ކުރީގެ ބަތަލާ ނައުހީދު ފިލްމުތަކުން މިހާރު ނުފެންނަނީ މިހެންވެ

ބޮލީވުޑްގެ ކުރީގެ ބަތަލާ ނައުހީދު ސީރޫސީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ކުރީގެ މަޝްހޫރު ބަތަލާ އަދި މިއުޒިކް ވީޑިއޯތަކުން ގިނަ ބައެއްގެ ލޯބި ހޯދި ނައުހީދު ސީރޫސީ ފިލްމީ ދާއިރާއިން މިހާރު ނުފެންނަ ސަބަބުތައް އޭނާ ވަނީ ހާމަކޮށްފައެވެ. ފިލްމީ ދާއިރާގައި މަސައްކަތްކުރިއިރު އޭނާއަށް ވަނީ ވަރަށް ހިތްދަތި ތަޖުރިބާތަކަކާ ކުރިމަތިލާންޖެހިފައެވެ. މީގެ ތެރޭގައި ފިލްމުގެ ވާހަކައާ އެއްވެސް ގުޅުމެއް ނެތް ނަމަވެސް ގައިގޯޅި މަންޒަރުތައް ކުޅުމަށް މަޖުބޫރުކުރުމާއި، އެކަމަށް އިންކާރުކުރުމުން ފުރުސަތުތައް ގެއްލުން ހިމެނެއެވެ. މީގެ އިތުރުން ފިލްމުތަކުގެ މަސައްކަތް ނިމުމަށްފަހުވެސް ކަނޑައެޅިފައިވާ އުޖޫރަ ނުލިބި ހިފެހެއްޓުމާއި، ފިލްމީ ދާއިރާގެ ނުފޫޒުގަދަ ގްރޫޕުތަކާ ގުޅުމެއް ނެތުމުން މުހިންމު ރޯލުތައް ނުލިބުން ފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މިހާރު އިންސްޓަގްރާމް ކޮންޓެންޓް އުފައްދާ މީހެއްގެ ގޮތުގައި މަސައްކަތް ފަށައި، އެކަމުން ބޮޑު ހިތްހަމަޖެހުމެއް ލިބެމުންދާކަމަށް ނައުހީދު ބުނެފައިވެއެވެ.

  • ގައިގޯޅި މަންޒަރުތައް ކުޅެން އިންކާރުކުރުމުން ފުރުސަތުތައް ގެއްލުން.
  • މަސައްކަތް ނިންމުމަށްފަހުވެސް ބަހަނާތައް ދައްކައިގެން ފައިސާ ނުލިބުން.
  • ނުފޫޒުގަދަ ގްރޫޕުތަކުގައި ނުހިމެނޭތީ މުހިންމު ރޯލުތައް ނުލިބުން.
  • މިހާރު އިންސްޓަގްރާމް އިންފްލުއެންސަރެއްގެ ގޮތުގައި ހިތްހަމަޖެހުން ހޯދުން.

ކުރީގެ ބައެއް ފިލްމުތަކުންނާއި މިއުޒިކް ވީޑިއޯތަކުން މަޝްހޫރުކަން ހޯދި ބަތަލާ ނައުހީދު ސީރޫސީ ފިލްމީ ދާއިރާއިން މިހާރު ނުފެންނަ ސަބަބު ހާމަކޮށްފިއެވެ.

