ރުފިޔާގެ އަގު ހިފަހައްޓަން ފެށި އޮޕަރޭޝަނުން 3 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވައިފި

އެމްއެމްއޭ: ރުފިޔާގެ އަގު ހިފަހައްޓަން ފެށި އޮޕަރޭޝަންގެ ތެރެއިން 3 ބިލިއަން ރުފިޔާ ވަނީ ދައުރުކުރުން ހުއްޓުވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރުފިޔާގެ އަގު ވެއްޓި ކަޅުބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާތީ، މަރުކަޒީ ބޭންކުން ވަނީ ފައިސާ ދައުރުވުން ކޮންޓްރޯލްކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 3 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވާފައިވާއިރު، މިއީ ކޮވިޑް 19 އާ ގުޅިގެން ޗާޕުކުރި 14 ބިލިއަން ރުފިޔާގެ ތެރެއިން ބައެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް ޑޮލަރުގެ އަގު ރަސްމީ ރޭޓަށް ތިރިކުރެވޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދިވެސް ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް އައިސްފައެއް ނުވެއެވެ.

  • މަރުކަޒީ ބޭންކުން ފެށި އޮޕަރޭޝަންގެ ދަށުން ބާޒާރުގައި ދައުރުވަމުންދިޔަ 3 ބިލިއަން ރުފިޔާ ހިފަހައްޓައިފި
  • ކަޅުބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މަތީގައި ހުންނަތާ އަހަރެއްހާ ދުވަސްވެއްޖެ
  • ފައިސާ ދައުރުވުން މަދުކުރަނީ ރިވާސް ރިޕާޗޭސް އޮޕަރޭޝަން މެދުވެރިކޮށް ސެކިއުރިޓީސް ވިއްކައިގެން
  • ކޮވިޑް 19 އާ ގުޅިގެން ޗާޕުކުރި 14 ބިލިއަން ރުފިޔާ ބާޒާރުގައި އެބަހުރި
  • 2027 ވަނަ އަހަރުގެ ނިޔަލަށް ޑޮލަރުގެ މައްސަލަ ހައްލުކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައި

ދިވެހި ރުފިޔާގެ އަގު ދަށްވަމުންދިއުން ހުއްޓުވަން މަރުކަޒީ ބޭންކް އެމްއެމްއޭއިން ފެށި އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ)ގެ ދަށުން މިހާތަނަށް ތިން ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވާފައިވާ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފިއެވެ.

ރުފިޔާގެ އަގު ވެއްޓި، ޑޮލަރެއްގެ އަގު ހުރީ ކަޅުބާޒާރުގައި 20 ރުފިޔާއިން މަތީގައެވެ. އެ އަގުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓިފައި ހުންނަތާ އަހަރެއްހާ ދުވަސްވެއްޖެއެވެ.

އެމްއެމްއޭއިން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ މީގެ ކުރިން އެކި ފަހަރު މަތިން، ޚާއްސަކޮށް ކޮވިޑް19އާ ގުޅިގެން ފައިސާ ޗާޕުކުރުމުގެ ސަބަބުން ބާޒާރުގައި އިތުރަށް ދައުރުވަމުން އަންނަ ދިވެހި ރުފިޔާތައް ދައުރުވުން ހުއްޓުވަން އޯޕަން މާކެޓް އޮޕަރޭޝަން ފަށާފައެވެ. އެ އޮޕަރޭޝަންގެ ތެރެއިން ތިން ބިލިއަން ރުފިޔާ ދައުރުވުން މިހާތަނަށް ހުއްޓުވާފައިވާ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކައެވެ.

https://sun.mv/209620

އެމްއެމްއޭގެ ހިސާބުތަކުން އެނގޭ ގޮތުގައި އެމްއެމްއޭއިން އެކި ދުވަސްވަރު މަތިން ޗާޕުކޮށްފައިވާ ފައިސާގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އެއީ، ޑޮލަރުގެ އަގު އެހާ ބޮޑަށް މަތިވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބު ކަމަށް ސަރުކާރުން މީގެ ކުރިން ވެސް ބުންޏެވެ.

ރިވާސް ރިޕާޗޭސް އޮޕަރޭޝަން ހިންގަނީ އެހެންވެ، ބޭންކިން ނިޒާމުގައި އިތުރުވާ ފައިސާ މަދުކުރާށެވެ. އެ މުއާމަލާތުގައި މަރުކަޒީ ބޭންކުން ސަރުކާރު ބޮންޑްތައް ފަދަ ސެކިއުރިޓީތައް ބޭންކުތަކާއި މާލީ މުއައްސަސާތަކަށް ވިއްކައެވެ. އެ އެސެޓްތައް ވިއްކަނީ، ވިއްކި އަދަދަށް ވުރެ އަގު ބޮޑުކޮށް ވަކި މުއްދަތެއްގެ ތެރޭގައި ގަންނަ ގޮތަށެވެ. އޭގެ ސަބަބުން ބޭންކިން ނިޒާމުގައި ދައުރުވާ އިތުރު ފައިސާ މަދުވާން މަގުފަހިވެއެވެ.

https://sun.mv/208752

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގު ހުރީ 15.42 ރުފިޔާގައި ހިފަހައްޓާފައި ނަމަވެސް، ވިޔަފާރިއާއި ބޭސް ފަރުވާއަށް ބޭރަށް ދިޔުން ފަދަ ކަންކަމަށް ދިވެހީންނަށް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހެއެވެ. ޑޮލަރުގެ އަގު އުފުލެމުން ގޮސް، މިހާރު ވަނީ 20 ރުފިޔާއިން މައްޗަށް އަރާފައެވެ. އެ އަގުގައި ހުންނަތާ އަހަރެއްހާ ދުވަސްވެއްޖެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ. އޭގެ ކުރިން ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށް ކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އެކަމަކު، އަދިވެސް ޑޮލަރުގެ އަގު ދަށްވާ މަންޒަރެއް ނުފެނެއެވެ.

comment ކޮމެންޓް