ނަމާދުން ލިބޭ ރަޙުމަތުގެ ފިލާވަޅުތައް (2)

މާތް الله ގެ އަޅުންނަކީ މަޑުމައިތިރިކަމާއެކު އުޅޭ އަދި ނަމާދުގެ ޒަރީއާއިން ރަޙުމަތާއި ކުލުނު ފަތުރާ ބައެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އަންގަވާފައިވަނީ ސުންނަތް ނަމާދުތައް ގޭގައި ކުރުމަށެވެ. މީގެ ސަބަބުން ގޭތެރޭގައި ރޫޙާނީ ދިރުން އުފެދި، ޢާއިލީ ގުޅުންތައް ބަދަހިވެ، ކުޑަކުދިންނަށް ލޯތްބާއި އޯގާތެރިކަން އިޙުސާސްކުރެވެއެވެ. ނަމާދުގައި ކުޑަކުދިން އުރައިގެން އުޅުއްވުމާއި، ސަޖިދައިގައި އޮންނަވާއިރު ކުދިން ކުޅެން ދޫކޮށްލެއްވުމުން އެނގެނީ ނަމާދަކީ އޯގާތެރިކަމުގެ ފުރިހަމަ ނަމޫނާއެއް ކަމެވެ.

  • ސުންނަތް ނަމާދުތައް ގޭގައި ކުރުމަށް ބާރުއެޅުއްވުން.
  • ގޭގައި ނަމާދުކުރުމުން ޢާއިލީ ގުޅުމާއި ލޯބި އިތުރުވުން.
  • ނަމާދުގެ ތެރެއިން ކުޑަކުދިންނަށް އޯގާތެރިކަން ދެއްކުން.
  • ނަމާދަކީ މުޖުތަމަޢުގައި ރަޙުމަތް ފަތުރާ ވަސީލަތެއްކަން.

މާތް ﷲ، ނަމާދުކުރާ މީހުން ސިފަކުރައްވައިފައި ވަނީ ރަޙުމާނުވަންތަ އިލާހުގެ އަޅުންގެ ގޮތުގައެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ‎﴿وَعِبَادُ الرَّحْمَـٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا﴾ (الفرقان: ٦٣)‏ މާނައީ: "ރަޙުމާނުވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާ އެކު ބިމުގައި ހިނގައިއުޅޭ މީހުންނެވެ. އަދި އެއުރެންނާ ޖާހިލުން މުޚާޠަބުކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން 'ސަލާމް' އޭ ބުނެތެވެ." މި އާޔަތުގައި ﷲ އެ އަންގަވަނީ ނަމާދުކޮށް އަޅުކަންކޮށް އުޅޭ މީހުންނަކީ ރަޙުމާނުވަންތަ އިލާހުގެ އަޅުންކަމެވެ. އެބައިމީހުންގެ ދެން ހުރި ސިފަތަކަކީ ވެސް އެހެން މީހުންނާމެދު އޯގާތެރިވެ ކުލުނުވެރިކަމާއި އޯގާވެރިކަން ފެތުރުމުގެ ސިފަތަކެވެ. މި އާޔަތުގައި ވެސް އެ އަނގަވަނީ ޖާހިލަކު އެބައިމީހުންނާ ޖަދަލުގެ މަގުން މުޚާޠަބުކޮށްފިއްޔާ ޒުވާބު ނުކޮށް ސަލާމޭ ބުނެ ޖަދަލު ކުރިޔަށް ނުގެންދާނެއެވެ.

