އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ދައުވަތަކަށް، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އިރުތިޝާމް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު އިރުތިޝާމް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވައި، ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން، ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރު އިރުތިޝާމްގެ މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހޫރީ އާއި އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ގުރައިޝާ ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަވައްޓެރި އިންޑިއާއަކީ ރާއްޖެއާއެކު އެންމެ ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ އެއް ގައުމެވެ. ސަގާފީގޮތުންނާއި، އިގްތިޞާދީ އަދި އިޖްތިމާއީ ދާއިރާއިން ވެސް ދެ ގައުމުގެ ދެމެދުގައި ހަރުދަނާ ގުޅުންތަކެއް މި ދިގު އެކުވެރިކަމުގެ ގުޅުމުގައި އުފެދިފައިވެއެވެ.
ނަމަވެސް "އިންޑިއާ އައުޓް" ކެމްޕޭނާ އެކު ވެރިކަމަށް އައި މި ސަރުކާރުގެ ފުރަތަމަ އަހަރު، ސަރުކާރުގައި އޭރު އިސް މަގާމުތަކުގައި ތިއްބެވި ޕީއެންސީގެ އެކްޓިވިސްޓުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސް ބަސް ރައްދުކުރުމުން ގުޅުން ވަަރަށް ބޮޑަށް ހީނަރުވިއެވެ.
އޭގެ ފަހުން އެތައް މަޝްވަރާއެއް އިސް ފަންތީގައި ކުރިއަށް ގެންދިއުމަށްފަހު މިހާރު، ގުޅުން ވަނީ ރަނގަޅުވެފައެވެ. މިދިޔަ އަހަރުގެ ޖުލައި 25ގައި މިނިވަންދުވަހުގެ ހަރަކާތްތައް ބައްލަވައިލަން، ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި މޯދީ، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވެސް ވަޑައިގަތެވެ.
މި ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމު ތިން ފަހަރު ބަދަލުވެފައިވާއިރު، ތިންވަނައަށް އައްޔަންކުރި އިރުތިޝާމް މީގެ ކުރިން ހުންނެވީ އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމުގައެވެ.