އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބިންގަލަކަށް ވާންޖެހެނީ އޯގާތެރިކަމާއި ކެތްތެރިކަމެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ދިވެހި މުޖުތަމައަށް ނަޒަރު ހިންގާލާއިރު ފެންނަނީ ނުހަނު ހިތްދަތި މަންޒަރެކެވެ. އަޅުގަނޑުމެންގެ ތެރޭގައި އަނިޔާވެރިކަން މިވަނީ އިންތިހާއަށް ފެތުރިފައެވެ.
ގޭތެރޭގެ ހަތަރު ފާރުގެ ތެރެއިން ފެށިގެން، ކުދިން ތަރުބިއްޔަތުކުރާ ސްކޫލް މަދަރުސާތަކާއި، ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރާ މަސައްކަތުގެ މާހައުލުގައި ވެސް އޮތީ އަނިޔާވެރިކަމެވެ. މުޖުތަމައުގެ އާންމު މަސްލަހަތު ގެއްލި، އިންތިހާ ދަރަޖައިގެ އަނިޔާވެރިކަން ވަނީ މޫލާފައެވެ. ނޫސްތަކާއި ޓީވީ އަދި ސޯޝަލް މީޑިޔާގެ ސަފުހާތަކުން ފެންނަނީ އަޅުގަނޑުމެން އަނެކަކަށް ބަހުގެ ހަމަލާދީ، ފުރައްސާރަކޮށް، ހިތްދަތިކަންދޭ މަންޒަރުތަކެވެ.
ދިވެހިރާއްޖޭގައި އަނިޔާވެރިކަން އޮތް މިންވަރު ތަފާސްހިސާބުތަކުން ވެސް މިއަދު ސާފުކޮށް ފެންނަން އެބައޮތެވެ. ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާގެ މައްސަލަތައް އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ. ވަކިން ހާއްސަކޮށް، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މަދުނުވެ އިތުރުވަމުންދާކަމީ އަޅުގަނޑުމެން ލަދުވެތިވާންޖެހޭ ކަމެކެވެ.
އަދި މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ނަފްސާނީ އަނިޔާތަކާއި ގަނާކުރުމާއި ފުރައްސާރައިގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ވެސް ވަނީ ފާހަގަކުރެވޭ މިންވަރަށް މަތިވެފައެވެ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ފުންކޮށް ވިސްނާލަންޖެހޭ ބޮޑު މައްސަލައެކެވެ.
ބައިނަލްއަޤްވާމީ ގޮތުން ނެރޭ 'ވާރލްޑް ހެޕިނަސް ރިޕޯޓް' އިން ބުނާގޮތުގައި، އެންމެ އުފާވެރި މުޖުތަމައުތަކުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިކަން އިސްކުރާ މުޖުތަމައުތަކެވެ. މި ރިޕޯޓުން ދައްކާގޮތުގައި، އިޖުތިމާއީ އަޅާލުމާއި ދީލަތިކަމަކީ އުފާވެރިކަމުގެ މައިގަނޑު އަސާސެވެ. އަޅުގަނޑުމެންގެ ތެރޭގައި މި ސިފަތައް ކުޑަވެ، އަނިޔާވެރިކަން އިތުރުވުމަކީ އަޅުގަނޑުމެންގެ ޤައުމީ އުފާވެރިކަން ގެއްލިގެންދާ ސަބަބެކެވެ.
އަޅުގަނޑުމެންނަކީ މުސްލިމުންނެވެ.
އިސްލާމްދީނަކީ އޯގާތެރިކަމާއި ރަހުމުގެ ދީނެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަނީ އެކަލާނގެ ރަޙްމަތްވަންތަކަމުގެ ވާހަކަ އެތައް ފަހަރަކު ބަޔާންކުރައްވާފައެވެ. ސޫރަތުލް އަޢުރާފްގެ 156 ވަނަ އާޔަތުގައި ވަނީ: "وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ" (މާނައީ: ތިމަންރަސްކަލާނގެ ރަޙްމަތްފުޅު ކޮންމެ އެއްޗަކަށްމެ ތަނަވަސްވެގެންވެއެވެ.) މާތްﷲ އީ އެކަލާނގެ އަޅުންދެކެ ނުހަނު ލޯބިވެވޮޑިގެންވާ ރަހީމްވަންތަ ކަލާނގެއެވެ. ވީއިރު، މުސްލިމުންގެ ގޮތުގައި ތިބެ އަޅުގަނޑުމެން އެކަލާނގެ އަޅުންގެ މައްޗަށް މިހާ އަނިޔާވެރި ވެގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟
ކީރިތި ރަސޫލާ ﷺ ގެ ޙަޔާތްޕުޅަކީ އޯގާތެރިކަމުގެ އެންމެ މަތިވެރި ނަމޫނާއެވެ. އެކަލޭގެފާނަށް އަނިޔާކުރި މީހުންނާމެދު އެކަލޭގެފާނު ކަންތައް ކުރެއްވިގޮތް މިގޮތުން ފުދެއެވެ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ނަމޫނާއަކަށް ބަލަންޖެހޭ މަތިވެރި ސިފައެކެވެ. އަނެކާގެ ހިތަށް ލިބޭނެ ތަދާއި، ކުރާނެ އަސަރަށް ވިސްނާލުމުގެ ބާރު އަޅުގަނޑުމެންގެ ކިބައިން ބީވެގެން ދިޔައީ ކީއްވެ ހެއްޔެވެ؟ ހެޔޮނުވާނެއެވެ. އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް އިސްލާހުކުރަން އެބަޖެހެއެވެ. ލޯތްބާއި އެކު އަނެކުންނާ މުއާމަލާތުކުރާ، ހިތްހެޔޮ ބަޔަކަށް ވަމާ ހިނގާށެވެ.
