އަންނަ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށް، ރާއްޖޭގެ ވެރިކަމުގެ ދެވަނަ ދައުރު ކަށަވަރުކުރައްވާ ފުރަތަމަ ރައީސަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުالله މިރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ ކައުންސިލު އިންތިޚާބުގައި އއ. ހިމަންދޫން ފުރިހަމަ އަޣުލަބިއްޔަތު ޕީއެންސީއަށް ލިބުމުން އެކަމުގެ އުފާފާޅުކުރުމަށް ބޭއްވި ހަރުގެ ޖަލްސާގައި ޢަބްދުއްރަޙީމް ވިދާޅުވީ، މިއީ ޕީއެންސީ މެންބަރުން މާޔޫސްވާންވީ ވަގުތެއް ނޫން ކަމަށާއި، މިއީ އެ ޕާޓީގެ މެންބަރުން އުންމީދު އާ ކޮށް ހިތްވަރާއެކު ނުކުންނަންވީ ވަގުތު ކަމަށެވެ.
"2028، ރައީސް މުޢިއްޒާއެކީގަ ކާމިޔާބުކުރަން އަޒުމް އައުކޮށް ކަމަރު ބަންނަންވީ ވަގުތޭ މިއީ، މަގުތައް މަތިންނާއި ކަންކަން މަތިން ދައްކާ ވާހަކައަށް ހެއްލެންވީ ވަގުތެއްނޫނޭ މިއީ، އެ ވާހަކަތަކަށް އަޅުގަނޑުމެން ރައްދުދޭނީ އަމަލާއި ބަހުންނޭ، ނަތީޖާ ނެރެގެންނޭ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީއެންސީގެ ފިކުރަކީ ސުލްހަމަސަލަސްކަމާއި އެއްބައިވަންތަކަމާއި ތަރައްގީގެ ފިކުރު ކަމަށް ވިދާޅުވެ، ޢަބްދުއްރަޙީމް ވިދާޅުވީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމާއި އެމްޑީޕީގެ ދެ ސަރުކާރުގެ ވެރިކަމާއި މި ސަރުކާރުން އަޅާ ކިއުމުން ތަފާތުތައް ފެންނާނެ ކަމަށެވެ.
ކައުންސިލު އިންތިޚާބުގެ ނަތީޖާއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވިގޮތުގައި، ޕީއެންސީއަކީ ވޯޓުން ބަލިވިޔަސް، ރައްޔިތުންގެ ނިންމުން ބަލައިގަނެ، ކުރިއަށް ދިއުމުގެ ހިތްވަރު އޮތް ޕާޓީއެކެވެ.
"އަޅުގަނޑުމެންނަކީ ވޯޓުން ބަލިވީމަ ކޯޓުން ނަތީޖާ ނެރޭ ބައެއްނޫން، އަޅުގަނޑުމެންނަކީ ރައްޔިތުންގެ ނިންމުން ބަލައިގަނެ، އެއަށް އިހުތިރާމުކޮށް، ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ ރޫހާ އެއްގޮތަށް ކުރިއަށް އޮތް ތަން ރާވަން އެނގޭ، ރާވަން ކެރޭ، އެ ހިތްވަރު އޮތް، އެ ހިތްވަރުހުރި ފިކުރެއްގެ ތެރެއިން އައިސް ތިބި ބައެއް،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އެއާއެކު، ޢަބްދުއްރަޙީމް ވަނީ، ރައްޔިތުން ރައީސާއެކީ ސާބިތުވެ ތިބުމަށާއި، 2028ވަނަ އަހަރު ރައީސަށް ކާމިޔާބުކޮށްދޭން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ގައުމު އިތުރަށް ހަލަބޮލިކުރަން ޖާގަ ނުދިނުމަށްވެސް ޢަބްދުއްރަޙީމް ވަނީ އެދިވަޑައިގެންފައެވެ.
ޕީއެންސީއަކީ އެއްބައިވަންތަ، ސުލްހަވެރި، އަދި ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ، އިިދިކޮޅުން ޕީއެންސީ ބައިބައިކުރަން މަސައްކަތްކުރާނެ ކަމަށެވެ. އެއާއެކު އިދިކޮޅަށް ނަސޭހަތްތެރިވެވަޑައިގަތުމަށްފަހު، ފާޑުވެސް ވިދާޅުވިއެވެ.
"ސިޔާސީ ވާދަވެރިކަމަކީ ޒާތީ ހަސަދަވެރިކަމަކަށް ނަހައްދަވާށޭ، ސިޔާސީ ވާދަވެރިން ކިޔަންވާނީ ބިނާކުރުވަނިވި ފާޑުކިއުން، ބިނާކުރުވަނިވި ފާޑުކިއުމަށް އަޅުގަނޑުމެން މަރުހަބާ ކިޔާނަން، އެކަމަކު ޒާތީ ޖަދަލުކުރުމަކަށް އަޅުގަނޑުމެން މަރުހަބާއެއް ނުކިޔާނަން، ޒާތީ ޖަދަލުކުރަންޏާ އަޅުގަނޑުމެންވެސް ކުރާނީ ޖަދަލު،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މާޒީން އިބުރަތް ހާސިލްކޮށް، ރާއްޖޭގެ މުސްތަގުބަލު ބިނާކުރެވޭނީ ޕީއެންސީއަށް ކަމަށާއި، އެކަން ކުރަން ކެރިވަޑައިގަންނަވަނީ ރައީސް މުޢިއްޒަށް ކަމަށް ވިދާޅުވެ، ޢަބްދުއްރަޙީމް ވަނީ، އަންނަ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރައްވާނީ ރައީސް މުޢިއްޒު ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އިންތިޚާބު ކާމިޔާބުކުރައްވާނީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ހޯދައިގެން ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ދެވަނަ ދައުރަށް މި ނިޒާމުގެ ދަށުން ވެރިކަންކުރާ ފުރަތަމަ ވެރިއަކަށް ވާނީ الله ތަޢާލާގެ ހެޔޮ ރަހުމަތްފުޅާއެކީގަ މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު،" އެމަނިކުފާނު ވިދާޅުވިއެވެ.