މިހާރު އިންސްޓަގްރާމް މެދުވެރިކޮށް ކޮންޓެންޓް އުފައްދާ ނައުހީދު ބުނެފައިވާ ގޮތުގައި، ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގައި އޭނާ ވަނީ ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކޮށްފައެވެ. އެގޮތުން ވަކި ކަހަލަ މަންޒަރުތަކެއް ކުޅެން އިންކާރު ކުރުމުން ފުރުސަތުތައް ގެއްލި އަދި ނައުހީދު މަސައްކަތް ނިންމި ބައެއް ފިލްމީ މަސައްކަތްތަކުން ލިބެންޖެހޭ އުޖޫރަ ނުލިބުން އޭގެތެރޭގައި ހިމެނޭކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ނައުހީދު އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނީ، މި ދާއިރާގައި މަސައްކަތް ކުރުމަށް ސޮއިކުރާ އެއްބަސްވުންތަކުގައި، ގައިގޯޅި މަންޒަރުތައް ކުޅެން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަކީ އޭނާއަށް ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ. އަދި ފިލްމުގެ ވާހަކައާ އެއްވެސް ގުޅުމެއް ނެތް ނަމަވެސް، މިފަދަ މަންޒަރުތައް ބައެއް ޕްރޮޑިއުސަރުން ސްކްރިޕްޓަތަކަށް އިތުރުކުރަމުންދާކަން ފާހަގަކުރެވުނު ކަމަށް ވެސް ނައުހީދު ވަނީ ބުނެފައެވެ.

ފިލްމު "އަންވަރު"ގެ އޯޑިއޯ ރިލީޒްކުރުމުގެ ހަފްލާގައި އެ ފިލްމުގެ އެކްޓަރު ސިދާތު ކޮއިރަލާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

"ފިލްމީ ދާއިރާގައި މަސައްކަތް ކުރަން މިއީ ރަނގަޅު ދުވަސްވަރެއް ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރާއިރު ގައިގޯޅި މަންޒަރުތައް ކުޅެން ޖެހޭނެ ކަމަށް ޝަރުތުކުރޭ. އަދި ބޭނުމެއް ނެތް ގޮތުގައި ވެސް މިފަދަ މަންޒަރުތައް މިހާރު އިތުރުކުރަމުންދޭ" ނައުހީދު ބުނެފައިވެއެވެ.

ފިލްމު "އަންވަރު"އިން ބެލުންތެރިންގެ މެދުގައި މަގުބޫލުވި ބަތަލާ ބުނީ، މިފަދަ މަންޒަރުތައް ކުޅެން އިންކާރު ކުރުމުން، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވެސް އޭނާ ބައެއް ރޯލުތަކުން ބާކީކޮށްފައި އެބަހުރި ކަމަށެވެ.

"ފިލްމު ނިމުމުން އުޖޫރައިގެ ބޮޑު ބައެއް ނުލިބި ހުރޭ. ފިލްމު ކާމިޔާބު ނުވުމާއި އެކި ކަހަލަ ބަހަނާތައް ދައްކައިގެން ފައިސާ ނުދީ ހިފަހައްޓާ. އެކަމަކު އެމީހުންނާ ދެކޮޅަށް ދައުވާ ކުރާނީ ކިހިނެއް؟" ނައުހީދު ބުނެފައިވެއެވެ.

ނައުހީދު ބުނި ގޮތުގައި އޭނާ އަކީ ދުވަހަކުވެސް ފިލްމީ ދާއިރާގެ ނުފޫޒުގަދަ ގްރޫޕުތަކުގެ ތެރޭގައި އުޅުނު މީހެއް ނޫނެވެ. އޭގެ ސަބަބުން އޭނާއަށް ލިބެނީ މާ މުހިންމު ނޫން، ކުދި ރޯލުތައް ކަމަށާއި އެފަދަ މަސައްކަތްތައް ކުރަން ބޭނުން ނުވާ ކަމަށް ނައުހީދު ބުނެފައިވެއެވެ.

ނަމަވެސް، މިހާރު އިންސްޓަގްރާމް މެދުވެރިކޮށް އިންފްލުއެންސަރެއްގެ ގޮތުގައި މަސައްކަތް ކުރުމުން ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށާއި، އޭނާގެ އަސްލު މައިދާނަކީ އެއީ ކަމަށް ނައުހީދު ގަބޫލުކުރެއެވެ.

comment ކޮމެންޓް