އުފާވެރިކަމާބެހޭ ދިރާސާތަކުގައި ބަޔާންކުރާ ފަދަ އުފާވެރި މުޖުތަމަޢުތަކަށް އަޅުގަނޑުމެންގެ ސިޓީތަކާއި ރަށްތައް ހެދުމަށް ކައުންސިލްތަކުން ޚާއްޞަ މަސައްކަތްތަކެއް ފަށަންވެއްޖެއެވެ. އަދި ސަރުކާރުން މިކަން ކުރުމަށްޓަކއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދޭން ވެއްޖެއެވެ. އެހެންނޫން ކަމުގައިވާނަމަ، ދުރުނޫން މުސްތަގުބަލެއްގައި ދިވެހިރާއްޖެއަކީ މީހުން ދިރިއުޅެން އެކަށީގެންނުވާ ވަރުގެ އަނިޔާވެރި ތަނަކަށް އިސާހިތަކު ބަދަލުވެގެން ހިނގައިދާނެއެވެ.
ރުޅިމަޑުކޮށް ހިތްހެޔޮކަން އިސްކުރަމާތޯ
އޯގާތެރިވުމުގެ ފުރަތަމަ މަރުހަލާއަކީ މީހުންނާ މެދު ވިސްނާއިރު އޯގާތެރި ހިތަކުން ވިސްނުމެވެ. މީހަކު ކުރާ ކަމަކުން ނުވަތަ ބުނާ ބަހަކުން އޭނާއާ މެދު ނުބައި ގޮތަކަށް ދެކުމުގެ ބަދަލުގައި، އޭނާ އެހެން އެ ބުނީ ނުވަތަ އެ ކުރީ ކީއްވެގެންތޯ ހަމްދަރުދީއާއެކު ވިސްނާލަން ޖެހެއެވެ. މުއާމަލާތު ކުރުމުގައި މަޑުމައިތިރިކަމާއި ހިނިތުންވުމާއެކު ވާހަކަދެއްކުމަކީ ހިތްތަކުގައި ލޯބި އިތުރުވާ ކަމެކެވެ. އަދި އަބަދު ރުޅިއައިސްފައި ނިއިންނާށެވެ.
ރުޅިއަކީ އަޅުގަނޑުމެންގެ ބުއްދި ފަރުދާކޮށްލާ، ގުޅުންތައް ހަލާކުކޮށްލާ އެއްޗެކެވެ. ރުޅި އަންނަ ވަގުތު އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް، މަޑުމައިތިރިކަން އިސްކުރުމަކީ މަތިވެރި ސިފައެކެވެ.
އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި ވެސް ހިތްހެޔޮކަން އިސްކުރަމާތޯއެވެ. މަގުމަތިން މީހަކާ ބައްދަލުވުމުން ގޮވާލާ ގޮވާލުމުން ފެށިގެން، ބޮޑެތި ކަންކަމުގައިވެސް އޯގާތެރިކަން އިސްކުރަމާތޯއެވެ.
އޯގާތެރި ހިތެއްގެ ވެރިއަކަށް ވެވިއްޖެ ނަމަ، އަޅުގަނޑުމެންގެ ދިރިއުޅުމަކީ ބަރަކާތުން ފުރިގެންވާ، އުފާވެރި ދިރިއުޅުމަކަށް ވާނެއެވެ. އެހެންކަމުން، އަބަދުވެސް އޯގާތެރި ހިތަކުން މީހުންނާ މެދު ވިސްނައި، ހިތްހެޔޮކަމާއެކު މުއާމަލާތުކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިނގާށެވެ.