ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފެންމަތިވެފައިވާ, ސްރީލަންކަން އެއާލައިންސްގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ކަޕިލަ ޗަންދްރަސޭނާ، ކޮލަމްބޯގެ ކޮލުޕިޓިޔާ (ކޮލްޕެޓީ) ގައި ހުންނަ އޭނާގެ ގޭގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.
ސްރީލަންކާގެ ފުލުހުންގެ މީޑިއާ ސްޕޯކްސްމަން އޭއެސްޕީ އެފް.ޔޫ. ވޫޓްލާ ވިދާޅުވި ގޮތުގައި، އުމުރުން 60 އަހަރުގެ ކަޕިލަ ޗަންދްރަސޭނާގެ ހަށިގަނޑު ފެނިފައިވަނީ ކޮލުޕިޓިޔާގެ ފަސް ވަނަ ލޭންގައި ހުންނަ 38 ނަންބަރު ޕެޑްރިސް ޕްލޭސް ގޭގެ ތެރެއިންނެވެ.
ލަންކާ ފުލުހުން މިހާރު ދަނީ މިއީ އަމިއްލައަށް މަރުވި މައްސަލައެއް ކަމަށް ބަލައި، މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އޭނާ މަރުވެފައި އޮއްވާ ފެނިފައިމިވަނީ، ސްރީލަންކާގެ ތާރީޚުގައި ހިނގާފައިވާ އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެއާބަސް ކުންފުނިން ބޯޓު ގަތުމުގެ މައްސަލައިގެ ތަހުގީގު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ސްރީލަންކަން އެއާލައިންސްގެ ބޯޓެއް އައްޑޫގައި -- ސަން ފޮޓޯ/ މާހިލް މުހައްމަދު
ކަޕިލަ ޗަންދްރަސޭނާ މަރުވެފައި މިވަނީ، ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައި ވަނިކޮށް، ކަފާލާތުގެ ޝަރުތުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ، އޭނާ އަލުން ހައްޔަރުކުރުމަށް ކޮލަމްބޯ ޗީފް މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނިކޮށެވެ.
ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް އަސަންގަ އެސް. ބޮދަރަގަމަ މި އަމުރު ނެރުއްވީ، ސްރީލަންކާގެ ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސިއަބޮކް) އިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސިއަބޮކް އިން ކޯޓުގައި ބުނެފައިވަނީ، ކަޕިލަ ޗަންދްރަސޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޖާމިނުވި ދެ މީހުންނަކީ އެކަމަށް ޝަރުޠު ހަމަނުވާ ދެ މީހުން ކަމަށާއި، އެއިން ކޮންމެ މީހަކަށް 15،000 ރުޕީސް ދީގެން ކޯޓަށް ހާޒިރުކޮށްފައިވާ ބައެއް ކަމަށެވެ.
ކަޕިލަ ޗަންދްރަސޭނާ ދޫކޮށްލާފައިވަނީ 500،000 ރުޕީސްގެ ނަގުދު ކަފާލާތަކާއި، އެއް މިލިއަން ރުޕީސްގެ ތިން ޖާމިނުވުމެއްގެ މައްޗަށެވެ. ނަމަވެސް، މި މައްސަލައިގައި ޖާމިނުވި ދެ މީހުން ކަމަށްވާ މުޙައްމަދު ރިޒްވާން އަދި މުޙައްމަދު އިރުޝާދު ވަނީ މެއި 13 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފައެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ މި ދެ މީހުންނަކީ ކަޕިލަ ޗަންދްރަސޭނާއާ އެއްވެސް ގުޅުމެއް ނެތް، އަދި މާލީ ގޮތުން އެފަދަ ޒިންމާއެއް ނެގޭވަރުގެ ގާބިލުކަން ނެތް ދެ މީހުން ކަމަށެވެ.
