ބައިނަލްއަޤްވާމީ މައިދާނުގައި ހޯދި 11 ވަނަ ރަން މެޑަލްއާއެކު ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބިލްޑަރ އަޒްނީން ރަޝާދު ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
މި އަދަދަށް އަޒްނީން ރަން މެޑަލް ހޯދާފައިވަނީ ބޫޓާނުގެ ތިމްޕޫގައި ނިމިދިޔަ "16 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2026" ގެ މެންސް އެތުލެޓިކް ފިޒީކް (އަޕް ޓޫ 167 ސެންޓިމީޓަރު) ކެޓަގަރީން ހޯދި ރަން މެޑަލްއާއެކު އެވެ.
އަޒްނީން މި ރަން މެޑަލް ހޯދީ ދެވަނައަށް ދިޔަ އިންޑިއާގެ އަރުނާޗަލަމް ކަންނަންއާއި ތިންވަނައަށް ދިޔަ އަފްޣާނިސްތާނުގެ ބިލާލް ޖަލީލީ ފަހަތަށް ޖައްސާލުމަށްފަހު އެވެ.. މި ކެޓެގެރީގެ ހަތަރުވަނަ ސްރީލަންކާގެ މަދޫޝަން ވިޖެވަރްދަނާ ހޯދިއިރު، ފަސްވަނައަށް ދިޔައީ ބޫޓާނުގެ ރޯޝަން ގުރުންގެވެ.
މި ކާމިޔާބީއަކީ އަޒްނީންގެ ކުޅިވަރު ހަޔާތުގައި ހޯދި ނުހަނު ފާހަގަކޮށްލެވޭ ރިކޯޑެކެވެ. ދިވެހި ބޮޑީބިލްޑިންގގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް އެތުލީޓުގެ ގޮތުގައި ފާހަގަކުރެވޭ އަޒްނީން ވަނީ ޤައުމީ ފެންވަރުގައި "ސްޕޯޓްސް ފިޒީކް" ކެޓެގެރީން ޖެހިޖެހިގެން 5 އަހަރު އެއްވަނަ ހޯދުމުގެ އިތުރުން، 9 އަހަރުގެ ބުރަ މަސައްކަތަށްފަހު މިސްޓަރ މޯލްޑިވްސް 2025 ގެ ޝަރަފުވެރި ލަޤަބުވެސް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ދުނިޔޭގެ ބޮޑީބިލްޑިންގ މުބާރާތުން (2022 އިން 2024 އަށް) ޖެހިޖެހިގެން 3 އަހަރު ރަން މެޑަލް ހޯދާފައިވާ އަޒްނީން، ބޫޓާނުގައި ހޯދި މި ކާމިޔާބީއާއެކު އޭނާ ސަރަޙައްދީ ފެންވަރުގައި އަދިވެސް ބަލިކުރެވޭވަރުގެ އެތުލީޓެއް ނެތްކަން މިވަނީ ސާބިތުކޮށްދީފައެވެ.
މި ކާމިޔާބީއަށްފަހު އަޒްނީން ބުނީ، ބައިނަލްއަޤްވާމީ ސްޓޭޖެއްގައި ރާއްޖޭގެ ޤައުމީ ސަލާމް އަޑުއިވިގެންދިޔަ ވަގުތު އިޙްސާސްވި އުފަލާއި ފަޚުރުވެރިކަން ބަހުން ބުނެދޭންވެސް ނޭނގޭ ކަމަށެވެ. އަދި ޤައުމު ތަމްސީލުކުރުމުގެ ފުރުޞަތު ލިބުމަކީ އަބަދުވެސް ލިބޭ ބޮޑު ޝަރަފެއްކަން ފާހަގަކުރަމުން އަޒްނީން ބުނީ، މިއީ ހަމައެކަނި އޭނާގެ މެޑަލެއް ނޫން ކަމަށާއި، މި މެޑަލް ނިސްބަތްވަނީ މުޅި ދިވެހިރާއްޖެއަށް ކަމަށެވެ.
ކޯޗު ޢަބްދުލްހަސީބް ހުސައިންގެ އިރުޝާދުގެ ދަށުން ވާދަކުރި ދިވެހި ޤައުމީ ޓީމުން ވަނީ މުޅި މުބާރާތުގައިވެސް ތަފާތު ބޮޑު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، މެންސް އެތުލެޓިކް ފިޒީކް 170 ސެންޓިމީޓަރު ކެޓެގެރީން އަޙްމަދު ނައީމް އަދި 175 ސެންޓިމީޓަރު ކެޓެގެރީން ޢަލީ މަބްރޫކް ލަތީފް ވަނީ ރިހި މެޑަލް ހާސިލުކޮށްފައެވެ. މީގެ އިތުރުން، ދިވެހި ޓީމުގެ އެހެން ބައެއް އެތުލީޓުންވެސް ވަނީ އެކި ކެޓެގެރީތަކުގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނިފައެވެ.