ތައުލީމީ މުއައްސަސާތަކަކީ އިޖުތިމާއީ ތަފާތުކުރުންތައް ނައްތާލައި، ކޮންމެ ކުއްޖަކީ ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންވާ ކުއްޖެއްކަން އިހުސާސްކޮށްދޭންޖެހޭ ބިނާތަކެކެވެ.
ނަމަވެސް، ހަގީގަތަކީ މިއަދު ސްކޫލްތަކުގެ ކުޅިވަރު ހަރަކާތްތައް މިވަނީ ކޮމާޝަލް 'ޕެކޭޖު'ތަކަކަށް ބަދަލުވެފައިވާ ކަމެވެ. ސްކޫލުގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ކުޅިވަރު އެކަޑަމީތަކުން ކަނޑައަޅާފައިވާ މޮނޮޕޮލީގެ ސަބަބުން، ނިކަމެތި އާއިލާތަކުގެ ހުނަރުވެރި ކުދިން ތިބީ ބާކީވެފައެވެ.
މި ނިޒާމުގެ ތެރެއިން އުފެދޭ ފަރަގަކީ ކުދިންގެ ނަފުސާނީ އިތުބާރު ގެއްލި، މުޖުތަމައުގެ މެދުގައި އޮންނަންޖެހޭ ގުޅުން ހީނަރުކުރުވާ ކަމެކެވެ. މިއީ މިއަދު އަޅުގަނޑުމެން ފުންކޮށް ވިސްނާލަންޖެހޭ، ތައުލީމީ ނިޒާމުގެ ތެރެއިން ފެންނަން އޮތް ބޮޑު ގޯހެކެވެ.
ފައިސާވެރިން ކުރިއަށް، ހުނަރުވެރިން ފަހަތަށް!
ޒަމާނުއްސުރެ ރާއްޖޭގެ ސްކޫލުތަކަކީ ހުނަރުވެރި ކުޅުންތެރިން އުފައްދާ މައި ފެކްޓްރީތަކެވެ. އެ ދުވަހު އޮތީ 'ސްޕޯޓްސް ފޯރ އޯލް'އެވެ. އެކަމަކު މިއަދު އެ ފެކްޓްރީގެ އުފެއްދުންތަކަށް ވުރެ ބޮޑަށް ބެލެނީ އެ ފެކްޓްރީން ލިބޭ ފައިދާއަށެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ދަށުން ހިންގާ ބައެއް ސަރުކާރު ސްކޫލްތަކުން 'އެންޑޯޒް' ކޮށްފައިވާ އެކަޑަމީތަކަށް ސްކޫލުގެ ދަނޑާއި ވަސީލަތްތަކުގެ ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ ނިކަމެތި އާއިލާތަކުގެ ދަރިންނަށް ދެވޭ 'ރަތް ކާޑެއް' ފަދަ ކަމެކެވެ.
ސްކޫލުގެ ކުޅިވަރު ޓީމެއްގައި ހިމެނުމަކީ ކޮންމެ ދަރިވަރަކަށް ވެސް ލިބޭ ފަޚުރެކެވެ. އެކަމަކު، މިއަދު އެ ފަޚުރު މިވަނީ ގަނެވޭ އެއްޗަކަށް ވެފައެވެ. އަދި، އެ ތަޅު ހުޅުވޭނެ ތަޅުދަނޑިއަކީ 'މަހު ފީ' ކަމަށް ހަދާފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާ އެކު ސްކޫލު ގޯތިތެރޭގައި ހިންގާ އެކަޑަމީތަކުގެ ސަބަބުން، ސްކޫލުން ބޭރުގައި ތަމްރީނުވާ ކުދިންނާއި އެކަޑަމީއަކަށް ގެންދާނެ ފައިސާ ނެތް ބެލެނިވެރިން ތިބީ މާޔޫސްކަމެއްގެ ތެރޭގައެވެ.
މިއަދު ސްކޫލު ޓީމުތަކުގެ ސެލެކްޝަން އޮންނަނީ ކުޅިބަލާ މީހުންގެ ލޮލަށް އޮޅުވާލާ ފަދަ އުސޫލަކުންނެވެ. ސްކޫލް ތެރޭގައި ހިންގާ ފީ ނަގާ އެކަޑަމީތަކަށް ފައިސާ ދައްކާ ކުދިންނަށް 'ޕްރިއޮރިޓީ' ދޭއިރު، އެއަށްވުރެ މާ ހުނަރުވެރި ކުދިން ތިބީ ފުރުސަތެއްގެ އިންތިޒާރުގައި ބާކީވެފައެވެ.