ކަޕިލަ ޗަންދްރަސޭނާއަކީ 2015 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް ސްރީލަންކަން އެއާލައިންސްގެ ސީއީއޯގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އިންޖިނިއަރިން ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވައިގެން ހުންނެވި ކަޕިލަ ޗަންދްރަސޭނާ ވަނީ އޭގެ ކުރިން މިހިން ލަންކާ އަދި މޮބިޓެލްގެ ސީއީއޯކަންވެސް ކުރައްވާފައެވެ. މީގެ އިތުރުން ސްރީލަންކާ ޓެލެކޮމްގެ ޗީފް މާކެޓިން އޮފިސަރުގެ މަގާމުވެސް އޭނާ ފުރުއްވިއެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ 2013 ވަނަ އަހަރު ސްރީލަންކަން އެއާލައިންސްއަށް 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި 10 އެއާބަސް ބޯޓު ގަތުމުގެ މުޢާމަލާތުގެ ތެރެއިން ދެ މިލިއަން އެމެރިކާ ޑޮލަރުގެ ރިޝްވަތު ނެގި ކަމަށެވެ. އެއާބަސް ކުންފުނިން 2020 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކޯޓެއްގައި ވަނީ، ސްރީލަންކާ ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ގައުމުތަކަށް ބޯޓު ވިއްކުމުގައި ރިޝްވަތު ދީފައިވާކަމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމާ ގުޅިގެން ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ފެށި ތަހުގީގުގައި، ކަޕިލަ ޗަންދްރަސޭނާގެ މައްޗަށް 16 މިލިއަން ޑޮލަރުގެ ރިޝްވަތު ނެގުމަށް ރާވައި، އޭގެ ތެރެއިން ދެ މިލިއަން ޑޮލަރު (1.45 މިލިއަން ޔޫރޯ) ނަގާފައިވާކަން ވަނީ ހާމަވެފައެވެ.
ތަހުގީގުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މި ފައިސާ ޖަމާކޮށްފައިވަނީ އޭނާގެ އަނބިކަނބަލުންގެ ނަމުގައި ބުރުނާއީގައި ހަދާފައިވާ ކުންފުންޏެއް މެދުވެރިކޮށް ސިންގަޕޫރުގެ ބޭންކް އެކައުންޓަކަށެވެ. މި މައްސަލައިގައި އޭނާ އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. މީގެ ކުރިން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުވެސް މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާކޮށް، ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ ބައެއްގެ ބަޔާން ނަގަމުންނެވެ. ކަޕިލަ ޗަންދްރަސޭނާ މަރުވުމުގެ ކުރިން ވަނީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ބަހާފައިވާ ގޮތުގެ ތަފްސީލުތައް ތަހުގީގަށް ދީފައެވެ.
މި މައްސަލައާ ގުޅިގެން ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި ކުރީގެ އޭވިއޭޝަން މިނިސްޓަރު ޕްރިޔަންކަރަ ޖަޔަރަތުނަ އަދި ވިލީ ގަމަގޭ ފަދަ ބޭފުޅުން މެއި 12 ވަނަ ދުވަހު ސިއަބޮކްއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
ލަންކާ ފުލުހުން މިހާރު ދަނީ ކަޕިލަ ޗަންދްރަސޭނާގެ މަރުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ. ކަފާލާތުގެ ކަންކަން ހަމަޖެއްސުމުގައި ގްރާމަ ނިލަދާރީ ސެޓްފިކެޓްތައް ހޯދާފައިވާ ގޮތް ބެލުމަށްވެސް ކޯޓުން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ. ކަޕިލަ ޗަންދްރަސޭނާގެ މަރާއެކު، މި މައްސަލައިގައި ދެން ތިބި ފަރާތްތަކުގެ މައްޗަށް ހިންގޭ ތަހުގީގު އިތުރަށް ހަރުދަނާކުރުމަށް ސިއަބޮކް އިން ވަނީ ނިންމާފައެވެ.
އޭނާ ދީފައިވާ ބަޔާންތަކުގެ އަލީގައި، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިތުރު ބަޔަކު ހައްޔަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.