މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސްކަމުގެ މަޤާމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވައި ނާކާމިޔާބުވި، އާޝިޔަތު އަލައިކާއަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.
"ސަން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަލައިކާ އެ މަގާމަށް މިހާރު ވަނީ އައްޔަންކުރައްވާފައެވެ. ނަމަވެސް އަދި ސަރުކާރުގެ ރަސްމީ ބަހެއް ނުލިބެއެވެ.
މިދިޔަ މަހު އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްކަމަށް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރެއްވި އަލައިކާ އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައިޝަތު ރީޝާގެ މެދުގައެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މި އިންތިޚާބުގައި އަލައިކާ ބަލިކޮށް، އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރީޝާއެވެ.
އިންތިޚާބުން ބަލިވުމާ ގުޅިގެން އަލައިކާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ މި ދަތުރަކީ ހަމައެކަނި މަޤާމެއް ހޯދުމަށް ކުރި މަސައްކަތެއް ނޫން ކަމަށެވެ. އެއީ ގިނަ އާއިލާތަކެއްގެ ޙައްޤުގައި، އަދި ހަމަހަމަ ފުރުޞަތުތަކާއި މާލީ މިނިވަންކަން ހޯދައިދިނުމަށް ކުރި މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަލައިކާއަށް ސަރުކާރުގެ މަތީ ފަންތީގެ މަގާއް މި ދެއްވީ، ދާދިފަހުން ބޭއްވުނު ކައުންސިލް އިންތިޚާބުތަކާއި ފެންނަނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ސަރުކާރަށް ބޮޑެތި ބަދަލުތަކެއް ގެންނަ ދަނޑިވަޅެއްގައެވެ.
މި ބަދަލުތަކުގެ ތެރެއިން ބައެއް ވަޒީރުން އިސްތިއުފާ ދެއްވައި، ސަރުކާރުގެ ވުޒާރާތަކުގެ އަދަދު މަދުކޮށް، ބައެއް ކުންފުނިތަކުގެ ވެރިން މަގާމުން ވަކިކޮށް އާ ބޭފުޅުން ވަނީ އައްޔަންކުރައްވާފައެވެ.
މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
އިންތިޚާބަށްފަހު ރައީސް ވިދާޅުވަނީ، މެރިޓް އުސޫލުން ނޫން ގޮތަކަށް ސަރުކާރުގެ ވަޒީފާތަކަށް މީހުން އައްޔަން ނުކުރައްވާނެ ކަމަށެވެ.