮންނަ ޚިޔާލު ފާޅުކުރުމުގެ ފަރުދީ މިނިވަންކަމާ ފުށުއަރާ ކަމެއް ކަމަށް ވިޔަސް އިނގިރޭސިވިލާތުގައި ވެސް މިހާތަނަށް ދިޔައީ މިގޮތަށް އަމަލުކޮށް އިސްރާއީލަށް ފާޑުކިޔުން މަނާކުރަމުންނެވެ. އިސްރާއީލަށް ފާޑުކިޔައިގެން ޔޫރަޕާއި އެމެރިކާގެ އެކަޑެމިކް ދާއިރާގެ އެތައް ބަޔަކު ވަނީ ބާކީވެ އެކަހެރި ކުރެވިފައެވެ.
އިނގިރޭސިވިލާތުގެ ކޯޓުން ނިންމި މި ތާރީޚީ ނިންމުމުގެ ސަބަބުން އިސްރާއީލާއި އިސްރާއީލަށް ނިސްބަތްވާ ޒަޔަނިސްޓް ގުރޫޕުތައް ވަނީ ވަރަށް ކަންބޮޑުވެފައެވެ. މި ކަންބޮޑުވުން އިސްރާއީލުގެ ޑިޕްލޮމޭޓް އޮކޮނީސް ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާއާރެޓްސް ބުނާ ގޮތުން އެމެރިކާގެ އާންމުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު ގެއްލެން ފެށުމާއި ޔޫރަޕަށް އަންނަ ބަދަލުތަކާއި އަދި މެދުއިރުމަތީގައި އަލަށް އުފަންވާން ފަށާފައިވާ "ޕޯސްޓް އެމެރިކަން މިޑްލް އީސްޓް" ގެ ހާލަތަށް ތައްޔާރުވުމުގެ ގޮތުން އިސްރާއީލުން ގެންދަނީ ގިނަ ރޭވުންތަކެއް ރާވަމުންނެވެ.
މީގެ ތެރޭގައި އިންޑިއާއާ ގާތްވުމުގެ އިތުރުން އެމެރިކާއަށް ބަރޯސާވުން ކުޑަކުރުމާއި އަމިއްލައަށް ހަތިޔާރު އުފެއްދުމާއި އީރާނާ އިންވެގެން އޮންނަ އަޒަރުބައިޖާން ފަދަ ގައުމުތަކާ ގުޅުންތައް ބަދަހިކުރަން އިސްރާއީލުން އިސްކަންދިނުން ފަދަ ކަންކަން ހިމެނެއެވެ.
ނަމަވެސް އިސްރާއީލުގެ އާބާދީ ކުޑަވުމާއި ފަލަސްތީނުގެ މުޖާހިދުންނާއި އީރާނުގެ ރައްދު ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އަސްކަރީ ޑިޓަރެންސް ގެއްލިފައި ވުމާ އެކު އިސްރާއީލުގައި އަމާންކަން ނެތިގެން އިސްރާއީލު ދޫކޮށް ޔޫރަޕާއި އެމެރިކާއަށް އެނބުރި ރުޖޫއަވާ މީހުންގެ އަދަދު ގިނަ ކަމުން އިސްރާއީލުގެ މުސްތަގުބަލަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދެ ދައުލަތުގެ ހައްލަށް އެއްބަސްނުވާ ނަމަ އިސްރާއީލަށް ފަލަސްތީނުގެ ބިމުގައި ދެމިނޯވެވޭނެ ވަރަށް ފިއްތުންތައް އިސްރާއީލަށް ބޮޑުވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.