އަޅުގަނޑުމެން ކުރާ ނަމާދުގެ ބައެއް ގެއަށް ދިނުމަށް ވެސް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އިރުޝާދު ދެއްވިއެވެ. އެކަލޭގެފާނު ބާރުއެޅުއްވީ ފަރުޟު ނަމާދުތަކާ ގުޅިފައިހުރި ސުންނަތް ނަމާދުތައް ގޭގައި ކުރުމެވެ. ޙަދީޘްކުރެއްވިއެވެ. «اجعَلوا في بُيوتِكُم مِن صَلاتِكُم ولا تَتَّخِذوها قُبورًا.» (صحيح البخاري: 432) މާނައީ: "ތިޔަބައިމީހުންގެ ގެތައް ޤަބުރުސްތާނަށް ނުހަދާށެވެ! ނަމާދުން ބައެއް ގެއަށް ވެސް ގެންދާށެވެ! (އެބަހީ؛ ސުންނަތް ނަމާދު ގޭގެއި ކުރާށެވެ.)

ގޯތިގެދޮރު ޤަބުރުސްތާނަށް ނުހެދުކަމީ އެ ގެތަކުގައި ނަމާދުކުރުން ކަމުގައި އެންގެވުމުން ދޭހަވާ ކަމަކީ ގޭގެ އަހުލުވެރިންނަށް ބަހައްޓަންވީ ކުލުނުވެރިކަމާއި ލޯތްބެވެ. އެއީ ރޫޙާނީ ފައިދާއާއި މާއްދީ ފައިދާ ވެސް އޭގައި އެކުލެވޭ ކަމެކެވެ. އަދި އޭގެ އިތުރަށް ޢާއިލީ ފައިދާ ވެސް ވަރަށް މަތީ ދަރަޖައަކަށް އޭގައި އެކުލެވެއެވެ. ގޭގައި ނަމާދުކުރަން އާދަކުރާ ބައްޕައަކީ ގިނަ ވަގުތު ދަރިންނާ ދުރުގައި އުޅޭ މީހެއް ކަމުގެ އިޙުސާސް އެ ކުދިންނަކަށް ނުކުރެވޭނެއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެ ކުދިންނަ ބައްދަލުވާނެއެވެ. އެ ކުދިންގެ މަންމައާ ބައްދަލުވާނެއެވެ. އޭގެ ސަބަބުން ޢާއިލީ ގުޅުން ރަނގަޅުވެ ބަދަހިވެއެވެ. އަދި ލޯބިވެތިކަން ހިތުގެ އެންމެ ފުންމިނުން އިޙުސާސް ކުރެވޭނެއެވެ. ކިޔަމަންތެރިކަމާއި އަޅާލުމުގެ އިޙުސާސްތައް ދެފަރާތައް ބަދަލުކުރެވިގެން ދާނެއެވެ.

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ގަނޑުވަރުކޮޅުގައި ނަމާދުކުރައްވާއިރު، އެކަލޭގެފާނު ސަޖިދައިގައި އޮންނަވާއިރު ކާފަދަރިކަލުން ޙުސައިނުގެފާނާއި ޙަސަންގެފާނު ވަޑައިގެން ކޮނޑުފުޅަށް އަރުއްވައި ކުޅުއްވާ އުޅުއްވައެވެ. އެ ކުދިން އެ ގޮތަށް ކަންތައް ކުރެއްވުމުން ކޯފާ އިސްނުކުރައްވައެވެ. އަދި އެ ކުދިން އަމިއްލައަށް ފައިބަންދެން ސަޖިދައިން ތެދުވެވަޑައިނުގެން އޮންނަވައެވެ. މި ކަމުން އެނގެނީ އެކަލޭގެފާނު ނަމާދުގައި ހުންނަވާއިރު ވެސް އޯގާވެރިކަން އިސްކުރައްވާ ކަމެވެ. އަދި ރަޙުމަތްފުޅު އިތުރުކުރައްވާ ކަމެވެ. އެ ކުދިންގެ ހިތްތަކުގައި ކާފާފުޅަށް އޮންނަ ލޯބި އިތުރުކުރެއްވުމަށް ވަގުތު ދެއްވާކަމެވެ.