މިއީ ކުޅިވަރުގެ އިންސާފުގެ ތިލަފަތް ފައިސާގެ ބުރަދަނަށް ބަދަލުވެފައިވާކަމުގެ ހިތްދަތި ހަގީގަތެކެވެ.
ބެލެނިވެރިންގެ އާދޭސް: "ހަމަހަމަ ފުރުސަތުތަކެއް ގާއިމުކޮށްދީ"
ކުޅިވަރުގެ މައިދާނަކީ ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމާއި އިތުބާރު ބިނާކޮށްދޭން އޮތް ތަނެކެވެ. ނަމަވެސް، މިއަދު ސްކޫލުގެ ގޯތިތެރެއިން ފެންނަނީ ކުދިންގެ ހިތްތައް މަރުވަމުންދާ މަންޒަރެވެ.
މިކަން ސާފުކުރަން ''ސަން''އިން ވަނީ މާލޭ ސަރަހައްދުގެ ބައެއް ސްކޫލުތަކުގެ ބެލެނިވެރިންނާ ވާހަކަދައްކާފައެވެ. އެ ބެލެނިވެރިން ވެސް ވަނީ މިއީ ސްކޫލުތަކުގެ އިސްވެރިންނާއި ބައެއް އެކަޑަމީ ގުޅިގެން ހިންގާ ކަމެއް ކަމަށެވެ. އަދި، އެ ވާހަކަތައް ދެކެވޭ ވަކި ހިސާބަކުން އެ އެކަޑަމީގެ އިސްވެރިން ސީދާ ބެލެނިވެރިޔާއަށް މެސެޖުކޮށް ވަކި އެކަޑަމީއަކަށް ވައްދަން ބާރުއަޅާ ކަމަށެވެ.
''އަހަރެންގެ ދަރިފުޅު ފުރަތަމަ މި ގެންގުޅުނީ އެހެން އެކަޑަމީއެއްގައި، އެކަމަކު ސްކޫލުން ތައްޔާރުކުރާ ޓީމު އެ މުބާރާތަށް ތައްޔާރުކޮށްދެނީ ވަކި އެކަޑަމީއެއް ވީމާ ބުނީ އެ އެކަޑަމީއާ ގުޅެން، އެގޮތަށް މަޖުބޫރުކޮށްގެން މިކަން މި ކުރަނީ. ފުރަތަމަ އެ އެކަޑަމީއަށް މުބާރާތް ނިމެންދެން ހިލޭ، އެކަމަކު މުބާރާތް ނިމުނީމަ މި ޖެހެނީ އެއްކަލަ އަގުބޮޑުކޮށް ޖާރޒީ ގަނެގެން މަހުފީ ދައްކަން، މިއީ ހަމަޖެހޭ އަދި އިންސާފުވެރި އުސޫލެއް ނޫން،" ކަންބޮޑުވުން ފާޅުކޮށް ބެލެނިވެރިއަކު ބުންޏެވެ.
ފައިސާ ދެއްކޭ ކުދިންނަށް 'ވީއައިޕީ' ޚިދުމަތް ލިބި، ފައިސާ ނުދެއްކޭ ކުދިން ބާކީވުމަކީ އެ ކުދިންގެ ނަފުސަށް ދެވޭ ބޮޑު އަނިޔާއެކެވެ. މިފަދަ ތަފާތުކުރުންތަކުގެ ސަބަބުން ކުދިންގެ މެދުގައި 'އަހަރެންނަކީ ދެރަ ކުއްޖެއް'ކަމުގެ އިހުސާސް އުފެދި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު މުޅިން ގެއްލިގެންދެއެވެ.
އެހެން ކުދިންނާ އެއްވަރު ނުވެވުމުގެ ހިތްދަތިކަމުގައި ސްކޫލަށް ދާން ބޭނުންނުވުމާއި، އެކަހެރިވުން ފަދަ ނުރައްކާތެރި ނަފުސާނީ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިއީ ސްކޫލުތަކުން ދައްކަން ބޭނުންވާ ވާހައަކަށް ނުވި ނަމަވެސް އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން ވަނީ ފާޅުކޮށްފައެވެ.
''ކޮންމެ ކޮންމެ މީހަކަށް މަހަކު 500 ރުފިޔާ ދީގެންނާ އެކަޑަމީ ޓީޝާޓު ގަންނަން އިތުރު ރުފިޔާ ދިނުމަކީ ވާނެކަމެއް ނޫން. އަހަރެންގެ ދަރިފުޅު ސްކޫލުގެ އެ މުބާރާތަށް ގެންދިއުން ހުއްޓާލީ މަޖުބޫރުވެގެން، ބުނާކަށް ނުކެރޭނެދޯ އެހެން ކުދިންގެ ބެލެނިވެރިން ކައިރި، ޓީޗަރު ކައިރި މި ވާޙަކަ ބުނީމަ ބުނީ އިތުރު ގޮތެއް ނެތްކަމަށް. ނުވިތާކަށް ދަރިއަށް ގަންނާނެ ބޫޓެއް އިސްޓާކީނެއް ގަންނާނެ ރުފިޔާ ވެސް ނެތް. ހަމަހަމަ ފުރުސަތެއް އެބަޖެހޭ ސްކޫލުތަކުން ގާއިމުކޮށްދޭން،'' އިތުރު ބެލެނިވެރިއަކު ބުންޏެވެ.
ކުޅިވަރުގެ ނަމުގައި ހިންގާ މި 'ވިޔަފާރި' އުސޫލަކީ އަޅުގަނޑުމެންގެ ޅަދަރިންގެ މާދަމާ ހަލާކުކޮށްލާ ބޮޑު ނުރައްކަލެކެވެ. މިއީ އިގުތިސާދީ ފަރަގަކަށްވުރެ ބޮޑަށް، މުޖުތަމައުގެ ބަދަހިކަން ރޫޅާލާނެ 'ސައިލެންޓް ކިލަރ'އެކެވެ.
އެކްޝަން ޕްލޭން ކޮބާ؟
މި ސަރުކާރުން ވެރިކަމުގެ ހުވާކުރީ ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެކަމުގެ ފޮނި އުންމީދުތަކާ އެކުގައެވެ.
'ނޭޝަނަލް ސްޕޯޓްސް ފްރޭމްވޯކް' ނުވަތަ ކުޅިވަރުގެ ދިގު މުއްދަތުގެ ޕްލޭނަކީ މި ސަރުކާރުން އެކުލަވާލަން ފަށާފައިވާ ބޮޑު ޕްލޭނެކެވެ. މި ޕްލޭނު އެކުލަވާލުމުގެ ތެރޭގައި ކޮންމެ ކުއްޖަކަށް ފުރުސަތު ހޯދައިދޭނެކަމުގެ ވާހަކަތައް ވައިގައި ހިފާފައި ހުރި ނަމަވެސް، މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
އެކްޝަން ޕްލޭންގެ ކުލަވަރެއް ނެތްތާ، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ސްޕޯޓްސްއާ ދެމެދު އޮންނަންޖެހޭ 'ކަނެކްޝަން' މިއަދު މިވަނީ ބުރިވެފައެވެ. މި އިދާރީ ހީނަރުކަމުގެ ނަތީޖާއަކީ، ސްކޫލުތަކުގެ ގޯތިތެރެއަކީ ވިޔަފާރި ކުންފުނިތަކުގެ 'ޝޯރޫމް'ތަކަކަށް ބަދަލުވުމެވެ. ކުޅިވަރަކީ ހަމައެކަނި ތަނަވަސް އާއިލާތަކުގެ 'ލަގްޒަރީ'އަކަށް ވެގެން ނުވާނެއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތަކީ ވިޔަފާރިވެރިންނަށް ކުދިން 'ވިއްކުން' ނޫން ކަމާއި، ކޮންމެ ދަރިވަރަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުންކަން ހަނދާންކޮށްދޭން ޖެހެއެވެ. ނިކަމެތި އާއިލާތަކުގެ ދަރިންގެ ހުވަފެންތަކުގައި ފައިސާގެ ބޮޑު ތަޅު އަޅުވައި، އެ ކުދިންގެ މުސްތަގުބަލު ކަތިލުމަކީ ތައުލީމީ ނިޒާމަށް އައިސްފައިވާ ބޮޑު ފޭލިވުމެކެވެ.
ކުޅިވަރަކީ ހަމައެކަނި ތަނަވަސް މީހުންނަށް އޮތް ފުރުސަތަކަށް ވެގެން ނުވާނެއެވެ. ސަރުކާރުގެ ސްކޫލްތަކަކީ ވިޔަފާރި ކުންފުނިތަކުގެ ގޮފިތަކަކަށް ބަދަލުވިޔަ ނުދީ، ކޮންމެ ކުއްޖަކަށް ވެސް ހަމަހަމަކަމާ އެކު ކުޅިވަރުގައި ބައިވެރިވެވޭނެ ނިޒާމެއް ގާއިމުކުރުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާއެކެވެ. ނިކަމެތި ކުދިންގެ ހުވަފެންތަކުގައި ފައިސާގެ ތަޅު ނާޅުވާށެވެ.