ނަމާދުގައި ކުޑަކުދިން އުރައިގެން ތިބުމުގެ ނަމޫނާ އެކަލޭގެފާނު ވަނީ ދައްކަވައިފައެވެ. މީގެން އެނގެނީ ކުޑަކުދިން އެކަނި އުޅެން ދޫކޮށްލާފައި ނަމާދަށް އެރަން ނުޖެހޭކަމެވެ. އެ ކުދިން ރޮއްވައިފައި ވެސް ނަމާދަށް އަރަން ނުވާނެކަމެވެ. އެހެނެއް ކަމަކު ނަމާދުގެ ތެރެއިން ރަޙުމަތާއި އޯގާތެރިކަން އިތުރުވާނެ ގޮތަށް ޢަމަލުކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވައިފައި ވާކަން މި މިސާލުން ވަރަށް ރަނގަޅަށް އެނގެއެވެ.

ކުދިން އުރައިގެން ނަމާދުކުރާނެ ގޮތުގެ ފުރިހަމަ ނަމޫނާ އެކަލޭގެފާނު ވަނީ ޢަމަލީ ގޮތުން ދައްކަވައިފައެވެ. އަބޫ ޤަތާދާ އަލް އަންޞާރީ ވިދާޅުވިއެވެ. «أنَّ رَسولَ اللهِ صلَّى اللهُ عليه وسلَّم كان يُصَلِّي وهو حامِلٌ أُمامةَ بنتَ زَينَبَ بنتِ رَسولِ اللهِ صلَّى اللهُ عليه وسلَّم، ولِأبي العاصِ بنِ رَبيعةَ بنِ عبدِ شَمسٍ، فإذا سَجَدَ وضَعَها، وإذا قامَ حَمَلَها.» (مسلم: 543) މާނައީ: "އިތުރު އެކަލޭގެފާނުގެ ދަރިކަނބަލުން ޒައިނަބުގެ ދަރިކަނބަލުން އުމާމާ އުރުއްވައިގެން ނަމާދުކުރައްވަން ހުއްޓާ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެކަލޭގެފާނު ސަޖިއަށް ވަޑައިގަންނަމުން އެ ކުއްޖާ ބާއްވަވައެވެ. އަދި ސަޖިދައިން ތެދުވެވަޑައިގަންނަމުން އެ ކުއްޖާ އަލުން އުރުއްވައެވެ." މިއީ ނަމާދުގައި އޯގާތެރިވުމުގެ ވަރަށް ފުރިހަމަ ނަމޫނާއެކެވެ. ގޭތެރޭގެ އަހުލުންނަށް ވެދެވޭ އެހީއެއް ވެސް މެއެވެ. ކުދިން ނަމާދުގެތެރޭ ގެންގުޅެގެން ބޮޑުކުރުމަށް ވެސް ދެވޭ ތަރުބިއްޔަތެކެވެ.

މި ހުރިހާ ކަމަކުން އެނގެނީ ނަމާދަކީ އޭގެ ޒާތުގައި ވެސް ރަޙުމަތާއި އޯގާވެރިކަން ފަތުރާ ވަޞީލަތެއް ކަމެވެ. އެއީ ﷲއާ އަޅާއާ ދެމެދު އޮންނަ ކުލުނުވެރިކަމާއި މުޖްތަމަޢުގެ ހުރިހާ މުސްލިމުން އެކަކު އަކެކަކާމެދު ރަޙުމުކުރުމާއި ޢާއިލާތަކުގެ ތެރޭ ރަޙުމަތާއި ލޯބި އިތުރު ކުރުމާއި ދޭދޭ ފަރުދުންގެ މެދުގައި ވެސް އެ ކަން ޤާއިމުވުމާއި އަމިއްލަ ނަފުސައް ވެސް ރަޙުމުކޮށް އޯގާވެރި ވުމުގެ ފުލް ޕެކޭޖެކެވެ.

comment ކޮމެންޓް